ރައްޔިތުންނާއި ކައުންސިލްތަކުގެ ވިސްނުމާއި ދެކޮޅަށް ސަރުކާރުން ކަންކަން ކުރިއަށް ނުގެންދާނެކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ސަރުކާރުން މިކަން ހާމަކޮށްފައި މިވަނީ ހއ. ދައްޕަރު، ފިއްލަދޫގެ އިޚުތިޞާޞުން ވަކިކުރީ އެއްވެސް މަޝްވަރާ ކުރުމެއް ނެތި ކަމަށް ބުނެ ފިއްލަދޫ ކައުންސިލުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

ދައްޕަރު އެ ރަށުގެ އިޚުތިޞާޞުން ވަކިކުރުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ނިންމެވުމާއި ގުޅިގެން ފިއްލަދޫ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ފިއްލަދޫގެ އުތުރުބައި ކަމުގައިވާ ދައްޕަރަކީ އެ ރަށާ ގުޅިފައިވާ، އަދި މިހާރު އެ ރަށުގައި ދިރިއުޅޭ ރައްޔިތުންނާއި ފިއްލަދޫގެ ތާރީޚާ ވަރަށް ބޮޑަށް ގުޅިފައިވާ ސަރަަހައްދެއް ކަމަށެވެ. އަދި އެތަން ސަރުކާރަށް ނެގީ ރައްޔިތުންނާ އަދި ކައުންސިލާ ވެސް އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތިކަމަށް ބަޔާނުގައިވެއެވެ.

މިކަމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަހުމަދު ހަމްދާން ވިދާޅުވީ ‏ފިއްލަދޫ ކައުންސިލްގެ ރައީސާ އިއްޔެވެސް، އަދި މިއަދުވެސް މިކަމާ ގުޅޭގޮތުން މަޝްވަރާކުރެވުނުކަމަށެވެ. އަދި ރަށު ކައުންސިލް އަދި ރައްޔިތުންގެ ކަންބޮޑުވުމަށް ސަރުކާރުން ހައްލު ހޯދައިދޭނެކަމަށާއި ކައުންސިލް އަދި ރައްޔިތުންގެ ވިސްނުމާ ދެކޮޅަށް ސަރުކާރުން ކަންކަން ކުރިއަށް ނުގެންދާނެކަމަށްވެސް ހަމްދާން ވިދާޅުވިއެވެ.

"ފިއްލަދޫ ކައުންސިލްގެ ރައީސާ އިއްޔެވެސް، މިއަދުވެސް މިކަމާ ގުޅޭގޮތުން މަޝްވަރާކުރެވުނު. ރަށު ކައުންސިލް އަދި ރައްޔިތުންގެ ކަންބޮޑުވުމަށް ސަރުކާރުން ހައްލު ހޯދައިދޭނެ. ކައުންސިލް އަދި ރައްޔިތުންގެ ވިސްނުމާ ދެކޮޅަށް ސަރުކާރުން ކަންކަން ކުރިއަށް ނުގެންދާނެ." ހަމްދާން ވިދާޅުވިއެވެ.

ދައްޕަރު ފިޔަވައި އެ ހުރިހާ ބިމެއްވެސް އެ ރަށްރަށުގެ އިޚުތިޞާޞުގައި ހިމަނާފައިވާކަން ފާހަގަކޮށް އެ ރަށު ކައުންސިލުން ދައްޕަރާއި ފިއްލަދޫ ހުރާގަނޑު ފިއްލަދޫގެ އިޚުތިޞާޞުގެ ތެރޭގައި ހިމެނުމަށް ސަރުކާރުގައި ވަނީ އެދިފައެވެ. ފިއްލަދޫގެ ދެކުނާއި އުތުރުބައި ފިއްލަދޫގެ އިޚުތިޞާޞުގައި އޮވެގެން ތަރައްޤީކުރަން ޤާނޫނީ ހުރަހެއް އޮތް ކަމުގައި އެ ކައުންސިލުން ނުދެކޭ ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

ފިއްލަދޫގެ އިޚުތިޞާޞު އެންމެ ފުރަތަމަ ކަނޑައެޅިއިރު ދައްޕަރު އޮތީ އެ ރަށުގެ ބައެއްގެ ގޮތުގައިކަން ފާހަގަކޮށްލެވެއެވެ. އެހެން ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު، ރިޔާސީ ޤަރާރަކުން މިހާރު ވަނީ ދައްޕަރު އެ ރަށުގެ އިޚުތިޞާޞުން ވަކިކުރުމަށް ނިންމަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން