ރާއްޖޭގައި ވެކްސިން ޖަހަން ޝަރުތު ހަމަވެފައިވާ މީހުންގެ ތެރެއިން ތިރީހަކަށް ހާސް މީހުން ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާކަމަށް ސަރުކާރުން ބުނެފިއެވެ.



ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، އިއްޔެގެ ނިޔަލަށް ރާއްޖޭގައި ވެކްސިންގެ އެއް ޑޯޒް ފުރިހަމަކޮށްފަައިވަނީ އާބާދީގެ 85 އިންސައްތަ މީހުންނެވެ. ނަމަވެސް ސަރުކާރުން އަމާޒު ހިފާފައި އޮތީ މިމަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް އާބާދީގެ 90 އިންސައްތަ މީހުންނަށް ޖެހުމެވެ.

މަބްރޫކް ވިދާޅުވީ ވެކްސިން ޖަހަން ޝަރުތުހަމަވާ މީހުންގެ ތެރެއިން 30 ހާސް ވަރަކަށް މީހުން ވެކްސިން ނުޖަހާކަމަށެވެ. އަދި އޭގެ ތެރެއިން ގިނަ މީހުންނަކީ ރާއްޖެއިން ބޭރުގައި އުޅޭ މީހުންކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ވެކްސިން ނުޖަހާ ފަރާތްތަކަށް ގުޅައިގެން ވެކްސިން ޖެހުމުގެ މަސައްކަތް ކަމާއިބެހޭ ފަރާތްތަކުން ކުރަމުން އަންނަ ކަމަށެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އިން އެންމެފަހުން ޢާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރި މީހުންގެ ޖުމްލަ ޢަދަދު ވަނީ 302،182 އަށް އަރާފައެވެ. އަދި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ ޢަދަދުވަނީ 383،620 އަށް އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން