ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ފަސް އަހަރުގެ ހުކުމެއް އިއްވީ ފަނޑިޔާރުން ރަހީނު ކޮށްގެން ކަމަށް، އެމައްސަލަ ބެއްލެވި ގާޒީއަކު ވިދާޅުވުމުން ރައީސް ޔާމިން މިހާރުން މިހާރަށް މިނިވަން ކުރުމަށް އިދިކޮޅު ލީޑަރޝިޕްގެ އިސްބޭފުޅުން މިއަދު ގޮވާލައްވައިފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ ފަނޑިޔާރުން ރަހީނު ކޮށްގެން ކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ފަނޑިޔާރު ހުސެއިން ފާއިޒް ރަޝާދު ވިދާޅުވި ކަމަށް ބުނާ އޯޑިއޯއެއް މިހާރު ވަނީ ލީކުވެފައެވެ. އެ އޯޑިއޯ އާންމުވުމާއެކު ރައީސް ޔާމިން މިނިވަން ކުރުމަށް ގޮވާލާ އަޑުތަށް ގަދަވެފައިވާ މި ދަނޑިވަޅުގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހަންމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ގާޒީން ރަހީނުކޮށް މަޖުބޫރުކޮށްގެން ކުރާ ހުކުމެއް ބާތިލްވާނެ ކަމަށެވެ. އަދި އެކަން ތަހުގީގުކުރަންޖެހޭ ކަމަށް ޝަހީމް ވިދާޅުވިއެވެެ. އަދި މިފަދަ އޯޑިއޯއެއް ލީކްވުމުން ރައީސް ޔާމިން ވަގުތުން މިނިވަން ކުރަންޖެހޭނެ ކަމަށް ޝަހީމް ވިދާޅުވިއެވެެ.



އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ ރައީސް ޔާމީނަށް ހުކުމްކޮށްފައިވަނީ ރައީސް މުހައްމަދު ނަޝީދާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އަދި ކޯލިޝަންގެ ވެރިން ކަމަށެވެ. އެކަން ކުރި ގޮތާއި މަގުސަދު ހާސިލްވަމުންދާ ކަމަށާއި އެކަމަކު ތާއަބަދު އިންޑިއާ ކަނޑުވާން ދިވެހިން ނުތިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބާތިލު ހާލި ހަދައިގެން ހައްގު އުފަން ނުވާނެ ކަން ގަބޫލުކުރުމަކީ ކުއްހީއެއް ކަމަށް ސައީދު ވިދާޅުވިއެވެެ.

ޕީޕީއެމްގެ ނައިބް ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވީ ސަރުކާރުން ފަނޑިޔާރުން ރަހީނުކޮށް ރައީސް ޔާމީނަށް ކުރި ހުކުމް އިއްތިފާގަކަށް ނުހައްދަވާ ޖޭއެސްސީން މައްސަލަ ބަލަންޖެހޭނެ ކަމަށެވެ. ފަރެސްމާތޮޑާ ދާއިރާގެ ޕީޕީއެމް މެންބަރު ހުސައިން މުހައްމަދު ލަތީފް ވިދާޅުވީ ރައީސް ޔާމީނަށް ކުރި ހުކުމަކީ "ހަރާމް ހުކުމެއް" ކަން އޭރުވެސް ރައްޔިތުން އޮތީ ނިންމާފައި ކަމަށެވެ. އެހެންވެ ރައީސް ޔާމީން މިހާރުން މިހާރަށް މިނިވަންކުރުމަށް ސެންބެ ގޮވާލެއްވި އެވެ.

ރައީސް ޔާމީން މިހާރު ދޫކޮށްލުމަށް ޕީޕީއެމްގެ ނައިބް ރައީސް އަދި ތ. ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ގައްސާން މައުމޫން ވަނީ ގޮވާލައްވާފައެވެ. ޣައްސާނު ވިދާޅުވީ ރައީސް ޔާމީނަށް ކުރެވުނު ހުކުމަކީ ނުހައްގުން ސިޔާސީ އަނިޔާއެއް ކަން އެނގި ހާމަވަމުންދާ ކަމަށެވެ.

"ހަމަ މިހާރު އެމަނިކުފާނު މިނިވަންކުރަން ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް ގޮވާލަން. 2023 ގައި ރާއޖޭގެ ވެރިކަމަށް ރައީސް ޔާމީން އިންތިހާބު ކުރާނަން،" ގައްސާން ވިދާޅުވިއެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ރައީސް ޔާމިން ވަގުތުން ވަގުތަށް މިނިވަން ކުރަންޖެހޭ ކަމަށާއި އެމަނިކުފާނަށް ދެމުންދާ އަނިޔާ ހުއްޓާލައި އަނިޔާއަށް ބަދަލު ދޭންޖެހޭ ކަމަށެވެ.

ރައީސް ޔާމިނަށް ހުކުމްކުރީ މައްސަލަ ބެއްލެވި ގާޒީން ރަހީނުކޮށްގެން ކަމަށް ގާޒީ ހުސެއިން ފާއިޒް ރަޝާދު ވިދާޅުވި އޯޑިއޯއެއް ލީކުވެފައިވާއިރު، އެމައްސަލަ ބެއްލެވި ގާޒީންގެ ބެންޗުގައި ހިމެނޭ އަލީ އާދަމަށް، ރައީސް ޔާމީނަށް އިއްވި ހުކުމްގައި އޮތް އެއްޗެއްވެސް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވާ އޯޑިއޯ އެއްވެސް ވަނީ އާންމުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު