ކޯވިޑް-19 އާާާާއި ގުޅިގެން ހުޅުމާލޭގައި ހަދާ ފެސިލިޓީ- މިތަނުގައި މަސައްކަތް ކުރަނީ ސިފައިން
ކޯވިޑް-19 އާާާާއި ގުޅިގެން ހުޅުމާލޭގައި ހަދާ ފެސިލިޓީ- މިތަނުގައި މަސައްކަތް ކުރަނީ ސިފައިން
ކޯވިޑް-19 އާއި ގުޅިގެން ސަރުކާރުގެ އެކި އިދާރާތަކުން ކުރި ޚަރަދު 22.4 އިންސައްތަ އިތުރުވެއްޖެއެވެ.

ކޯވިޑާއި ގުޅިގެން ދައުލަތުން ހަރަދު ކުރާ މިންވަރު ކޮންމެ ހަފްތާއަކު އާންމުކުރަން ފިނޭންސް މިނިސްޓްރީން ވަނީ ފަށާފައިއެވެ. އެ މިނިސްޓްރީން އާންމުކޮށްފައިވާ ހިސާބުތަކުގައި ބުނެފައިވަނީ މިހާތަނަށް ކޯވިޑާއި ގުޅިގެން 814.2 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

މިދިޔަ ހަފްތާގައި އެކަނި ކޯވިޑާއި ގުޅިގެން 147 މިލިއަން ރުފިޔާ ވަނީ ޚަރަދު ކޮށްފައެވެ. މިދިޔަ މަހުގެ ނިޔަލަށް ސަރުކާރުން ކޯވިޑަށް ހަރަދުކޮށްފައިވަނީ 665 މިލިއަން ރުފިޔާ އެވެ.

ފިނޭންސް މިނިސްޓްރީގެ ހިސާބުތައް ދައްކާގޮތުގައި އެންމެ ބޮޑު ހަރަދެއް މިދިޔަ ހަފްތާގައިވެސް ކޮށްފައިވަނީ ހެލްތް މިނިސްޓްރީ އާއި ޑިޒާސްޓާ މެނޭޖްމެންޓު ސެންޓަރުންނެވެ. އެ ދެ ތަނުން ޖުމްލަ 161 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

މިހާތަނަށް އެ ދެ އިދާރާއިން ކޮށްފައިިވާ ހަރަދުތަކަށް ބަލާއިރު ޓެސްޓު ކުރުމާއި ޕީޕީއީ ހޯދުމަށް 389 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. ވެންޓިލޭޓަރާއި އައިސޮލޭޝަން ފެސިލިޓީތަކުގައި ސިއްހީ ހިދުމަތްތައް ހަމަޖެއްސުމަށް 187 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

ކަރަންޓީނު ފެސިލިޓީ، ސިއްހީ އަދި އައިސޮލޭޝަން ފެސިލިޓީ ގާއިމް ކުރަން 54 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު މަރާމާތު ކުރުމާއި ދަތުރުފަތުރަށް 10 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

މި ހަރަދުތަކުގެ އިތުރުން ޕްލޭނިން މިނިސްޓްރީން 28 މިލިއަން ރުފިޔާ، އެމްއެންޑީއެފުން ހަ މިލިއަން ރުފިޔާ، ފޮރިން މިނިސްޓްރީން 3.5 މިލިއަން ރުފިޔާ، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން 2.9 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ހިސާބުތަކުން ދައްކަ އެވެ.

އިމިގްރޭޝަނުން ދެ ލައްކަ ރުފިޔާ އާއި އައިޖީއެމްއެޗުން އެއް ލައްކަ ރުފިޔާ އާއި ޖެންޑާ މިނިސްޓްރީން ދެ ލައްކަ ރުފިޔާ އާއި ފުލުހުންގެ އިދާރާއިން ހަ ލައްކަ ރުފިޔާ ހޭދަކޮށްފައިވެ އެވެ. އަދި ޑިޒާސްޓާ މެނޭޖްމެންޓް ފަންޑުން 84 މިލިއަން ރުފިޔާ ހޭދަކޮށްފައި ވެ އެވެ.

މީގެ އިތުރުން ޓޫރިޒަމް އެކްޓިވިޓީސް އިމްޕްލިމެންޓޭޝަން ފަންޑުން 24 މިލިއަން ރުފިޔާއާއި ޒަކާތު ފަންޑުން ތިން މިލިއަން ރުފިޔާ ކޯވިޑް-19 އިން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތްތަކަށް ހޭދަކޮށްފައި ވެ އެވެ.

ކޯވިޑް-19 އާ ގުޅިގެން ދައުލަތުން ކުރާ ހަރަދުތަކުގެ ތެރޭގައި ވައިރަހަށް ޓެސްޓު ކުރުމަށާއި ކަރަންޓީން ފެސިލިޓީތަކަށާއި މެޑިކަލް ސާމާނު ހޯދުމަށާއި ބަލިމީހުންނަށް ފަރުވާދޭނެ ފެސިލިޓީތައް ގާއިމު ކުރުމަށާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ކާޑުގެ ބާވަތްތައް ގެނައުން ވެސް ހިމެނެ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން