ކުރީގެ ރައީސް އަބްދުﷲ ޔާމިނަށް ހުކުމްކުރި ފަނޑިޔާރުންގެ ލީކުވެފައިވާ އޯޑިއޯތަކުގެ މައްސަލައިގައި ހިމެނޭ ފަނޑިޔާރުންގެ ފަރާތުން މައުލޫމާތު ސާފުކުރުމުގެ މަސައްކަތް މިއަދު ފަށަން މަސައްކަތްކުރަމުންދާކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ހާމަކޮށްފިއެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިއަދު ބޭއްވި ކޮމިޝަންގެ ކުއްލި ޖަލްސާގައި ކްރިމިނަލް ކޯޓުން ބެއްލެވި މައްސަލައެއްގައި ޙުކުމް ކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ފަނޑިޔާރުންނަށް އެ މައްސަލަ ވަކި ގޮތަކަށް ނިންމެވުމަށް ނުފޫޒު ފޯރުވިކަމަށް އެ ފަނޑިޔާރުން ވިދާޅުވާކަމަށް ބުނާ މައްސަލަ ތަޙުޤީޤުކުރުމަށް ނިންމާފައިވާކަމަށެވެ. އަދި މައްސަލަ ތަޙުޤީޤުކުރުމަށް އެކުލަވައިލި ކޮމިޓީން މައްސަލައިގެ ތަޙުޤީޤު މިހާރު ފަށާފައިވާއިރު މި މައްސަލާގައި ހިމެނޭ ފަނޑިޔާރުންގެ ފަރާތުން މަޢުލޫމާތު ސާފުކުރުމުގެ މަސައްކަތް މިއަދު ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާކަމަށް ޖޭއެސްސީން ބުނެއެވެ.



ޖުޑިޝަލް ސާވިސް ކޮމިޝަނުން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ފަނޑިޔާރުންނަކީ ވަކި ފަރާތަކަށް ބުރަނުވެ ވަކި ފަރާތަކުން ދައްކާފާނެ ބިރަކަށް ޖެހިލުންނުވެ ތައައްސުބުން އެއްކިބާވެ ގާނޫނު އަސާސީއާއި ގާނޫނާއި އެއްގޮތަށް ކަންތައްތަށް ނިންމުން މަތީގައި ދެމި ތިބެންޖެހޭ ބައެއް ކަމަށެވެ.

"އަމިއްލަ ފަރުދަކު ވެސް ދައުލަތުގެ ކަމެއް ހިންގުމާއި ހަވާލުވެ ހުންނަ މީހަކު ވިޔަސް ފަނޑިޔާރުންގެ މަސައްކަތާއި ބެހި ނުފޫޒު ފޯރުވާ ކަމަށް ކުރެވޭ ތުހުމަތުތަކަކީ ފަނޑިޔާރު ގޭގެ އިތުބާރު ނެގެހެއްޓުމާއި ފަނޑިޔާރުގޭގެ މިނިވަންކަމާއި އިންސާފުވެރިކަން ކަށަވަރުކޮށް ދެމެހެއްޓުމަށްޓަކައި ވަކިން ޚާއްސަ ސަމާލު ކަމެއް ދީގެން މި ކޮމިޝަނުން ތަހުގީގު ކުރާނެ ކަމެއް ކަމުގައި ދެންނެވީމެވެ." ޖޭއެސްސީ އިން ނެރުނު ބަޔާނުގައިވެއެވެ.

އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް ކުރި ގާޒީންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަސް ގާޒީންގެ ތެރެއިން ބައެއް ގާޒީންގެ އޯޑިއޯ ތަކެއް ލީކުވެފައިވާއިރު އެ އޯޑިއޯތަކުން އެ ހުކުމުގެ މިނިވަންކަމާއި އިންސާފުވެރި ކަމާއި މެދު ވަނީ ސުވާލު ތަކެއް އުފެދިފައެެވެ. އެ ގާޒީންގެ ނަޒާހަތްތެރިކަމާއި މެދު ސުވާލު އުފެދި އެ ގާޒީންގެ ސުލޫކީ މައްސަލަތަކެއް ވެސް އެ އޯޑިއޯތަކުން ވަނީ ހާމަވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން