ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ އެންމެ އިސް ލީޑަރު އިބްރާހިމް މުހައްމަދު ސާލިހާ ދެކޮޅަށް ނުކުންނަވަރުގެ ބަޔަކު އެމްޑީޕީގެ ތެރޭގައި އުޅޭ ބަރުލަމާނީ ފެކްޝަނުގައި ނެތްކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ރީކޯ މޫސަ މިހެން ވިދާޅުވެފައި މިވަނީ އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަން އުފެދި، ޕާޓީގެ ތެރޭގައި ރައީސް ސާލިހާއި ރައީސް ނަޝީދާ ދެމެދު ބޮޑު ވާދަވެރިކަމަކާއި ޚިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ދެފެކްޝަންގެ ވާދަވެރިކަން އެންމެ ބޮޑުވެފައިވަނީ ދެބޭފުޅުންގެ މެދުގައި އެންމެ ބޮޑަށް ޚިޔާލުތަފާތުވެފައިވާ ނިޒާމުގެ މައްސަލައިގައެވެ.

ރައީސް ސާލިހާއި ރައީސް ނަޝީދު އަރިހުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވީ އެމްޑީޕީގެ ތެރޭގައި ހިނގަނީ ވެރިކަމުގެ ބާރުތަކާބެހޭ ތަޅާފޮޅުމެއްކަމަށެވެ. އަދި އެކަމަކީ ޒަމާނުއްސުރެ ޕާޓީގެ ވެރިކަން މުށުތެރޭގައި ބާއްވަން ރައީސް ނަޝީދު ހިންގަވާ ކަމެއްކަން ޕާޓީގެ މެމްބަރުންނަށް އެނގޭނެކަމަށް މޫސަ ވިދާޅުވިއެވެ.



މޫސަ ވިދާޅުވީ ‏ރައީސް ސާލިހުގެ ސަރުކާރާ ދެކޮޅަށް މަގުމައްޗަށް ނުކުންނަވަރުގެ އެމްޑީޕީ މެމްބަރުންނެއް ރައީސް ނަޝީދުގެ ބަރުލަމާނީ ފެކްޝަނުގައި ނެތްކަމަށެވެ.

އެމްޑީޕީގެ ތެރޭގައި ވެރިކަމުގެ ތަޅާ ފޮޅުމެއް ހިނގަމުންދާއިރު، އެކަމުގެ ތެރެއިން ޕާޓީގެ ކޮންޓްރޯލާައި މަޖިލިސް މެމްބަރުންގެ ކޮންޓްރޯލް ރައީސް ނަޝީދަށް ގެއްލިފައިވާކަމަށް ގިނަ ބަޔަކު ބުނެއެވެ. އެގޮތުން އެންމެފަހުން އެމްޑީޕީގެ އިސްތިއުނާފް މަޖިލީހުގެ މެމްބަރުކަމަށް ބޭފުޅުން އައްޔަންކުރުމަށް ނެގި ވޯޓުގައިވެސް ރައީސް ސާލިހުގެ ފެކްޝަނުން ވަނީ ކާމިޔާބު ހޯދާފައެވެ.

ރައީސް ނަޝީދުގެ ފެކްޝަނުން މިހާރު ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމާމެދު ރައީސް ޞާލިޙަށް ހުށައަޅާ ޕެޓިޝަނެއްގައި ސޮއިކުރަން ވެސް ފަށާފައެވެ.



ކިޔުންތެރިންގެ ހިޔާލު