ހއ. ދައްޕަރު ފިއްލަދޫގެ އިޚުތިޞާޞުން ވަކިކުރީ އެއްވެސް މަޝްވަރާ ކުރުމެއް ނެތި ކަމަށް ފިއްލަދޫ ކައުންސިލުން ބުނެފިއެެވެ.

ދައްޕަރު އެ ރަށުގެ އިޚުތިޞާޞުން ވަކިކުރުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ނިންމަވާފައެވެ. އެކަމާއި ގުޅިގެން ފިއްލަދޫ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ފިއްލަދޫގެ އުތުރުބައި ކަމުގައިވާ ދައްޕަރަކީ އެ ރަށާ ގުޅިފައިވާ، އަދި މިހާރު އެ ރަށުގައި ދިރިއުޅޭ ރައްޔިތުންނާއި ފިއްލަދޫގެ ތާރީޚާ ވަރަށް ބޮޑަށް ގުޅިފައިވާ ސަރަަހައްދެއް ކަމަށެވެ. އަދި ދައްޕަރަކީ ފިއްލަދޫ ރައްޔިތުންގެ ކާބަފައިން އެންމެ ފުރަތަމަ ވަޒަންވެރިވެ ދިރިއުޅުނު ސަރަހައްދު ކަމަށާއި، މިހާރުވެސް އެކަމަށް ހެކިދޭ ޤަބުރުސްތާނެއް ދައްޕަރުން ފެންނަން އޮންނަ ކަމަށް އެ ބަޔާނުގައިވެއެވެ. އަދި އެ ސަރަހައްދުގައި ކޮންމެ މަޝްރޫޢެއް ހިންގި ނަމަވެސް އެ ތަނުގައި ހުރި އާސާރުތައް ރައްކާތެރިކޮށް ތާރީޚާއި ތަރިކަ ހިމާޔަތްކުރުމަކީ ކައުންސިލުގެ ޒިންމާއެއް ކަމުގައި ދެކޭ ކަމަށްވެސް އެކައުންސިލުން ބުނެ އެވެ.

އޭގެ އިތުރުން ކައުންސިލުން ބުނީ 1960ގެ ތެރޭގައި ހއ. ފިއްލަދޫ ދައްޕަރާއެކު ހއ. އަތޮޅުން ވަރުވާއަށް ލިޔެދީފައިވާ ކެލާ ތުނޑިއާއި، ބާރަށުމާކޮޅު، އުލިގަމުކުޑަދޫ އަދި ކޮށިކޮޅު ފަދަ ތަންތަން، 1974 ވަނަ އަހަރުގައި، އެ ރަށަކާ އެއްފަސްކޮށް ހުރި ތަންތަން އެ ރަށެއްގެ ރައްޔިތުންނަށް ދައުލަތުން ދެއްވިއިރު ފިއްލަދޫ ދައްޕަރު ފިއްލަދޫ ރައްޔިތުންނަށް ދެއްވާފައިވާ ކަމަށެވެ.

ދައްޕަރު ފިޔަވައި އެ ހުރިހާ ބިމެއްވެސް އެ ރަށްރަށުގެ އިޚުތިޞާޞުގައި ހިމަނާފައިވާކަން ފާހަގަކޮށް އެ ރަށު ކައުންސިލުން ދައްޕަރާއި ފިއްލަދޫ ހުރާގަނޑު ފިއްލަދޫގެ އިޚުތިޞާޞުގެ ތެރޭގައި ހިމެނުމަށް ސަރުކާރުގައި ވަނީ އެދިފައެވެ. ފިއްލަދޫ ދެކުނާއި އުތުރުބައި ފިއްލަދޫގެ އިޚުތިޞާޞުގައި އޮވެގެން ތަރައްޤީކުރަން ޤާނޫނީ ހުރަހެއް އޮތް ކަމުގައި އެ ކައުންސިލުން ނުދެކޭ ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

ފިއްލަދޫގެ އިޚުތިޞާޞު އެންމެ ފުރަތަމަ ކަނޑައެޅިއިރު ދައްޕަރު އޮތީ އެ ރަށުގެ ބައެއްގެ ގޮތުގައި ކަން ފާހަގަކޮށްލެވެއެވެ. އެހެން ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު، ރިޔާސީ ޤަރާރަކުން މިހާރު ވަނީ ދައްޕަރު އެ ރަށުގެ އިޚުތިޞާޞުން ވަކިކުރުމަށް ނިންމަވާފައެވެ.

ފިއްލަދޫ ކައުންސިލުން ބުނީ ދައްޕަރު ފިއްލަދޫގެ އިޚުތިޞާޞުން ވަކިކުރުމުން ރައްޔިތުން އެކަމާ ޝަކުވާކުރަމުން އަންނަ ކަމަށެވެ. އަދި ރައްޔިތުންގެ ނުތަނަވަސްކަން ކައުންސިލާ ހިއްސާކޮށްފައިވާ ކަމަށް ވެސް ކައުންސިލްގެ ބަޔާނުގައިވެއެވެ. މީގެއިތުރުން ދައްޕަރުގައި ކައުންސިލުގެ މުދާވެސް ހުންނާނެކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ.

ދައްޕަރު ފިއްލަދޫގެ އިޚުތިޞާޞުން ވަކިކުރީ އެ ކައުންސިލުގެ މަޝްވަރާ ހޯދުމެއް ނެތިކަމަށްވާތީ ކަން ހިނގި ގޮތް ސާފުކުރަން ރައީސް އޮފީހާއި އެކަމާ ގުޅޭ ހުރިހާ އިދާރާތަކެއްގައި އެކައުންސިލުން މިހާރު ވަނީ އެދިފައެެވެ.



ކިޔުންތެރިންގެ ހިޔާލު


9

އަލީ

03-Sep-2021

ދަޕަރަކީ ފިތްލަދޫބައެއް ނޫން ވަކިރަށެއް ގޮތުގައަ ވަރުވާ އައް މީހުނައް ލިޔެދީފައި ވާ ރަށެއް