ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް މަނީ ލޯންޑަރިންގެ މައްސަލައިގައި ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ބާތިލްކޮށް އެއްވެސް ޝަރުތަކާއި ނުލައި އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލާ ޕީޕީއެމް ޕީއެންސީގެ ޖޮއިންޓު ކައުންސިލުން މިރޭ ގަރާރެއް ފާސްކޮށްފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރި ހުކުމާ ގުޅޭ ގޮތުން އެ ހުކުމް އިއްވި ބެންޗުގައި ތިއްބެވި ތިން ފަނޑިޔާރެއްގެ އޯޑިއޯ އާއި ގުޅިގެން ފާސްކުރި މި ގަރާރު ޕީޕީއެމް، ޕީއެންސީގެ ޖޮއިންޓު ކައުންސިލް ބައްދަލުވުމުން ފާސްކުރީ އެ ބައްދަލުވުމުގައި ބައިވެރިވި އެންމެހާ މެމްބަރުންގެ އިއްތިފާގުންނެވެ.

އެ ގަރާރުގައި ބުނެފައިވަނީ ރައީސް ޔާމީނަށް ކުރި ހުކުމަކީ ގަދަ ބާރުން އެ ފަނޑިޔާރުންނަށް ބިރު ދައްކައި ނުފޫޒު ފޯރުވައި، ރަހީނުކޮށްގެން އަދި އޮޅުވާލައިގެން ކޮށްފައިވާ ނުހައްގު ހުކުމެއް ކަމަށް އެ ފަނޑިޔާރުން ގަބޫލުކުރާކަން މިއަދު ހާމަވެފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން ރައީސް ޔާމީނަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އެތައް ގެއްލުމެއް ލިބިވަޑައިގެންފައިވާކަމަށް ގަރާރުގައި ބުނެފައިވެއެވެެ. މީގެއިތުރުން ޕާޓީގެ ލީޑަރެއްގެ ހައިސިއްޔަތުން އަދާކުރައްވަން ޖެހިވަޑައިގަންނަވާ މަސްއޫލިއްޔަތު އަދާކުރެއްވުމަށް ލިބިދީފައިވާ އެންމެހާ ހައްގުތައް އެމަނިކުފާނުގެ ކިބައިން ފޭރިގެންފައިވާކަމަށްވެސް އެ ގަރާރުގައި ބުނެފައިވެއެވެ.

އެ ގަރާރުގައި ރައީސް ޔާމީނަށް ލިބިފައިވާ ޖިސްމާނީ އަދި ނަފުސާނީ ގެއްލުމާއި ޕާޓީގެ ލީޑަރުގެ ގޮތުގައި މަސައްކަތް ނުކުރެއްވުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް ހުށައަޅަން ވަނީ ގޮވާލާފައެވެ.

އިދިކޮޅު ކޯލިޝަން ވަގުތީ ގޮތުން ހިންގަވާ، ޕީއެންސީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ރައީސް ޔާމީނަށް އިންސާފު ހޯދައިދިނުމަށް އާންމުން މަގުމައްޗަށް ނުކުތުމަށް ގޮވާލައްވާފައެެވެ. ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުންގެ އިތުރުން އެ ދެ ޕާޓީގެ ކައުންސިލު މެމްބަރުން ވެސް ގަރާރަށް ތާއިދު ކުރައްވައި ސަރުކާރުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ތުހުމަތުކޮށް ރައީސް ޔާމިން މިނިވަން ކުރުމަށް ވަނީ ގޮވާލާފައެވެ.

ފަނޑިޔާރުންގެ އޯޑިއޯތައް ލީކުވުމާ ގުޅިގެން ޖުޑިޝަލް ސާވިސް ކޮމިޝަން ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ކުރާ ތުހުމަތުތައް ވަރަށް ހާއްސަކަމެއް ދީގެން ބަލާނެ ކަމަށެވެ.

"އަމިއްލަ ފަރުދަކު ވެސް ދައުލަތުގެ ކަމެއް ހިންގުމާއި ހަވާލުވެ ހުންނަ މީހަކު ވިޔަސް ފަނޑިޔާރުންގެ މަސައްކަތާއި ބެހި ނުފޫޒު ފޯރުވާ ކަމަށް ކުރެވޭ ތުހުމަތުތަކަކީ ފަނޑިޔާރު ގޭގެ އިތުބާރު ނެގެހެއްޓުމާއި ފަނޑިޔާރުގޭގެ މިނިވަންކަމާއި އިންސާފުވެރިކަން ކަށަވަރުކޮށް ދެމެހެއްޓުމަށްޓަކައި ވަކިން ޚާއްސަ ސަމާލު ކަމެއް ދީގެން މި ކޮމިޝަނުން ތަހުގީގު ކުރާނެ ކަމެއް ކަމުގައި ދެންނެވީމެވެ." ޖޭއެސްސީ އިން ނެރުނު ބަޔާނުގައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު