އަނިޔާވެރިކޮށް މަރާލި ބްލޮގަރ ޔާމީން ރަޝީދުގެ ޝަރީޢަތް ކުރިއަށްދާގޮތާއި ގުޅޭގޮތުން ޕްރޮސިކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ދޮގު މައުލޫމާތު ދެއްވާފައިވާ ކަމަށް ކްރިމިނަލް ކޯޓުން ބުނެފިއެވެެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީގައި، ބްލޮގަރ ޔާމިންގެ މަރުގެ މައްސަލައިގައި ވާހަކަ ދައްކަވަމުން ޕީޖީ ޝަމީމް ވިދާޅުވީ އެ މައްސަލަ މިހާރު އޮތީ އެންމެ ފަހު އަޑުއެހުންތަކާއި ހިސާބުގައި ކަމަށެވެ. އަދި މިހާރު އޮތް ހާލަތަކީ ހެކިން ހާޒިރު ކުރުމުގެ ހާލަތެއް ނޫން ކަމަށާއި މިހާރު އޮތީ ހުލާސާ ބަޔާން އިއްވުމާއި، ހުކުމް ކުރުން ކަމަށް ޕީޖީ ވިދާޅުވިއެވެ.

ޝަމީމް މިހެން ވިދާޅުވި ނަމަވެސް، ކުރިމިނަލް ކޯޓުން ޝަމީމުގެ ވާހަކަތައް ދޮގުކޮށް އެމައްސަލަ މިހާރު އޮތް ހިސާބުގެ މައުލޫމާތުތައް ވަނީ ހާމަކޮށްފައެވެ. ކްރިމިނަލް ކޯޓުން ބުނީ މިހާރު އޮތީ ހެއްކާ ބެހޭ ގޮތުން ދިފާޢުން ފާހަގަކުރަން ބޭނުންވާ ކަންކަން ފާހަގަކޮށް އެކަންކަމާމެދު ވާހަކަދެއްކުން ކަމަށެވެ. އެކަމަށް އަޑުއެހުމެއް ތާވަލުކޮށްފައިވަނީ އަންނަ ސެޕްޓެންބަރު މަހުގެ 16 ވަނަ ދުވަހަށް ކަމަށް ކްރިމިނަލް ކޯޓުން ބުނެ އެވެެ.

އެދުވަހު ހެއްކާ ބެހޭ ގޮތުން ވާހަކަދެއްކުމުގެ ފުރުޞަތު ދިފާޢަށް ދީފައިވަނީ އެ މައްސަލާގައި ދައުލަތުން ހުށަހެޅި ވީޑިއޯ ފުޓޭޖެއް އަލުން ބަލައި ދިރާސާކުރުމަށް ދައުވާލިބޭ ފަރާތުން ބޭނުންވާކަމަށް ބުނެފައިވާތީ އެ ފުޓޭޖަކީ ދައުވާ ލިބޭ ފަރާތަށް ދޫކޮށްފައިވާ ފުޓޭޖެއް ކަމުގައިނުވާތީ އެ ފުޓޭޖު ބެލޭނީ ދައުވާ ރައްދުވާ މީހާ ކޯޓަށް ހާޒިރުކޮށްގެން ކަމުގައިވާތީ އެ ފުޓޭޖު ބެލޭނެ އިންތިޒާމެއް ކޯޓުގައި ހަމަޖައްސައި އެކަމަށް މުހުލަތެއް ދިނުމަށްފަހު ދިފާޢުން ހެއްކާބެހޭ ގޮތުން ވާހަކަދައްކަން އަޑުއެހުމެއް ތާވަލުކުރަންޖެހޭތީ ކަމަށްވެސް ކުރިމިނަލް ކޯޓުން މައުލޫމާތުދެއެވެ.

އަދި އެ އަޑުއެހުމުގެ އިތުރަށް އޮކްޓޯބަރު މަހުގެ 14ވަނަ ދުވަހު ޔާމީން ރަޝީދުގެ ވާރިސުންގެ ބަސް ހޯދުމަށް އަޑުއެހުމެއް ތާވަލުކޮށްފައިވާ ކަމަށްވެސް ކްރިމިނަލް ކޯޓުން ބުނެފައިވެއެވެ. އެގޮތުން ދެ ފަރާތުން ޚުލާޞާ ބަޔާން އިއްވުމަށް ތާވަލުކޮށްފައިވަނީ 18 ނޮވެންބަރަށެވެ.

ޑިސެންބަރުގައި އަޑުއެހުމެއް ތާވަލުކޮށްފައިނުވާ ކަަމަށާއި ނަމަވެސް މައްސަލައިގެ ޚުލާޞާ ބަޔާން އިއްވާތާ 30 ދުވަހުގެ ތެރޭގައި ހުކުމްކުރުމަށް އަޑުއެހުމެއް ތާވަލުކުރާނެ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ.

މަރު ކޮމިޝަނުން ކުރިމިނަލް ކޯޓަށް ފޮނުވި ސިޓީއާއެކު މައްސަލަ އަވަސްކުރުމަށް އެދި ސިޓީއެއް ފޮނުއްވި ކަމަށް ވިދާޅުވެ ޕީޖީ ޙުސައިން ޝަމީމު ކޮމިޓީ ބައްދަލުވުމުގައި ދެއްކެވި ވާހަކަތަކަށް ރައްދު ދެމުން ކްރިމިނަލް ކޯޓުން ބުނީ ޝަމީމު އެފަދައިން ވިދާޅުވި ނަމަވެސް މަރު ކޮމިޝަނުން ފޮނުވި ސިޓީއާއެކު އެއްވެސް ސިޓީއެއް ޕީޖީ ފޮނުވާފައިނުވާ ކަމަށެވެ.

އެގޮތުން މިހާރު އެ މައްސަލަ ބައްލަވާ ޤާޟީ މައްސަލައާ ހަވާލުވެވަޑައިގެންނެވި ފަހުން، މައްސަލަ އަވަސްކޮށްދެއްވުމަށް އެދިވަޑައިގެން ޕީޖީ ފޮނުއްވީ ދެ ސިޓީ ކަމަށާއި، އޭގެތެރެއިން 8 އޯގަސްޓުގައި ފޮނުވި ސިޓީއަކީ މި މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށް ކޯޓަށް ހާޒިރުވާން ދެ ފަރާތަށް އަންގާފައިވަނިކޮށް ފޮނުވި ސިޓީއެއް ކަމުގައި ކޯޓުން ބުނެފައި ވެއެެވެ. ދެން ފޮނުއްވި ސިޓީއަކީ މި މައްސަލައަކީ މަރުތައް ތަހުގީގުކުރާ ކޮމިޝަނުން ބަލަމުންދާ މައްސަލައެއް ކަމުގައިވާތީ އެ މައްސަލަ އަވަސްކޮށްދިނުމަށް އެދި 30 އޯގަސްޓުގައި ފޮނުއްވި ސިޓީއެއް ކަމަށް ކޯޓުން ބުނެފައި ވެއެވެ. އެ ސީޓީ ފޮނުއްވީ ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމަށްފަހު ރަސްމީ މަސައްކަތް ނިމެން 30 މިނިޓަށް ވެފައިވަނިކޮށް ކަމަށްވެސް ކްރިމިނަލް ކޯޓުން ހާމަކުރެއެވެެ.

މައްސަލައިގެ ތާވަލު އެކުލަވައިލި ޝަރީޢަތުގެ އަޑުއެހުމުގައި މައްސަލަ އަވަސްކޮށްދިނުމަށް ޕީޖީގެ ފަރާތުން އެދިވަޑައިގެންފައިނުވާ ކަމަށާއި، އެކަމަށް އެދިވަޑައިގަތީ އިއްޔެ (30 އޯގަސްޓު 2021) ގައި ކަމަށް ކުރިމިނަލް ކޯޓުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު