ކުޅިވަރުގެ ދާއިރާއިން ރާއްޖޭގައި ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހިންގަން އިންޑިއާ ސަރުކާރުން 40 މިލިއަން ޑޮލަރުގެ ލޯނު އެހީއެއް ދީފިއެވެ.

މިލޯނު އެހީ ރާއްޖެއަށް ފޯރުކޮށްދީފައިވަނީ އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް އިންޑިއާ، ނުވަތަ އެގްޒިމް ބޭންކު މެދުވެރިކޮށް ލައިން އޮފް ކްރެޑިޓް ފެސިލިޓީއެއްގެ ދަށުންނެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރެވެ. އަދި އެގްޒިމް ބޭންކުގެ ފަރާތުން ސޮއިކުރެއްވީ، އެ ބޭންކުގެ ޖެނެރަލް މެނޭޖަރ ނިރްމިތު ވެޑެވެ.

މި ލޯނުއެހީގެ ދަށުން މާލެއާއި އަތޮޅުތަކުގައި މިހާރު ހުރި ކުޅިވަރު ވަޞީލަތްތައް ތަރައްޤީކުރުމާއި އިތުރު ވަޞީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް ކުރެވިގެންދާނެކަމަށް ސަރުކާރުން ބުނެއެވެ. އެގޮތުން މާލޭ ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑު ނުވަތަ ޤައުމީ ފުޓްބޯޅަ ދަނޑު އިތުރަށް ތަރައްޤީކޮށް، ޤައުމީ ވޮލީ އަދި ބާސްކެޓް ބޯލް ކޯޓުތައް ތަރައްޤީކުރުމާއި ބައެއް ރަށްރަށުގައި ސިންތެޓިކް ޓްރެކް ތަރައްޤީކުރުމާއި، އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް ތަރައްޤީކުރުންވެސް ހިމެނޭކަމަށް ސަރުކާރުން ބުނެއެވެ.

މީގެއިތުރުން މި ލޯނު އެހީގެ ދަށުން ހދ. ކުމުންދޫއާއި ތ. ކަނޑޫދޫގެ ޒުވާނުންގެ މަރުކަޒުގެ މަސައްކަތާއި ހދ. ކުޅުދުއްފުށި، ގދ. ތިނަދޫ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގައި ސިންޓެޓިކް ޓްރެކް ތަރައްޤީކުރުން ހިމެނެއެވެ. އަދި ކުޅުދުއްފުށީގައި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސެއް ތަރައްޤީކުރުމަށް މި ލޯނުން ފައިސާ ހަމަޖެހިގެން ދާނެކަމަށްވެސް ސަރުކާރުން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން