ދިވެހި ރާއްޖޭގެ ޑައިވިންގ ދާއިރާއަށް 50 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ދިވެހި ޑައިވަރަކު 50 ގަޑިއިރުގެ ޑައިވިންގއެއް ކުރުމަށް ނިންމައިފިއެވެ.

"ދަ އޮޝަން 6:50" ގެ ނަމުގައި ކުރިއަށްދާ މި ހަރަކާތުގައި 50 ގަޑިއިރުގެ ޑައިވިންގ ފުރިހަމަ ކުރަން ހަމަޖެހިފައިވަނީ މިދާއިރާގައި ގިނަދުވަސް ތަކެއްގެ ތަޖުރިބާ ލިބިފައިވާ ޝަަފްރާޒް ނައީމް (ޝަފް) އެވެ.

މިހަރަކާތުގެ މަޤްސަދަކީ ދިވެހި އަދި ބައިނަލްއަޤުވާމީ ޑައިވަރުންނާއި، މެރިން ރިސާޗަރުންނާއި، އެންވަރރޮންމެންޓަލް އެކްޓިވިސްޓުންނާއި ގުޅިގެން ޕްލާސްޓިކް ޕޮލިއުޝަނަށް ދެމެހެއްޓެނިވި ހައްލެއްް ހޯދުމަށާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ކަނޑުގެ ދިރުންތަކާއި ބެހޭގޮތުން އަހުލުވެރިކުރުވުންކަމަށް މިހަރަކާތް ރާވާ ހިންގާ ޔުނިކްސް ސްޕޯޓިންގ އިން ހާމަކޮށްފައިވެއެވެ.

މިހަރަކާތްކުރިއަށްދާއިރު، 50 ގަޑިއިރަށް ފީނާ ޝަފްރާޒް ހިފަހައްޓައިގެން ހުންނަ، ތިމާވެށި ރައްކާތެރިކުރުމަށް ގޮވާލާ ޕެޓިޝަނެއްގައި އެހެން ފީނުންތެރިން ސޮއި ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި މިހަރަކާތް ޔޫޓިއުބް އަދި ފޭސްބުކް މެދުވެރިކޮށް ލައިވްކޮށް އާންމުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިގޮތުން ލައިވްކޮށް މިހަރަކާތްކުރިއަށްދާއިރު، ވަރޗުއަލްކޮށް ދުނިޔޭގެ ކޮންމެ ހިސާބަކުންވެސް މިޕެޓިޝަނުގައި ސޮއިކުރެވޭނެ ކަމަށް މި ހަރަކާތް އިންތިޒާމު ކުރި ފަރާތުން ބުނެއެވެ.

"ދަ އޮޝަން 6:50" މި ހަރަކާތް ކުރިއަށްދާނީ 2022 ވަނަ އަހަރު ފެބްރުއަރީ މަހުގެ 25އިން 27 އަށެވެ. މިހަރަކާތުގައި ޝަފްރާޒްގެ 50 ގަޑިއިރުގެ ފީނުން ކާމިޔާބުވެއްޖެނަމަ، އެންމެ ގިނަވަގުތު ފީނިކަމުގެ ގައުމީ އަދި ސަރަހައްދީ ރިކޯޑަށްވެގެންދާނެކަމަށްވެއެވެ. އަދި މިހަރަކާތަށް ތައްޔާރުވުމުގެ ގޮތުން ޝަފްރާޒް ދަނީ ސްވިޒަރލޭންޑުގައި ތަމްރީނުތަކެއް ހަދަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން