ރައީސް ޔާމީނަށްވުރެ ބޮޑު ވަގެއް، އަނިޔާވެރިއެއް ދެކެވަޑައިނުގަންނަވާކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް އިބްރާހިމް މިހެން ވިދާޅުވީ މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިއަދުގެ ޖަލްސާގައި ބިމާއިބެހޭ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހަކާއިމެދު ބަހުސްކުރުން ކުރިއަށްދިޔައިރު އިދިކޮޅު މެމްބަރުން ވަނީ ސަރުކާރުން ރާއްޖޭގެ ބިންތަކާއި ފަޅުތައް ހަމައެއް ލަމައެއް ނެތި ބޭރު ފަރާތްތަކަށް ވިއްކަމުންދާކަމަށް ތުހުމަތު ކޮށްފައެވެ. އަދި އެކަންކަމަށް އިންސާފު ހޯއްދަވަން މެމްބަރުން ގޮވާލެއްވިއެވެ.

އެވާހަކަތަކަށް ރައްދު ދެއްވައި މިއަދުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ގާސިމް އިބްރާހިމް ވިދާޅުވީ ރައީސް ޔާމީންކުރީ ވެރިކަމެއް ނޫންކަމަށެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި ގާސިމް އިބްރާހިމް ބަލިވެ ހޮސްޕިޓަލުގައި އޮންނެވިއިރުވެސް ކޯޓުތަކުން ހުކުމްތައް ކުރަމުންދިޔަކަމަށާއި، އޭރު އެއްވެސް ބަޔަކު އިންސާފުގެ ވާހަކަ ނުދައްކާކަމަށެވެ.

ގާސިމް ވިދާޅުވީ ރައީސް ޔާމީނަށްވުރެ ބޮޑު ވަގެއް، އަނިޔާވެރިއެއް ދެކެވަޑައިނުގަންނަވާކަމަށެވެ.

"ރައީސް ޔާމީނަށްވުރެ ބޮޑު ވަގެއް، އަނިޔާވެރިއެއް ނުދެކެން. ރައީސް ޔާމީން ވެރިކަމެއް ނޫން ކުރީ." މިހާރު އަމަލު ކުރަމުން ގެންދާ ގާނޫނު އަސާސީ އެކުލަވާލި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ރައީސްކަން ކުރެއްވި ގާސިމް ވިދާޅުވިއެވެ.

މަޖިލީހުގައި މިހާރު 3 ފެކްޝަނެއް އޮންނައިިރު، ރައީސް ނަޝީދުގެ ފެކްޝަނާއި، ރައީސް ސާލިހުގެ ފެކްޝަނާއި އިދިކޮޅު ފެކްޝަނުގެ މެދުގައި ފޯރިގަދަ ޒުވާބުތަކެއް މިއަދުވެސް ކުރިއަށްދިޔައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން