މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު
މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު
މަސްވެރިކަމާ އަދި ދަނޑުވެރިކަމާބެހޭ ވަޒީރު ޒަހާ ވަހީދު، މަޤާމުގެ ޒިންމާ އަދާކުރައްވާފައިނުވާކަމަށް މަޖިލީހުގެ ޤަވާއިދު ކޮމެޓީން ފާސްކުރުމާއެކު ޒަހާ މަގާމުގައި ދެމި ހުރުމާއިމެދު ވަރަށް ބޮޑަށް ސުވާލު އުފެދިއްޖެއެވެ.

ފިޝަރީޒް، މެރިން ރިސޯސް އެންޑް އެގްރިކަލްޗަރ މިނިސްޓަރ ޒަހާގެ މަގާމަކީ ސަރުކާރު ކޯލިޝަނުން ބައިއެޅިއިރު ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ރައީސް މައުމޫނަށް ލިބިވަޑައިގެންނެވި ބައިގެ ތެރޭގައި ހިމެނޭ ވަޒީރު ކަމުގެ މަގާމެކެވެ.

މިނިސްޓަރ ޒަހާ މާގާމުގެ ޒިންމާ އަދާ ނުކުރައްވާކަން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީން ނިންމާފައި ވަނީ ދިވެހިރާއްޖޭގެ މަސްވެރި ކަމުގެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ޤަވާއިދުތައް، އެ ޤާނޫނުގެ 86 ވަނަ މާއްދާއާއި އެއްގޮތަށް ހެދިފައިނުވާތީއެވެ. މަސްވެރިކަމުގެ ޤާނޫނުގެ 87 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވަނީ އެ ޤާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހައި ޤަވާއިދުތައް ޤާނޫނަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 3 މަސް ދުވަސްތެރޭގައި ހަދައި ގެޒެޓް ކުރަންވާނެކަމަށެވެ.

މަސްވެރިކަމުގެ ޤާނޫނަށް އަމަލު ކުރަންފަށާފައިވަނީ 16 ސެޕްޓެންބަރު 2019 ގައެވެ. އެހެން ކަމުން މިއަދާއި ހަމައަށް 8 މަހަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، އެ ޤަވާއިދުތައް އެކުލަވާލައި އަމަލު ކުރަން ފެށިފައިނުވާކަމަށް ކޮމިޓީގެ ރިޕޯޓްގައި ވަނީ ބުނެފައެވެ. ކޮމެޓީން ވަނީ މި މައްސަލަ ދިރާސާ ކުރުމަށްޓަކައި 3 ބައްދަލުވުމެއް ބާއްވާފައެވެ.

މި ބައްދަލުވުންތަކުގައި އެކޮމެޓީން ނިންމާފައިވަނީ ފިޝަރީޒް މިނިސްޓްރީގެ މަސްއޫލިއްޔަތު އަދާކުރުމަށް ޤާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އެ ޒިންމާ އަދާނުކުރާކަމަށާ އަދި އެ މުއްދަތު ފަހަނައަޅައި ދިޔަފަހު މިވީ މުއްދަތުގެ ތެރޭގައި، މިއަދާއި ހަމައަށްވެސް އެ މަސްއޫލިއްޔަތު އަދާކޮށްފައި ނުވާކަމަށެވެ.

އެހެން ކަމުން އެ މިނިސްޓްރީން ޤާނޫނާއި ޚިލާފުވެފައިވާކަމަށާއި، މިނިސްޓަރ ނަންގަވަންޖެހިވަޑައިގަންނަވާ ޒިންމާ ނަންގަވާފައިނުވާކަމަށް، 08 މެއި 2020 ގައި ބޭއްވި ޤަވާއިދު ކޮމެޓީގެ 08 ވަނަ ބައްދަލުވުމަށް ހާޒިރުވެ ވޯޓްގައި ބައިވެރިވެ ވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ވަނީ ނިންމާފައެވެ.

މިމައްސަލައިގައި މީގެކުރިން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށްގެން ވެސް މެންބަރުން ވަނީ ޒަހާއާއި ސުވާލުކުރައްވާފައެވެ. އެގޮތުން އެމިނިސްޓްރީގެ އިހުތިސާސް ތަކުގެ ތެރޭގައި ހިމެނޭ ގިނަ ކަންކަން ނުކުރެވި ބޮއްސުންލާފައިވާކަމާއި ޒިންމާ ނުނަގަވާކަން މިބައްދަލު ވުމުގައި ވަނީ ހާމަވެފައެވެ.

މިނިސްޓަރ ޒަހާ މަގާމުގެ ޒިންމާ އަދާނުކުރައްވާކަމަށް ކަނޑައަޅައި މަޖިލީހުގެ ކޮމީޓިން ފާސްކުރުމާއެކު ބައެއް ފަރާތްތަކުން ދަނީ ޒަހާ ވަޒީރުކަމުގެ މަގާމުގައި ދެން އިތުރަށް ދެމި ހުރެދާނެކަމާއިމެދުވެސް ސުވާލު އުފައްދަމުންނެވެ. އެގޮތުން ކޯލިޝަންގެ ބައިވެރިންގެ ތެރޭގައި ހިމެނޭ އަދާލަތު ޕާޓީގެ ފަރާތުން ޖެންޑަރ މިނިސްޓަރގެ މަގާމު ފުރުއްވަމުން ގެންދެވި ސިދާތާ ވަޒީރުގެ މަގާމުވެސް ގެއްލިގެން ގޮސްފައިވަނީ މަގާމުގެ ޒިންމާއާއި ގުޅުވައިގެން ހިނގާދިޔަ ކަންތައްތަކެއްގައިކަން އެފަދަ ފަރާތްތަކުން ފާހަގަކޮށްފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން