އަހުމަދު މަސްނޫމް   2 ސެޕްޓެމްބަރު 2021 - 15:10
ރައްޔިތުންނާއި ގުޅިގެން ހިދުމަތް ދިނުމުގެ ކަންކަން އެންމެ ފުރިހަމައަށް ފޯރުކޮށްދޭ ފުލުހުންގެ މަރުކަޒުތަކާއި ރަށްތައް އަދި އަވަށްތައް ފާހަގަކޮށް ހާއްސަ އެވޯޑެއް އަންނަ އަހަރުން ފެށިގެން ދިނުމަށް ނިންމާފައިވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް އެކަން ހާމަކުރެއްވި ނ. މަނަދޫ ޕޮލިސް ސްޓޭޝަނުގެ ބިންގާ އެޅުމަށް މަނަދޫގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަރ އޮފް ޕޮލިސް އިތުރަށް ވިދާޅުވީ މިހާރު އަމަލުކުރަމުންދާ ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި، ރައްޔިތުންނާއި ފުލުހުންގެ މެދުގައި އޮންނަ ގުޅުން ދެމެހެއްޓުމަށް ވަރަށް ބޮޑަށް ބާރުއަޅާފައިވާކަމާ އަދި އެ ގާނޫނުގެ ހަތް ވަނަ މާއްދާގައި އެކަމަށް ވަރަށް ފުޅާކޮށް ބާރުއަޅާފައިވާކަމަށެވެ. މީގެއިތުރުން ކައުންސިލުތަކާއި އެހެނިހެން މުއައްސަސާތަކާ އަދި ރައްޔިތުންނާ އެކުގައި މަސައްކަތްކުރުމަށް ހާއްސަ އޮނިގަނޑެއް، މި ހިނގާ ސެޕްޓެމްބަރ މަހުގެ 27 ގެ ނިޔަލަށް އެކުލަވާލަންޖެހޭ ކަމާއި އެކަމުގެ އިންތިޒާމުތައް މިހާރުވެސް ކުރަމުން އަންނަ ކަމުގައި ވިދާޅުވިއެވެ.

އޭގެ އިތުުރުން، ނ. އަތޮޅުގައި އިންޓަނޭޝަނަލް އެއާޕޯޓެއް އޮތުމާއެކު އެ އަތޮޅަކީ ލޯކަލް ޓުއަރިޒަމް ފުޅާވަމުން އަންނަ އަތޮޅަކަށް ވުމާއި ޓޫރިސްޓު ރިސޯޓުތައްވެސް ހިންގަމުން އަންނަ އަތޮޅެއްކަން ފާހަގަ ކުރައްވިއެވެ. އެހެންކަމުން ސިނާއީ މަސައްކަތްކުރާ ފަރާތްތަކަށާއި ވިޔަފާރިކުރާ ފަރާތްތަކަށާއި ފަތުރުވެރިކަމުގެ ދާއިރާއަށާ އަދި ވަކިން ހާއްސަކޮށް ނ. އަތޮޅުގެ ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތް އިތުރަށް ފުޅާކުރަންޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމުގައި ސީޕީ ހަމީދު ވިދާޅުވިއެވެ. އަދި މިއަދު އެޅިގެން މި ދިޔަ ބިންގަލަކީ ނ. އަތޮޅުގެ އިގްތިސާދީ ސިނާއަތާއި އިޖުތިމާއީ ފޭރާން ވަރުގަދަކުރުމަށް ފުލުހުންގެ ފަރާތުން ބޭނުންވާ ރައްކާތެރިކަން އިތުރުކުރުމަށް އެޅިގެންދިޔަ ބިންގަލެއް ކަމުގައި ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން، ކުށާއި ކުށުގެ ބިރުވެރިކަމުން ނ. އަތޮޅާއި ރަށުގެ މުޖުތަމައު ސަލާމަތްކޮށް ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ފުލުހުން ގާއިމުވެތިބުން މުހިންމުކަމުގައި ވެސް ކޮމިޝަނާ ވިދާޅުވިއެވެ. އެގޮތުން މަނަދޫގައި މިއަދު ބިންގާ އެޅިގެންދިޔަ ޕޮލިސް ސްޓޭޝަނުން ފުލުހުންގެ ހިދުމަތްދޭން ފެށުމުން ރައްޔިތުންނާއި ރައްޔިތުންގެ މުދަލަށް ދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުމަށް އިތުރު ފަސޭހަތަކެއް ވެގެންދާނެ ކަމުގައި ފާހަގަކުރެއްވިއެވެ. އަދި ފުލުހުންގެ ހިދުމަތުގެ އައު ގާނޫނަށް 2021 މާރިޗު 27 ގައި އަމަލުކުރަން ފަށާފައިވާއިރު އެ ގާނޫނުން، ފުލުހުންގެ މަސައްކަތްތައް އިންތިޒާމުވެގެންވާ ގޮތް ވަަރަށް ސާފުކޮށް ކަނޑައަޅައިދީފައިވާ ކަމަށާއި ލާމަރުކަޒީ ހިދުމަތްދިނުމަށާއި މުޖުތަމައާ އޮންނަ ގުޅުން ދެމެހެއްޓުމަށް ބާރުއަޅާފައިވާކަމުގައި ސީޕީ ވިދާޅުވިއެވެ.

އެހެންކަމުން، ފުލުހުންގެ މަސައްކަތްތައް އަމާޒުކުރެވިފައިވަނީ ރައްޔިތުންނަށް ފުލުހުންދޭ ހިދުމަތް އަލުން ތަރުތީބުކޮށް، ޑިމޮކްރެޓިކް ވެއްޓަކަށް އެކަށޭނަ އަދި ތަރައްގީވެފައިވާ ފުލުހުންގެ ހިދުމަތްތަކެއް މުޅި ރާއްޖެއަށް ފޯރުކޮށްދޭ މުއައްސަސާއަކަށް ދިވެހި ފުލުހުންގެ ހިދުމަތް ބަދަލުކުރުންކަމުގައި ވިދާޅުވިއެވެ. އަދި މަނަދޫގައި ބިންގާ އެޅިގެންދިޔަ ޕޮލިސް ސްޓޭޝަންގެ އައު އިމާތާރަކީ އެ އަމާޒަށް ވާސިލުވުމަށްޓަކައި ކުރިއަށް އެޅިގެންދިޔަ ފިޔަވަޅެއްކަމުގައިވެސް ސީޕީ ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން، ދިވެހި ފުލުހުންގެ ހިދުމަތުގެ ސްޓްރެޓީޖިކް ޕްލޭންގައި ކަނޑައަޅާފައިވާ ހަ ލަނޑުދަނޑީގެ ތެރޭގައި ލޯކަލް ޕޮލިސިންގ ކަނޑައަޅާފައިވަނީ އަތޮޅު ތެރޭގައި ދެވޭ ހިދުމަތަށް އިތުރު އަހަންމިއްޔަތުކަމެއް ދިނުމުގެ މަގުސަދުގައި ކަމަށް ވިދާޅުވިއެވެ. އަދި ފުލުހުންގެ ހިދުމަތަށް ގެނެވޭ ބަދަލުތަކުގެ ތެރެއިން އެއް އިންގިލާބީ ބަދަލަކީ ނެއިބަރހުޑް ޕޮލިސް ނުވަތަ އަވައްޓެރި ފުލުހުންގެ މަސައްކަތްކަމާއި ނ. އަތޮޅުގައިވެސް ވަރަށް އަވަހަށް އެ ހިދުމަތް ފެށިގެންދާނެ ކަމުގައި ސީޕީ ހަމީދު ފާހަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން