އދގެ އާއްމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރިޔާސަތަށް އިންތިޚާބުވެވަޑައިގެންފައިވާ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު، ނިއުޔޯކްގައި ތިއްބަވާ އެކި ޤައުމުތަކުގެ ސަފީރުންނާއި ބައްދަލުކުރައްވަން ފައްޓަވައިފިއެވެ.

އެގޮތުން އިއްޔެ އެމަނިކުފާނު ވަނީ އިޓަލީ ވިލާތުން އދ އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު މައުރީޒިއޯ މަސަރާއީއާއި ބައްދަލުކުރައްވާފައެވެ. އިޓަލީއަކީ މަލްޓިލޭޓަރަލް ނިޒާމަށް ޒަމާނުއްސުރެ ސަޕޯޓްކުރާ ގައުމެއްކަން ފާހަގަކުރައްވައި، އެމަނިކުފާނުގެ އުއްމީދުގެ ރިޔާސަތަށް އިޓަލީވިލާތުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް ސަފީރު ވިދާޅުވިކަން މިނިސްޓަރ ޝާހިދު ވަނީ ފާހަގަކުރައްވާފައެވެ. އިޓަލީވިލާތުގެ ސަފީރު ވަނީ ތިމާވެއްޓާއި، ސިއްހީ ދާއިރާއާއި، އިންސާނީ ހައްޤުތަކާ އަންހެނުންގެ ހައްޤުތަކުގެ ދާއިރާގެ އިތުރުން ޒުވާނުންގެ ކަންތަކުގައި ގުޅިގެން މަސައްކަތްކުރަން އިޓަލީވިލާތުން ތައްޔާރަށް އޮތްކަން ހާމަކުރައްވާފައެވެ.



ސްލޮވީނިއާއިން އދއަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ބޮސްޖާން މަލްވޯ އާއި މިނިސްޓަރ ޝާހިދު އިއްޔެ ބައްދަލުކުރައްވައި، އދގެ ޢާއްމު މަޖިލީހުގެ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ. ސްލޮވީނިއާއަކީ މިނިސްޓަރ ޝާހިދުގެ ރިޔާސަތުގައި އާންމު މަޖިލީހުގެ ނައިބު ރައީސްކަން ކުރާނެ އެއް ޤައުމެވެ. މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދުގެ ރިޔާސަތުގައި އާންމު މަޖިލީހުގައި އިސްކަން ދެއްވާނެ ކަންތަކާ ބެހޭގޮތުންނާއި، ސްލޮވީނިއާއިން ވިލާތުގެ އިއްތިޙާދުގެ ރިޔާސަތުގައި އިސްކަން ދޭނެ ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާކުރެވުނެވެ.

މީގެ އިތުރުން އެމެރިކާއިން އދއަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ލިންޑާ ތޮމަސް-ގްރީންފިލްޑް އާ ވެސް އިއްޔެ މިނިސްޓަރ ޝާހިދު ބައްދަލުކުރެއްވިއެވެ. އަދި އެމަނިކުފާނުގެ ރިޔާސަތަށް އެމެރިކާގެ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން ދެއްވީތީ އުފާކުރައްވާކަމަށް ވިދާޅުވިއެވެ.

ހަމައެއާއެކު އދގެ ސަލާމަތީ މަޖިލީހުގެ ރިޔާސަތާ ސެޕްޓެމްބަރުގައި ހަވާލުވާ އަޔަލެންޑުން އދއަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޖެރަލް ޑީން ނޭސަން އާއިވެސް މިނިސްޓަރ ޝާހިދު އިއްޔެ ބައްދަލުކުރެއްވިއެވެ. މިބައްދަލުވުމުގައި އެކަމަނާ ވަނީ އދގެ ސަލާމަތީ މަޖިލީހުގައި އަޔަލެންޑުން އިސްކަން ދޭން ރާވާފައިވާ ކަންކަމާ ބެހޭ މައުލޫމާތު މިނިސްޓަރ ޝާހިދާ ހިއްސާކުރައްވާފައެވެ.



އދގެ ސެކްރެޓަރީ ޖެނެރަލްގެ ޔޫތު އެންވޯއީ ޖަޔަތުމާ ވިކްރަމަނަޔަކަ އާއި ޔޫތު އެޑްވައިޒަރީ ގްރޫޕް އޮން ކްލައިމެޓް ޗޭންޖް އާއިވެސް މިނިސްޓަރ ޝާހިދު ވަނީ އިއްޔެ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި އދގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމާ ބެހޭ ގޮތުން ގިނަ މަޝްވަރާތަކެއް ކުރެވުނެވެ.

އދގެ ސަލާމަތީ މަޖިލީހުގެ ޚާއްސަ ބައްދަލުވުމަކަށް މިވަގުތު ނިއުޔޯކަށް ވަޑައިގެން ހުންނެވި އެ ކައުންސިލްގެ މިމަހުގެ ރިޔާސަތު ބެލެހެއްޓި އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދާން ޝްރިންގްލާއާއިވެސް މިނިސްޓަރ ޝާހިދު ވަނީ ބައްދަލުކުރައްވާފައެވެ. އަދި އިންޑިއާއިން ސަލާމަތީ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓި ގޮތުގެ ފުރިހަމަކަމަށް މިނިސްޓަރ ޝާހިދު ވަނީ ތައުރީފުކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން