ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވި ފަސް ގާޒީންގެ ތެރޭގައި ހިމެނޭ ތިން ގާޒީއެއްގެ ލީކުވެގެން އުޅޭ އޯޑިއޯތަކުގެ ތަހުލީލު ކުރަން ޖެހޭނީ ބޭރުގެ ފޮރެންސިކް ޓީމަކުން ކަމަށް ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ޕީޕީއެމާއި ޕީއެންސީ ކޯލިޝުން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، އޯޑިއޯތައް ތަހުގީގް ކުރުމަށް ޖޭއެސްސީން ފުލުހަށް ހުށައެޅީ "ޖަރީމާ" އެެއް ހިންގަން ކަމަށެވެ. ހަމައެކަނި ޖޭއެސްސީ މެދުވެެރިކޮށް ކުރާ އޯޑިއޯތަކުގެ ތަހުގީގުގައި އިންސާފު ލިބިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެމައްސަލަ ބަލަން ޖެހޭނީ ފުލުހުން ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ. އާދަމް ޝަރީފް ވަނީ އޯޑިއޯ ތަކުގެ ސައްހަކަން ނަގާލުމަށް ޖޭއެސްސީން މަސައްކަތް ކުރާ ކަމަށް ތުހުމަތުކުރައްވާފައެވެ.

"މިއަދު އެ އޯޑިއޯތަކަށް އެބައުޅޭ ގޯހެއް ހަދަންވެގެން. ސްޕްރީމް ކޯޓުން ހުކުމެއް ނުނެރި ޖޭއެސްސީ އެ އޯޑިއޯ ތަކަށް ގޮތެއް ހަދަންވެގެން މަސައްކަތް ކުރާ ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ. އެ އޯޑިއޯ ތަކުގެ ސައްހަކަން އެއްކޮށް ނަގާލާފައި ފަނޑިޔާރުން ސަލާމަތް ކުރަން މަސައްކަތް ކުރުން، ޖޭއެސްސީން ފަނޑިޔާރުން އަޑުގެ ސާމްޕަލް ނަގައި ޕޮލިހަށް ފޮނުވީމަ އަޅުގަނޑުމެންނަށް އެނގޭ އެއްޗަކީ އެކަމުގައި ޖަރީމާއެއް ނުވަތަ މުޖުރިމުން ކުރާ ކަހަލަ ކަމެއް ކްރިމިނަލް މައްސަލަތަކެއް އެބަހުރިކަން. އެމައްސަލަ ބަލަން ޖެހޭނީ ޕޮލިހުން. ޕޮލިހުން ބެލުމުގެ ބަދަލުގައި މިހާރު އެޖަހާ ސަކަރާތަކީ މުޅި މައްސަލައިގެ ހަގީގަތާއި އޭގެ ތަބީއަތް މުޅިން އޮޅުވާލުމަށް ކުރެވޭ މަސައްކަތްތަކެއްް." އާދަމް ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން ހަމައެކަނި ދިވެހި ފުލުހުން މެދުވެރިކޮށް އޯޑިއޯ ސާމްޕަލްތައް ތަހުލީލު ކުރުމުގެ ބަދަލުގައި، މިނިވަން އިތުބާރު ހިފޭ ބޭރުގެ ފޮރެންސިކް ޓީމެއް ގެންނަން ޖެހޭ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. ސަރުކާރަށް އެކަން ނުވާނަމަ އިދިކޮޅު ކޯލިޝަނުން އެފަދަ ޓީމެއް ގެނެވިދާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

"ޕްރޮގުރެސިވް ކޮންގްރެސް ކޯލިޝަނުން ގޮވާލަން ސަރުކާރަށް ވެސް، ޖޭއެސްސީއަށްވެސް. ޕޮލިސް ލައްވައި ތިކަން ކުރުމުގެ ބަދަލުގައި މީގެ ކުރިން ވެސް ތަޖުރިބާ ކޮށްފައިވާ ގޮތަށް މިފަދަ އެހެން ބޮޑެތި މައްސަލަތަކުގައި ވެސް އަމަލު ކުރާ ގޮތަށް، ބޭރުން ފޮރެންސިކް ޓީމެއް ގެނެސްގެން މިއަޑު ރަނގަޅަށް ތަހުލީލު ކޮށްދެއްވުމަށް، އަޅުގަނޑުމެން ބޭނުން އެ އޯޑިއޯތަކުގެ ސައްހަކަން ކަށަވަރު ކުރަން." އާދަމް ޝަރީފް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު