އެމްޑީޕީގެ އޮފީސްތެރޭގައި މާރާމާރި ހިންގި މީހުން ހައްޔަރުކުރުމަށް އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.

އެމްޑީޕީގެ މައި އޮފީހުގެ ތެރޭގައި މިއަދު މެންދުރު 12:30 ހާއިރު މާރާމާރީއެއް ހިނގައި އަންހެނަކަށް ވަނީ އަނިޔާވެފައެވެ. އެ އަންހެންމީހާ ބޮލުގައި ޗޭނު ގަނޑަކުން ޖެހުމުގެ ސަބަބުން ބޯ ފަޅައިގެން ގޮސް އޭނާ އަށް ވަނީ އޭޑީކޭގައި ފަރުވާދީފައެވެ. މާރާމާރީގައި އަނިޔާވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމްގެ މަންމަ މަރިޔަމް ޒުބައިރު (މަންދީ) އަށެވެ.

މި މާރާމާރީގައި މަންދީގެ އިތުރުން ކޭޝިއަރަކަށް އުޅޭ ފިރިހެނަކު ވެސް ވަނީ ޒަހަމްވެފައެވެ. މިކަމާ ގުޅޭގޮތުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ އޮފީސް ތެރޭގައި މާރާމާރީ ހިންގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.



އަދި އެކަން ކުރި މީހުން ހައްޔަރުކުރުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފަ އެވެ. މާރާމާރީގައި އަނިޔާ އާއި ގެންލުންވި ފަރާތްތަކަށް އިންސާފު ލިބެން ޖެހޭނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

އަނިޔާވީ އޮފީސް ސްޓާފް ޝާމިން އަށާއި މެމްބަރު މީކައިލްގެ މަންމަ (މަންދީ) އަށް އަވަސް ޝިފާއަކަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

މި މާރާމާރީއާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރެއެވެ. ފުލުހުން ގެންދަނީ މިމަައްސަލަ ތަހުގީގް ކުރަމުންނެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން