ރިހިވެލި ރިސޯޓަށް ބަޔަކު އަރާ ހަމަނުޖެހުން ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެެވެ.

ފުލުހުންގެ އިދާރާއިން މިރޭ ބުނީ ރިހިވެލި ރިސޯޓަށް ބަޔަކު އަރާ ހަމަނުޖެހުން ހިންގި ކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހަވީރު ހަތަރެއް ޖެހިއިރު ކަމަށާ އެކަމާއި ގުޅިގެން ފުލުހުން އެ ރިސޯޓަށް ގޮސް ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރަން މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެ އެެވެ.





ފުލުހުން އެރިސޯޓުގައި ހަރަކާތްތެރިވަމުން ދަނީ އިތުރު ހަމަނުޖެހުމަކަށް ފުރުސަތު ނުދިނުމަށް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ރިހިވެލި ރިސޯޓަށް ވިއްސަކަށް މީހުން އަރާ ސެކިއުރިޓީ ގާޑަށް ބިރުދައްކާ ގައިގައި އަތްލާ ހަމަނުޖެހުން ހިންގާފައިވާ ކަމަށް އެ ރިސޯޓުން ވާހަކަ ދެއްކި މީހަކު ވަނީ ބުނެފައެވެ. މިމައްސަލަ ފުލުހުން ގެންދަނީ ތަހުގީގް ކުރަމުންނެވެެ.

ރިހިވެލި ރިސޯޓަށް މިއަދު ބަޔަކު އަރާފައިވަނީ ސަބްލީޒް އެގްރީމެންޓެއްގެ ދަށުން އެރަށް ހިންގަމުން ގެންދިޔަ ފްރާންސްގެ ކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުން ކޯޓުން މިއަދު ބާތިލުކޮށް އިއްވި ހުކުމަކާއި ގުޅިގެން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެރަށުގެ ވެރިފަރާތް ކަމަށްވާ މާހަލް ޕްރައިވެޓް ލިމިޓެޑާއި އެރަށް ހިންގާ ސޭވް ދަ ޑްރީމާއި ދެމެދު މައްސަލަ އުފެދި އެމައްސަލަ ކޯޓު މަރުހަލާގައި ހިނގަމުންދާތާ ދުވަސް ތަކެއް ވެއްޖެއެވެ.



ކިޔުންތެރިންގެ ހިޔާލު