މާލެ ސަރަހައްދުގައި ކުނި ނެގުމުގެ އިންތިޒާމްތަކަށް މިހިނގާ ސެޕްޓެމްބަރު މަހުގެ 15 އިން ފެށިގެން ބަދަލުތަކެއް އަންނާނެކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯއިން ބުނެފިއެވެ.

ވެމްކޯއިން ބުނީ ކުނި ނެގުމުގެ އިންތިޒާމްތަކަށް އަންނަ ބަދަލުތަކުގެ ތެރެއިން ގޭގެއަށް ގޮސް ކުނި ނެގުމުގެ މަސައްކަތް މިމަހުގެ 15 ވަނަ ދުވަހު ފަށާނެކަމަށެވެ. އަދި މަގު މައްޗަށް ކުނި ނެރެފައި ނުބެހެއްޓުމަށްވެސް ވެމްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ.

ވެމްކޯއިން ބުނީ އައު އުސޫލުގެ ދަށުން މާލެ ސަރަހައްދުގައި ދިރިއުޅޭ ވެމްކޯގެ ކަސްޓަމަރުން ކުނި ނެރޭން ޖެހޭނެ ވަގުތަކީ އިރުއޮއްސި 6.00 އާއި 7.00 އާ ދެމެދުގައިކަމަށެވެ. އަދި ވެމްކޯއިން ކުނި ނަގާނީ އިމާރާތުގެ އެތެރެއިން އެންމެ ތިރީ ފަންގިފިލާއިން ނުވަތަ ފުރަތަމަ ފަންގިފިލާއިން ކަމަށާއި، ކުނި ނެގުމަށް މުވައްޒަފުން ހަރަކާތްތެރިވާ ވަގުތުތަކުގައި ފަސޭހައިން ގެއަށް ވަދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ވެމްކޯއިން އިލްތިމާސްކޮށްފައިވެއެވެ.

ވެމްކޯއިން ބުނީ ކުނި ނެގުމަށް އެ ކުންފުނީގެ މުވައްޒަފުން ހަރަކާތްތެރިވާނީ ރޭގަނޑު 8.00 އާ 11.00 ދެމެދުގައި ކަމަށެވެ. އަދި އެއްވެސް އިމާރާތެއްގެ ވަކިވަކި ފަންގިފިލާތަކަށް އެ ކުންފުނީގެ މުވައްޒަފުން ކުނި ނެގުމަށް ނާރާނެ ކަމުގައިވެސް ވެމްކޯއިން ބުންޏެވެ.

ވެމްކޯގެ ހިދުމަތް ފެށިގެން އައިއިރު އެކުންފުނިން ފުރަތަމަ ކުނި ނަގަމުންދިޔައީ ކޮންމެ ގޭބިސީއަކަށް ވަކިން ޒިޔާރަތްކޮށްގެނެވެ. ނަމަވެސް ކޯވިޑާއި ގުޅިގެން ގޭގެ އެންމެ ތިރިއަށް ކުނި ނެރޭ ގޮތަށް ހަމަޖެއްސިއެވެ. އަދި ފަހުން މަގުމައްޗަށް ކުނި ނެރޭގޮތަށްވެސް ހަމަޖެއްސިއެވެ. ނަމަވެސް އެގޮތަށް ނެރޭ ކުނި ގިނަ ފަހަރަށް މަގުމަތީގައި ހުންނާތީ ސިޓީ ކައުންސިލުން މައްސަލަ ޖެއްސުމުން ކުނި ނަގާ އުސޫލު މިވަނީ އަނެއްކާވެސް ބަދަލުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު