ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމް އިއްވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ތިން ފަނޑިޔާރަކު، ސަރުކާރުން ހުކުމަށް ނުފޫޒު ފޯރުވި ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކަވާފައިވާ ކަމަށްބުނާ އޯޑިއޯތަކުގެ މައްސަލައިގެ ތަހުގީގަށް ފަނޑިޔާރުން ފުލުހުންނަށް އަޑުގެ ސާމްޕަލް ދީފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޯޑިއޯތަކުގައި ހިމެނޭ ކަމަށް ތުހުމަތުވާ ތިން ފަނޑިޔާރުންގެ އަޑުގެ ސާމްޕަލް މިއަދު ފުލުހުންގެ ތަހުގީގަށް ދެއްވާފައިވާ ކަމަށާއި އެކަން ކޮށްފައިވަނީ ފަނޑިޔާރުންގެ ރުހުމުގައި ކަމަށެވެ.

އަޑުގެ ސާމްޕަލް ދެއްވި ފަނޑިޔާރުންނަކީ ހުސައިން ފާއިޒު ރަޝާދާއި އަލީ އާދަމާއި މުހައްމަދު ސަމީރެވެ. ޖޭއެސްސީން ބުނީ މި ތިން ފަނޑިޔާރުން އިއްޔެ ޖޭއެސްސީއަށް ހާޒިރުކޮށް ސުވާލުކުރުމުން އެއީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށާއި އެފަދަ ވާހަކައެއް ދައްކަވާފައި ނުވާނެ ކަމަށެވެ. އަދި ތަހުގީގަށް އަޑުގެ ސާމްޕަލް ދެއްވަން ފަނޑިޔާރުން ތައްޔާރަށް ތިބި ކަމަށް އެ ބަޔާނުގައި ބުނެފައިވެެއެެވެ.

އިދިކޮޅު ޕީޕީއެމް/ ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެއީ ރައީސް ޔާމީން ޖަލަށް ލުމަށް ސަރުކާރުން ކޯޓުތަކަށް ނުފޫޒު ފޯރުވިކަމުގެ ހެއްކެއް ކަމަށެވެ. ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރަން ކުރި ހުކުމް ރައީސް ޔާމީންގެ ފަރާތުން މިހާރު ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައެވެ. އެމައްސަލައިގެ އަޑުއެހުން މިހާރު ވަނީ އަންނަ މަހަށް ތާވަލްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު