ސަލްމާން މިސްކިތް އަންނަ އަހަރުގެ ރަމަޟާންމަހު ހުޅުވުމަށް މަޝްވަރާކޮށްފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓްރީން ބުނީ ސަލްމާން މިސްކިތް ހުޅުވުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ރާއްޖެ އައި ސަޢުދީ ޢަރަބިއްޔާގެ ވަފްދާއި ރާއްޖޭގެ ކަމާއި ގުޅުންހުރި އިދާރާތަކާއެކު މަޝްވަރާކޮށްފައިވާކަމަށެވެ.

މިވަފްދުގެ އިސްވެރިއަކަށް ހުންނެވީ ސައުދީ އަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީގެ އަންޑަރ ސެކްރެޓަރީ އައްވާދު ސަބްތީ އަލެނެޒީއެވެ.

މި މަޝްވަރާ ބައްދަލުވުމުގައި މިސްކިތް ހުޅުވުމަށް އިތުރަށް ވާންޖެހޭ ތައްޔާރީތަކާއި ގުޅޭގޮތުންނާއި، މިސްކިތަށް ބޭނުންވާ ބައެއް ސާމާނު ހޯދުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ. އެގޮތުން މިސްކިތަށް ބޭނުންވާ ސާމާނު ހޯދުމުގައި ސައުދީން މަސައްކަތް ކުރަމުން ގެންދާކަމަށް ސަޢުދީގެ ވަފްދުން ބުނިކަމަށާއި، އަދި މިސްކިތް އަންނަ ރަމަޟާންމަހަށް ހުޅުވުމަށް ވާންޖެހޭ ތައްޔާރީތަކާއި ގުޅޭގޮތުންވެސް މަޝްވަރާކުރިކަމަށް މިނިސްޓްރީން ބުނެއެވެ.

ސަލްމާން މިސްކިތް އަންނަ އަހަރުގެ ރަމަޟާންމަހަށް ހުޅުވުމަށް މަޝްވަރާކޮށްފައިވާއިރު އެ މިސްކިތް މިދިޔަ ރަމަޟާން މަހު ހުޅުވުމަށްވެސް މަސައްކަތް ކުރިއެވެ. ނަމަވެސް އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ މިސްކިތް ހުޅުވުން ލަސްވެފައިވަނީ ކޯވިޑާ ގުޅިގެންކަމަށެވެ.

ކިންގް ސަލްމާން މިސްކިތް ހަދަން ތުރުކީގެ ޓާމެކްސް ކުންފުންޏާ ހަވާލުކުރީ ގާތްގަނޑަކަށް 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) ގެ ބަޖެޓަކާ އެކުއެވެ. މި ރަމަޟާން މަހަށް އެ މިސްކިތް ހުޅުވުމަށް މާލޭ ސިޓީގެ މޭޔަރުގެ މަޤާމަށް އިންތިޚާބު ވެފައިވާ ޑރ. މުޢިއްޒު ވެސް ވަނީ ގޮވާލައްވާފައެވެ.

6 ފަންގިފިލާއަށް ބިނާ ކުރާ ސަލްމާން މިސްކިތުގެ މައި އިމާރާތުގެ އުސްމިނުގައި 33.5 މީޓަރު ހުންނައިރު، މިސްކިތުގެ ވަށައިގެން ބިނާކުރާ 5 މުންނާރުގެ އުސްމިނުގައި 44 މީޓަރު ހުންނާނެއެވެ. އަދި ނަމާދުކުރުމަށް ޚާއްސަކޮށްފައިވާ ސަރަޙައްދުތަކާއި، މިސްކިތުގެ ގޯތިތެރެ ހިމެނޭހެން، 9000 މީހުންނަށް އެއްފަހަރާ ބޮޑު ޖަމާޢަތުގައި ނަމާދުކުރެވޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން