ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ޕީޕީއެމާއި ވާދަކުރަން ނުޖެހޭނެ ކަމަށް އެ ޕާޓީގެ ލީޑަރުގެ އެޑްވައިޒަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޖުމުހޫރީ ޕާޓީގެ ލީޑަރުގެ އެޑްވައިޒަރު އިލްހާމް އަހުމަދު ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ޕީޕީއެމާއި ވާދަކުރަން ނުޖެހޭނެ ކަމަށާއި އެޕާޓީން ޕީޕިއެމްގެ މައްޗަށް ކުރި ހޯދާނެ ކަމަށެވެ. އަދި 2023 ވަނަ އަހަރު އަންނަން ވާއިރަށް ޕީޕީއެމަށްވުރެ ޖުމުހޫރީ ޕާޓީގެ ޓީމު ބޮޑުވާނެ ކަމަށް އިލްހާމް ވިދާޅުވިއެވެ.

މީގެއިތުރުން އިލްހާމް ވިދާޅުވީ، 2023 ވަނަ އަހަރު ޖުމުހޫރީ ޕާޓީން ނެރޭނެ ކެންޑިޑޭޓަކާއި ގުޅޭގޮތުން މަޝްވަރާ ކުރަމުންދާ ކަމަށެވެ. އެޕާޓީ ރިޔާސީ އިންތިޚާބުގެ ފައިނަލްގައި ކުޅޭނެ ކަމަށް އިލްހާމް ވިދާޅުވިއެވެ. 2023ގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ޖުމްހޫރީ ޕާޓީން ނެރޭ ކެންޑިޑޭޓު ދަތުރުކުރާނެ ކަމަށް އިލްހާމް ވިދާޅުވިއެވެ.

ޖޭޕީ ހަރުދަނާ ކޮށް ވަރުގަދަ ކުރުމަށް ސްޓްރެޓެޖިކް ލެވެލްގައި ބޮޑެތި މަސައްކަތްތަކެއް މިހާރު ވެސް ކުރެވެމުންދާ ކަމަށް އިލްހާމް ވިދާޅުވިއެވެ. އިލްހާމް ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ދެވަނަ ބުރަކަށް ދާންޖެހިއްޖެނަމަ ކޯލިޝަން ހަދަން ޖެހޭ ކޮންމެ ޕާޓީއަކާއިއެކު ވެސް ކޯލިޝަން ހަދާނެ ކަމަށެވެ. އަދި އެމްޑީޕީ އާއި ޕީޕީއެމް އާއެކުވެސް ޖުމުހޫރީ ޕާޓީއަށް މަސައްކަތް ކުރެވޭނެ ކަމަށް އިލްހާމް ވިދާޅުވިއެވެ.

"ޖޭޕީ ދެވަނަ ބުރަކަށް ގޮސްފިއްޔާ ރެޑީވާންޖެހޭ ގޮތަކަށް ރެޑީވާނެ، އަޅުގަނޑުމެން ކޯލިޝަން ވިއްޔާ ކޯލިޝަން އެއްވެސް ކަހަލަ ހިތުގެ ބުރަކަމެއް ނެތި ސިޔާސީ ބަހުސް ހުއްޓާލާފައި އަރަންޖެހޭ ފަރާތަަކަށް އަރާނެ. ގުޅިގެންދާނީ ކުރިއަށް، ޖޭޕީ ފައިނަލް މެޗް ކުޅޭނެ މިފަހަރު،" ކުރީގެ މަޖިލިސް މެމްބަރު އިލްހާމް ވިދާޅުވިއެވެ.

މީގެ އިތުރުން ސަރުކާރުގެ ކޯލިޝަނާ ބެހޭގޮތުން ވާހަކަ ދައްކަވަމުން އިލްހާމް ވިދާޅުވީ، ކޯލިޝަން ދާ ގޮތާއި މެދު ހިތްހަމަ ޖެހިވަޑައިނުގަންނަވާ ކަމަށެވެ. އެހެން ނަމަވެސް ސަރުކާރުން ވަކިވުމުގެ ވިސްނުމެެއް ނެތްކަމަށް އިލްހާމް ވިދާޅުވިއެވެ.

"މަގާމުތަކާއި އެއްބަސްވެފައިވާ ގޮތަކަށް ނޫން ކަންކަން ދަނީ، އަޅުގަނޑުމެން މިތިބީ މިގައުމު މިއޮތް ނިކަމެތި ހާލަތުން އަރައިގަތުމަށް ރައީސަށް އެއްބާރުލުންދޭން ތައްޔާރަށް. ޕާޓީގެ ލީޑަރުވެސް ހުންނެވީ އެގޮތުގެ މަތީގައި." އިލްހާމް ވިދާޅުވިއެވެ.

އާ ގާނޫނު އަސާސީގެ ދަށުން ބޭއްވި ހުރިހާ ރިޔާސީ އިންތިޚާބެއްވެސް ޕާޓީތަކުން ކާމިޔާބުކޮށްފައިވަނީ ޖުމުހޫރީ ޕާޓީއާއި އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ތާއިދާއެކު ކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން