ރާއްޖޭގޭ ޚާރިޖީ ވަޒީރު އަދި އދ.ގެ 76 ވަނަ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު، އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދާން ޝްރިންގްލާ އާ ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުން އޮތީ އެމެރިކާގެ ނިއުޔޯކްގައެވެ.

މިބައްދަލުކުރެއްވުމުގައި މިނިސްޓަރ ޝާހިދު ވަނީ އދގެ ސަލާމަތީ މަޖިލީހުގެ ރިޔާސަތު އޯގަސްޓްމަހު ބެލެހެއްޓެވުމުގައި އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދާން ޝްރިންގްލާ އަދާކުރެއްވި ފުރިހަމަ ދައުރަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އދ.ގެ އާއްމު މަޖިލީހުގެ މަސައްކަތްތަކާއި ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.



މިނިސްޓަރ ޝާހިދު ވަނީ އދގެ ސެކްރެޓަރީ ޖެނަރަލް އެންޓޯނިއޯ ގުތާރޭޝްގެ ޔޫއެން ޔޫތު އެންވޯއީ އަދި ޔޫތް އެޑްވައިޒަރީ ގްރޫޕް އޮން ކްލައިމެޓް ޗޭންޖާއިވެސް ބައްދަލުކުރައްވާފައެވެ. އަދި ކުރިއަށް އޮތްތާނގައި އެދާއިރާތަކުން ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުންވެސް މިބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވިއެވެ.



އދ.ގެ އާއްމު މަޖިލީހުގެ ރިޔާސަތާއި ހަވާލުވެވަޑައިގަތުމަށް ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މިހާރު ހުންނެވީ އެމެރިކާގެ ނިއުޔޯކުގައެވެ.

އދގެ އާންމު މަޖިލީހުގެ ރައީސްކަމުގެ މަގާމަށް އަބްދުﷲ ޝާހިދު އިންތިހާބުވެވަޑައިގަތީ މިދިޔަ ޖޫންމަހުގެ 7 ވަނަ ދުވަހުއެވެ.

ނިއުޔޯކަށް ވަޑައިގެން ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އދގެ 76 ވަނަ އާއްމު މަޖިލިސް އަންނަމަހުގެ 14 ވަނަ ދުވަހު ހުޅުވަން ތައްޔާރުވަމުންދާއިރު، އެކަމާއި ގުޅޭގޮތުން މަޝްވަރާތައް ކުރައްވާފައިވާކަމަށެވެ. އަދި އޮމާންކަމާއެކު ކަންކަން ކުރިއަށް ގެންދިއުމަށް މެމްބަރު ގައުމުތަކާއި އދ.ގެ ސެކްރެޓޭރިއަޓާއި ކަމާ ގުޅޭ އެހެން ފަރާތްތަކާއެކު ބައްދަލުވުންތައް ބާއްވާނެކަމަށް ޝާހިދު ވިދާޅުވިއެވެ.

ނިއުޔޯކަށް ވަޑައިގަތުމުގެ ކުރިން ޝާހިދު ވަނީ ޖަޕާނަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެެ. އެދަތުރުފުޅުގައި ޝާހިދު ވަނީ ޖަޕާނުގެ ބޮޑުވަޒީރާއި ބައްދަލުކުރައްވައި، އދގެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ޖަޕާނަށް ކުރެއްވި ދަތުރުފުޅުގެ އިތުރުން، އިންޑިއާއަށްވެސް ޝާހިދު ރަސްމީ ދަތުރުފުޅެއް ކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު