އިދިކޮޅު ޕީޕީއެމް ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ނަންފުޅު ބޭނުންކޮށްގެން ފައިދާ ނަގަން މަސައްކަތް ނުކުރުމަށް ޕީއެންސީގެ ނާއިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިހެން ވިދާޅުވީ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގައި އިސްކޮށް ތިއްބެވީ ރައީސް ޔާމީން އިތުބާރު ނުކުރައްވާ ބޭފުޅުންތަކެއް ކަމަށް ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު އަދި ދަގެނތި ދާއިރާގެ ކުރީގެ މެންބަރު އިލްހާމް އަޙްމަދު ވިދާޅުވުމާއި ގުޅިގެނެވެ.

އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އިލްހާމް ވިދާޅުވީ ރައީސް ޔާމީނަށް ޖަލު ޙުކުމް އިއްވުމުން އިދިކޮޅުގެ އިސްވެރިންގެ ގޮތުގައި ތިއްބެވި ފަރާތްތަކުން އެމަނިކުފާނު މިނިވަން ކުރެއްވުމަށް މަސައްކަތް ނުކުރައްވާކަމަށެވެ.

އިލްހާމްގެ ވާހަކަތަކަށް ރައްދު ދެއްވަމުން ޝުޖާއު ވިދާޅުވީ، އެއީ ސަމާލުކަން ހޯދަން ދައްކަވާ ވާހަކަތަކެއްކަމަށެވެ.



ޝުޖާއު ވިދާޅުވީ ރައީސް ޔާމީނަށް އިހްލާސްތެެރި ވެރިން ތިއްބަވާނީ ރައީސް ޔާމިނާއެކުކަމަށާއި، ނިކަމެތިވި ވަގުތު ރައީސް ޔާމީން ދޫކުރައްވާ ވަޑައެއް ނުގަތީސްކަމަށެވެ. އަދި ރައީސް ޔާމީންގެ ނަންފުޅު ބޭނުން ކުރައްވައިގެން ފައިދާ ނަންގަވަން ނޫޅުއްވުމަށް ޝުޖާއު ގޮވާލެއްވިއެވެ.

"‏މިއީ ސަމާލުކަން ހޯއްދަވަން ކުރައްވާ ކަމެއް. ރައީސް ޔާމީނަށް އިހްލާސްތެެރި ވެރިން ތިއްބަވާނީ ރައީސް ޔާމިނާއެކު. ނިކަމެތިވި ވަގުތު ރައީސް ޔާމީން ދޫކުރައްވާ ވަޑައެއް ނުގަތީސް! ރައީސް ޔާމީންގެ ނަންފުޅު ބޭނުން ކުރައްވައިގެން އެޑްވާންޓޭޖް ނަންގަވަން ނޫޅުއްވާ! ތިކަމެއް ނުވާނެ." ޝުޖާއު ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިލްހާމް ވަނީ ޕީޕީއެމަށް ބަހުގެ ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން އަންނަ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ޕީޕީއެމާއި ވާދަކުރަން ނުޖެހޭނެ ކަމަށާއި އެޕާޓީން ޕީޕީއެމްގެ މައްޗަށް ކުރި ހޯދާނެ ކަމަށް އިލްހާމް ވިދާޅުވިއެވެ. އަދި 2023 ވަނަ އަހަރު އަންނަން ވާއިރަށް ޕީޕީއެމަށްވުރެ ޖުމުހޫރީ ޕާޓީގެ ޓީމު ބޮޑުވާނެކަމަށްވެސް އިލްހާމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން