ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ ބަޔަކު ނުފޫޒު ފޯރުވައިގެންކަމަށް އެމައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވި ފަނޑިޔާރުން ވިދާޅުވާ އޯޑިއޯތަކެއް ލީކުވުމާއެކު ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިމައްސަލަ ހޫނުވެ އެންމެފަހުން ޖޭއެސްސީން ވަނީ ލީކުވެގެން އުޅޭ އޯޑިއޯތަކުގެ މައްސަލަ ބަލަންވެސް ނިންމާފައެވެ.

ލީކުވެގެން އުޅޭ އޯޑިއޯތަކާއި މެދު ވާހަކަދައްކަވާ ބޭފުޅުން ވިދާޅުވާގޮތުން ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވަނީ އިންސާފުވެރި ނޫން ހުކުމެއްކަމަށް ބުނާ ބުނުންތަކަށް އޯޑިއޯތަކުގެ ސަބަބުން ބާރު ލިބެއެވެ. އަދި ރައީސް ޔާމީން ވަގުތުން ދޫކޮށްލުމަށް އިދިކޮޅު ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.

ފަނޑިޔާރުންނަށް ބިރު ދެއްކިކަން ހާމަވާ އޯޑިއޯތަކެއް ލީކުވެގެން އެކަމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުން ފާޅުކުރިނަމަވެސް، ސޯޝަލް މީޑިއާގައި ސިޔާސީ ކަންކަމާއި މެދު ބަސް ވިދާޅުވާ ޝައިހް ޒައިދުގެ ވާހަކަތައް ހުރީ ވަރަށް ތަފާތުކޮށެވެ.

ޝައިހް ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނުފޫޒު ފޯރުވައިގެން، ވަކި ބަޔަކަށް މަންފާވާ ގޮތަށް ހުކުމް ކުރެއްވިކަމަށް ފަނޑިޔާރަކު އަމިއްލައަށް ވިދާޅުވާ ހިސާބުން އެ ފަނޑިޔާރަކު އިސްތިއުފާދެއްވަންޖެހޭނެ ކަމަށެވެ. އަދި އެއީ ސީރިއަސް މައްސަލައެއްކަމަށް ޒައިދު ވިދާޅުވިއެވެ.

ޒައިދުގެ ވާހަކައިގައި އެއްވެސް ވަރަަކަށް ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާތީ ކަންބޮޑުވުން ފާޅުކޮށްފައެއް ނުވެއެވެ. އޭނާއަށް ގޯސްވީ ފަނޑިޔާރުންނެވެ. ޒައިދު މިހެން މި އަމަލު ކުރައްވަނީ، ފަނޑިޔާރުންނަށް ނުފޫޒު ފޯރުވިކަމުގެ ތުހުމަތު ކުރެވެނީ ޒައިދުގެ ގާތް ބޭފުޅަކަށްވުމުންކަމަށް އެކަށީގެންވެއެވެ.



ލީކުވި އޯޑިއޯއެއްގައި ވާހަކަދައްކަވާ ފަނޑިޔާރަކު ވަނީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުގެ ވާހަކަތަކެއް އޯޑިއޯގައި ދައްކާފައެވެ. ނަމަވެސް އެކަމުގެ އެއްވެސް ތަފްސީލެއް ހާމައެއް ނުކުރެއެވެ.

ކުރީގެ ރައީސް އަބުދު ﷲ ޔާމިނަށް ހުކުމްކުރި ފަނޑިޔާރުންގެ ލީކުވެފައިވާ އޯޑިއޯތަކުގެ މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ތަހުގީގު ކުރަންވެސް ވަނީ ނިންމާފައެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުން ބެއްލެވި މައްސަލައެއްގައި ހުކުމްކުރުމުގައި ބައިވެރިވި ބައެއް ފަނޑިޔާރުން އެމައްސަލަ ވަކިގޮތަކަށް ނިއްމުމަށް ނުފޫޒު ފޯރުވި ކަމަށް ވިދާޅުވާ އޯޑިއޯތަކުގެ މައްސަލަ ޚާއްސަ އިސްކަމެއް ދީގެން ތަހުގީގު ކުރާނެ ކަމަށެވެ. ޖޭއެސްސީ އިން ބުނީ ފަނޑިޔާރުންނަކީ ވަކި ފަރާތަކަށް ބުރަނުވެ ވަކި ފަރާތަކުން ދައްކާފާނެ ބިރަކަށް ޖެހިލުންނުވެ ތައައްސުބުން އެއްކިބާވެ ގާނޫނު އަސާސީއާއި ގާނޫނާއި އެއްގޮތަށް ކަންތައްތަށް ނިންމުން މަތީގައި ދެމި ތިބެންޖެހޭ ބައެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން