އަހުމަދު މަސްނޫމް   29 އޯގަސްޓު 2021 - 20:31
މާލެ އަތޮޅު ރަސްފަރި ފަރަށް މިމަހުގެ 19 ވަނަ ދުވަހު އެރި އާގު ބޯޓު މިއަދު ފުންކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ، އެމްއެންޑީއެފާއި ކަމާއި ގުޅުންހުރި އިދާރާތަކުން ކުރި މަސައްކަތުން ރަސްފަރި ފަރަށް އެރި "ނެވިއޯސް އަމާރިލީސް" އާގު ބޯޓު މިއަދު މެންދުރު 14:08ހާއިރު ފުންކޮށްފައިވާކަމަށެވެ.

ކ. ރަސްފަރި ފަރަށް މިބޯޓު އަރާފައިވަނީ އިންޑިއާއިން ފުރައިގެން ސައުތު އެފްރިކާއަށް ދަތުރު ކުރަމުން ދަނިކޮށެވެ. ބޯޓުގައި ތިބީ ފިލިޕީންސަށް ނިސްބަތްވާ 19 މީހުންނެވެ.

އެންވަޔަރަމަންޓް މިނިސްޓްރީއާއި ކަމާއިބެހޭ އެހެން ފަރާތްތަކުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ބުނީ އާގުބޯޓު ރަސްފަރި ފަރަށް އަރާފައިވަނީ ބޯޓުގެ އިންޖީނެއްގެ ހޫނުމިން މާބޮޑަށް މަތިވެގެން، އިންޖީނު ނިއްވާލުމުގެ ސަބަބުން ބޯޓު ބީހުމުންކަމަށެވެ. އަދި ބޯޓު ބީހެންދިއުމުން ރަސްފަރި ފަރު ސަލާމަތްކުރުމަށް ބޯޓުގެ ކެޕްޓަންގެ އެކަށީގެންވާ މަސައްކަތެއް ނުކުރާކަމަށާއި އަދި މިހާދިސާ ހިނގުމުން އަންގަންޖެހޭ ފަރާތްތަކަށް ކެޕްޓަން އަންގާފައިނުވާކަމަށްވެސް ކަމާއިބެހޭ ފަރާތްތަކުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ މިބޯޓު ފަރަށް އެރުމުން އެކަމުގެ ރިޕޯޓް ލިބިފައިވަނީ ބޯޓުން ނޫންކަމަށާއި، އެ ރިޕޯޓު ލިބުނީ ވެސް އާންމު ފަރާތަކުންކަމަށެވެ.

އެންވަޔަރަމަންޓް މިނިސްޓަރީން ބުނީ މިކަމުގައި އިހުމާލުވެފައިވާ ފަރާތްތަކަށް ފިޔަވަޅު އަޅާނެކަމަށެވެ. އަދި ތިމާވެއްޓަށް ލިބުނު ގެއްލުމުގެ ބަދަލު ނުލިބެނީސް ބޯޓަށް ނުފުރޭނެކަމަށްވެސް ކަމާއިބެހޭ ފަރާތްތަކުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން