ސަރުކާރުން ރަށްރަށަށް ވެފައިވާ ވަޢުދުތައް ފުއްދުމަށް ސަރުކާރުން ބޮޑު އަހަންމިއްޔަތުކަމެއް ދޭކަމަށް ނާއިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލަރުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި، ކައުންސިލުން ވަނީ ދިގުރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންތައްތަކާއި، ދިގުރަށު ރައްޔިތުންނަށް ދިމާވާ ދަތިތައް ވަރަށް ތަފްޞީލުކޮށް ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޙިއްޞާކުރައްވާފައެވެ.

އެގޮތުން، ޓުއަރިޒަމް ރަށުގައި ވަރަށް ބޮޑަށް ފުޅާވަމުންދާތީ ހެލްތު އެންޑް ސޭފްޓީއަށްޓަކައި ތަމްރީނު ވެފައިތިބޭ މީހުން ބޭނުންވާކަމަށާއި، ހެލްތު ސެންޓަރަށްވެސް އެކަމަށް ޚާއްޞަ އިތުރު ފެސިލިޓީސް ބޭނުންވާކަމުގައި ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ. އަދި ކައުންސިލުން ވަނީ ބަނދަރުގެ ޖާގައިގެ ދަތިކަން ފާހަގަކޮށް ރަށުގެ ސްކޫލަށް ބޭނުންވާ ބައެއް ޚިދުމަތްތަކާއި ފެސިލިޓީތައް ނެތުމުން ކުރިމަތިވާ ގޮންޖެހުންތައް ވަރަށް ތަފްޞީލުކޮށް އެމަނިކުފާނާއި ޙިއްޞާކޮށްފައެވެ. މީގެ އިތުރުން ރަށުގައި އޭ ލެވެލް ފެންވަރަށް ކިޔެވޭނެ މަގު ތަނަވަސް ކުރުމަށް ބޭނުންވާކަމަށާއި، ޔޫތު ސެންޓަރެއް ހެދުމަށް ބޭނުންވާކަމުގައިވެސް ކައުންސިލުން ވަނީ މި ބައްދަލުވުމުގައި ފާހަގަކޮށްފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ މި ސަރުކާރުން އެއްވެސް ރަށެއް ބަކީ ނުކޮށް ތަރައްޤީގެ މަޝްރޫޢު ހިންގުމުގައި ރަށުގެ ކައުންސިލްރަކާއެކު މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ހަމަ އެގޮތަށް އެރަކަށް ވެފައިވާ ވަޢުދެއް ފުއްދުމަށް ސަރުކާރުން އަހަންމިއްޔަތުކަން ދެއްވާނެކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.

ކައުންސިލުން މި ބައްދަލުކުރެއްވުމުގައި ފާހަގަކުރެއްވި ކަންކަމަށް އަލިއަޅުއްވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ކައުންސިލުން ފާހަގަކުރެއްވި ކަންތައްތައް އެކަމާ ގުޅޭ މިނިސްޓްރީތަކާއި ވާހަކަދައްކައިގެން ވީ އެންމެ އަވަހަކަށް ކޮށްދިނުމަށްޓަކައި މަސައްކަތް ކުރައްވާނެކަމަށެވެ. އަދި އެމަނިކުފާނު ވަނީ ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލްތަކަށް ލިބިފައިވާ ބާރުގެތެރެއިން ކައުންސިލްގެ ޒިންމާތައް ފުރިހަމައަށް އަދާކުރުމަށް ބާރުއަޅުއްވާފައެވެ. ހަމަ އެއާއެކު، ކައުންސިލުން އިސްނަގައިގެން ސްކޫލުކުދިންގެ ހުނަރު އިތުރުކުރުމަށް މަސައްކަތްކުރުމަށާއި ފަތަން ދަސްކޮށްދިނުމަށް ޙާއްޞަ އަހަންމިއްޔަތުކަމެއް ދެއްވުމަށް އެމަނިކުފާނު ބާރުއެޅުއްވެވިއެވެ. މީގެ އިތުރުން ދިގުރަށުގައި ޓުއަރިޒަމްގެ ދާއިރާ ފުޅާވަމުންދާއިރު އެޗް.ޕީ.އޭގެ ޤަވާޢިދުތަކަށް ބަލައި ޤަވާޢިދުގެ ތެރެއިން ކަންކަން ހިންގުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު މި ބައްދަލުކުރެއްވުމުގައި ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން