ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމްކުރި ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ހުސެއިން ފާއިޒް ރަޝާދުގެ އޯޑިއޯއެއް ލީކުވުމާއި ގުޅިގެން އެ މައްސަލަ ތަހުގީގު، އިދާރާތަކަށް ހުށަހަޅާނެ ކަމަށް އިދިކޮޅު ކޯލިޝަން ވަގުތީ ގޮތުން ހިންގެވުމާ ހަވާލު ވެ ހުންނެވި ޕީއެންސީގެ ރައީސް އަބުދުއްރަހީމް އަބުދު ﷲ ވިދާޅުވެެއްޖެއެވެ.

ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައީސް ޔާމީނަށް ފަސް އަހަރުގެ ހުކުމެއް އިއްވާފައި ވަނީ ފަނޑިޔާރުން ރަހީނު ކޮށްގެންކަން އެ އޯޑިއޯއިން ސާބިތުވާ ކަމަށެވެ. ފާއިޒް އަމިއްލަފުޅަށް ރައްޓެއްސަކަށް އެ ވާހަކަތައް ކިޔައިދީ، އެއީ މަޖުބޫރުން ކުރި ހުކުމެއް ކަމަށް އެއްބަސްވެ ވަޑައިގަންނަވާ ކަމަށް އެ އޯޑިއޯއާއި ހަވާލާ ދެއްވާ އަބުދުއްރަހީމް ވިދާޅުވިއެވެ.

އަބުދުއްރަހީމް ވިދާޅުވީ ރައީސް ޔާމިނަށް ހުކުމް ކުރި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފާއިޒު ރަޝާދު އެ ހުކުމް އިއްވާފައި ވަނީ ފަނޑިޔާރުން ރަހީނު ކޮށްގެން ކަމަށާއި އޭނާ ރަހީނު ނުކުރި ނަމަވެސް "އަނބިމީހާ ވެސް ރަހީނު ކުރެވޭނެ ނޫންތޯ" އޭ ފާއިޒް ވިދާޅުވާ ކަމަށެވެ. އެހެންކަމުން ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމާއި ގުޅިގެން އިދިކޮޅުން ދައްކަމުން އަންނަ ވާހަކަތަކުގެ ހަގީގަތް ހާމަވަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

"ވަރަށް ސާފު އިބާރާތުން ފަނޑިޔާރުން ވިދާޅުވެފައި އެ އޮތީ ރަހީނުކޮށްގެންނޭ މި ހުކުމްކުރީ. މިކަމުން ސަރުކާރަށް ނެއްޓެވޭނެ އެއްވެސް ގޮތެއް ނޯއްނާނެ. މިއީ ރައީސް އިބްރާހިމް މުހަންމަދު ސާލިޙު އިސްވެ ހުންނަވައި ކުރެއްވި ކަމެއް، އެމަނިކުފާނާ ވެސް ގާނޫނު އަރާ ހަމަ ކުރާނެ، އެ ދުވަސް މާ ލަހެއް ނުވާނެ." އަބުދުއްރަހީމް ވިދާޅުވިއެެވެ.

އޯޑިއޯގައި ދައްކާފައި ހުރި ވާހަކަތަކާއި ގުޅިގެން އެ މައްސަލަ ތަހުގީގު ކޮށްދިނުމަށް ސަރުކާރުގެ ކަމާގުޅުންހުރި ފަރާތްތަކަށް ހުށައެޅުމަށް ވަނީ ނިންމާފައެެވެ. ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގެ ފަރާތުން ވެސް އެ މައްސަލަ ކަމާ ގުޅުންހުރި ފަރާތްތަކަށް ހުށަހަޅާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ.

ރައީސް ޔާމިން ހުކުމް ކުރަން ތިން ގަޑިއިރަށް ވެފައިވަނިކޮށް އެމައްސަލަ ބެއްލެވި ގާޒީ ސަސްޕެންޑްކޮށް އެމަނިކުފާނުގެ މައްޗަށް ހުކުމް ކޮށްފަައިވަނީ ފަސް ފަޑިޔާރުންގެ ބެންޗެއް އެކުލަވާލައިގެންނެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ރައީސް ޔާމިންގެ މައްޗަށް އިއްވާފައިވަނީ ނުހައްގު ސިޔާސީ ހުކުމެއް ކަމަށް އިދިކޮޅު ކޯލިޝަނުން އަންނަނީ ބުނަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން