ރަނގަޅު ޞުލްހަވެރި މުޖުތަމައަކީ މިހުންނަށް އަދަބުދޭން ޖެހޭ މުޖުތަމައެއް ނޫންކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢިމްރާން ޢަބްދުالله ވިދާޅުވެއްޖެއެވެ.

ވަޒީރު އިމްރާން މިހެން ވިދާޅުވީ ނ. މާފަރު ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުވުމަށް ރޭ އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ ރަނގަޅު ޞުލްހަވެރި މުޖުތަމައަކީ މީހުން ބަންދުކުރަންޖެހޭ މުޖުތަމައެއް ނޫންކަމަށާއި ޞުލްހަވެރި މުޖުތަމައަކީ ޖަލުތަކުގެ ފަހަތަށް ނުވަތަ ތޭރިތަކުގެ ފަހަތަށް އެމުޖުތަމައުގެ ބޮޑު އަދަދެއް ލައިގެން އެކަމަށްޓަކައި ބޮޑަތި ހޭދަތަކެއްކޮށް، މައިންބަފައިންނާއި ތިމާގެ މީހުން ކަރުނައަޅަންޖެހޭ މުޖުތަމައެއްވެސް ނޫންކަމަށެވެ.

"އެހިސާބަށް ނުގޮސް އަޅުގަނޑުމެންގެ މުޖުތަމައު ސަލާމަތްކުރެވޭނީ އަޅުގަނޑު ހިތުން އަޅުގަނޑުމެން އެންމެން އެކުގައި މަސައްކަތްކޮށްގެން." މިނިސްޓަރ ވިދާޅުވިއެވެ.



މުޅި ރާއްޖޭގައި ފުލުހުންގެ ޚިދުމަތް ޤާއިމްކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށްވެސް މިނިސްޓަރ މިރަސްމިއްޔާތުގައި އަލިއަޅުއްވާލެއްވިއެވެ. މިނިސްޓަރ ޢިމްރާން ޢަބުދުالله ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވާ އިރުޝާދަކީ ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމްކުރުމުގެ އިރުޝާދުކަމަށެވެ.

އެއީ ވަރަށް ބޮޑު، އެކަމަށްޓަކައި ދައުލަތުން ވަރަށްބޮޑު ހޭދައެއްވެސް ކުރަންޖެހޭކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންނަމަވެސް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ރައްޔިތުންގެ ހަމަޖެހުން ޤާއިމްކުރުމަށްޓަކައި ރައްޔިތުންގެ އިޖުތިމާއީ ގުޅުންތަކާއި، އިޤްތިޞާދު ސަލާމަތްކުރުމަށްޓަކައި މިއަދުގެ ހާލަތުގައި ކޮންމެހެން ބޭނުންވާތީވެ، އެކަން ކުރުމުގެ މަސައްކަތް ކުރައްވަމުންގެންދަވާކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އިރާދަކުރެއްވިއްޔާ މަހެއްހާދުވަހުގެތެރޭގައި މިހާރު މިޚިދުމަތްދެމުންދާ ނިޒާމަށް މުހިއްމު ބަދަލުތަކެއް ގެންނަވާނެކަމަށެވެ. އެގޮތުން މިހާރު ޤާއިމްކުރެވިފައިވާ 7 ޑިވިޝަންގެ ބަދަލުގައި 5 ރީޖަން ކަނޑައެޅި، އެރީޖަންތަކަށް ކޮމާންޑަރުން ލެވި، އެކޮމާންޑަރުންނަކީ އިތުރު ބާރާއި، ވަޞީލަތްތަކާއި، ޚިދުމަތް ދިނުމަށް ފަހިކުރެވިފައިވާ އިސްބޭފުޅުންކަމުގައި ހަމަޖެހިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

މިކަމުގެ ނަތީޖާއަކަށް ވެގެންދާނީ ރައްޔިތުންނާ ގާތުން ފުލުހުން ޚިދުމަތް ދިނުމުގައި ފަސޭހަކަމާއި، އަވަސްކަމާއެކުގައި ނިންމަންޖެހޭ މުހިއްމު ނިންމުންތައް ނިންމުންކަމަށްވެސް ވިދާޅުވިއެވެ. ނިންމުންތައް ނިންމާ ކުރިއަށްގެންދަންޖެހޭ މުހިއްމު މަސައްކަތްތަކުގައި ރީޖަން ކޮމާންޑަރުން ވަރަށް ހުނަރުވެރިކަމާއި، ޤާބިލްކަމާއެކުގައި ކުރިއަށްދިއުމުގެ މަގު ތަނަވަސްވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހުރިހާކަމެއްގައި މައި އިދާރާގެ މައްޗަށް ބަރޯސާވެގެން ތިބުމުގެ ބަދަލުގައި ކަންކަން އަވަހަށް ނިންމުމުގައި އޭރުން ފަސޭހަތަކެއް ލިބިގެން ދާނެކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"މީގެ ހަޤީޤީ ނަތީޖާއަކަށްވާނީ ފުލުހުންގެ ފަރާތުން ރައްޔިތުން އުއްމީދުކުރާ ހަޤީޤީ ޚިދުމަތް ރައްޔިތުންނަށް ލިބިގެންދިއުން." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އިންސާނީ މުޖުތަމައެއްގެ ސަލާމަތާއި، ރައްކާތެރިކަމާއި، މުޖުތަމައުގެ ހަމަޖެހުން ކަށަވަރުވެފައި އޮތުމުގެ އެންމެ މަތިވެރި ބަހާއަކީ އެމުޖުތަމައުގެ އެއްބައިވަންތަކަމާއި، ބަދަހިކަންކަމަށެވެ. އަދި މުޖުތަމައެއްގައި ބަދަހިކަމާއި، އެކުވެރިކަމާއި، އޯގާވެރިކަން އޮވެއްޖެނަމަ އެމުޖުތަމައަކީ އަމާން ރައްކާތެރި ޞުލްހަވެރި މުޖުތަމައެއްކަމަށް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން