އައްޑޫ ސިޓީ ހިތަދޫގައި ގޭދޮށު މަސް ޕްލާންޓު ގާއިމްކުރުމަށް ހެދި އެއްބަސްވުން ބާޠިލްކުރުމަށް އައްޑޫސިޓީ ކައުންސިލުން ނިންމަވައިފިއެވެ.

އައްޑޫ ސިޓީ ހިތަދޫގައި ޤާއިމުކުރަން ނިންމާފައިވާ ގޭދޮށު މަސް ޕްލާންޓް ތަރައްޤީކޮށް ހިންގުމަށް އައްޑޫ ސިޓީ ކައުންސިލާއި އެލްނާތު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ އަހަރުގެ މޭމަހުއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ މިއެއްބަސްވުން ނިމުމަކަށް ގެނައުމަށް ނިންމާފައިވަނީ މަސައްކަތް ޙަވާލު ކޮށްފައިވާ ކޮންޓްރެކްޓަރ އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރިއަށް ނުގެންދާތީކަމަށެވެ.

މި މަސައްކަތް ކުރިއަށް ގެންދިއުމަށް އައްޑޫ ޓްރަސްޓް ފަނޑުން އެކުންފުންޏަށް 9 ލައްކަ ރުފިޔާ ދީފައިވާއިރު އެއްބަސްވުން އުވާލުމާއެކު އެފައިސާވެސް އަނބުރާ ހޯދުމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ނިންމަވާފައެވެ.

އައްޑޫސިޓީ ކައުންސިލުން ބުނީ މިމަސައްކަތުގެ ކޮންސަލްޓެންޓް، ރިޔަން ޕްރައިވެޓް ލިމިޓެޑާއި ކޮންޓްރެކްޓަރ އެލްނާތު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެކު އެކި ފަހަރު މަތިން ބޭއްވި ބައްދަލުވުން ތަކުން ކުރިއެރުމެއް ލިބިފައި ނެތްކަމަށެވެ.

މި މަސައްކަތް މިދިޔަ އަހަރު މެއި މަހުގެ ފަހުކޮޅު އެލްނާތު ކުންފުންޏާ ޙަވާލު ކޮށްފައިވަނީ 280 ދުވަހުގެ ތެރޭގައި މަސް ޕްލާންޓު ތަރައްޤީކޮށް ހިންގަން ފަށާގޮތަށެވެ. މިމަޝްރޫޢަށް އިންޑިއާގެ ހިލޭ އެހީގެ ދަށުން 6 މިލިއަން ރުފިޔާ ޚަރަދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އައްޑޫ ސިޓީ ހިތަދޫގެ އިތުރުން މަރަދޫ އަދި ހުޅުމީދޫގައިވެސް ގޭދޮށު މަސްޕްލާންޓް ޤާއިމު ކުރުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން