ސިއްހީ ދާއިރާގެ ބައެއް މުވައްޒަފުންނަށް މިދިޔަމަހުގެ މުސާރަ ދިންއިރު އިތުރަށް ދިން ފައިސާ ހޯދުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީން ފަށައިފިއެވެ.



ސަރުކާރު މުވައްޒަފުންނަށް އިއްޔެ މުސާރަ ޖަމާވިއިރު ހެލްތު މިިސްޓްރީގެ ދަށުން ހިންގާ ބައެއް ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް 70000 ރުފިޔާވެސް މުސާރައިގެ ގޮތުގައި ޖަމާވެފައިވެއެވެ. އަދި އެކަމާއި ގުޅިގެން ފިނޭންސް މިނިސްޓްރީން އެދިގެން ބޭންކްތަކުން ވަނީ މުސާރައިގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ޖަމާވި މުވައްޒަފުންގެ އެކައުންޓްތައް ފްރީޒް ކޮށްފައެވެ.

ފިނޭންސް މިނިސްޓްރީން މިކަމާއި ގުޅޭގޮތުން ބުނީ 2021 އޮގަސްޓް މަހުގެ މުސާރަ ޖަމާކުރިއިރު ހެލްތު ސެކްޓަރގެ ބައެއް މުވައްޒަފުންނަށް މުސާރަ ޖަމާކުރުމުގައި އުނި އިތުރު އައިސްފައިވާކަމަށެވެ. އެގޮތުން 1796 މުވައްޒަފުންނަށް މުސާރައިގެ އުނި އިތުރު އައިސްފައިވާކަން ފާހަގަކުރެވިފައިކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައި ވެއެވެ.

ފިނޭންސުން ބުނީ ބައެއް މުވައްޒަފުންނަށް އިތުރަށް ފައިސާ ޖަމާކުރެވިފައިވާއިރު ބައެއް މުވައްޒަފުންނަށް މުސާރަ ޖަމާވެފައިވަނީ މަދުންކަމަށެވެ. މިކަން އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވަނީ 31 އޮގަސްޓް 2021 ވަނަ ދުވަހުގެރޭ 7:45 ގައިކަމަށާއި، މިގޮތަށް ދިމާވެފައިވަނީ މުސާރަ ޝީޓްގެ އަދަދުތައް އިސްފަސްވުމުގެ ސަބަބުންކަމަށްވެސް މިނިސްޓްރީން ބުނެފައި ވެއެވެ.

މި މައްސަލަ ފާހަގަ ކުރެވުމާއެކު ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން އެ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ފަށާފައިވާއިރު ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެ މަތިން މުސާރަ އުނިވެފައިވާ ފަރާތްތަކަށް އެ ފައިސާ ދިނުމާއި އިތުރަށް ދެވިފައިވާ ފައިސާ, އަނބުރާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފިނޭންސުން ބުނެއެވެ. އަދި ކުރިމަގުގައި މިފަދަ ކަމެއް ތަކުރާރު ނުވާނެ ގޮތަށް މުސާރައާއި ގުޅުންހުރި މަސައްކަތްތައް ރާވާފައިވާ ކަމުގައިވެސް ފިނޭންސް މިނިސްޓްރީން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން