ކޯވިޑް-19 އާއި ގުޅޭ ކަންކަމުގައި ފްރަންޓްލައިންގައި މަސައްކަތް ކުރައްވާ އެމްއެންޑީއެފްގެ ބައެއް އޮފިސަރުން
ކޯވިޑް-19 އާއި ގުޅޭ ކަންކަމުގައި ފްރަންޓްލައިންގައި މަސައްކަތް ކުރައްވާ އެމްއެންޑީއެފްގެ ބައެއް އޮފިސަރުން
ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގެ ހާލަތަށް އަންނަ ބަދަލުތަކާއެކު ކުރިއަށް އޮތް ހަފްތާގައި އަންނާނެ ކަމަށް ލަފާކުރާ ސާޖު ގައި އެންމެ ގިނައިން ބައްޔަށް ޕޮޒިޓިވްވާނެ އެއް ބަޔަކީ ސިފައިންނަށް ވެދާނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީޑިއާތަކަށް މޭޖަރ ޝަމާލް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ގައުމީ ސަލާމަތާ ރައްކާތެރިކަމަށް ކުރަމުންދާ މަސައްކަތުގެ އިތުރުން، ކޮވިޑާ ގުޅިގެން ކުރަމުން ގެންދާ މަސައްކަތުގައިވެސް ސިފައިންނަކީ އެންމެ ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުން ކަމަށެވެ. އެއީ ކޮވިޑަށް ޝައްކު ކުރެވޭ މީހުންނާ ކައިރީގައި ކަމަށް ވިޔަސް، ޕޮޒިޓިވް ވާ މީހުންނާ ގާތުން ކަމަށް ވިޔަސް، ސިފައިން ތިބީ ފްރަންޓްލައިންގައި ކަމަށް ޝަމާލް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ހީކޮށްގެން ތިބި ކަމެއް މިއީ. އަދިވެސް ހަމަ ޕޮޒިޓިވް ވާނެ ސިފައިން. ނަމަވެސް ސިފައިން ރައްކާތެރިކުރުމަށްޓަކާ ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައި ހުރީ. ވަރަށް ކުރީއްސުރެން ފެށިގެން ސިފައިން އަހުލުވެރި ކުރުވައި، ސިފައިން ތަމްރީނު ކުރުމާއި، އޭގެއިތުރުން ސިފައިންގެ ތެރޭގައި އައިސޮލޭޓް އަދި ކަރަންޓީނު ކުރުންފަދަ ކަންކަމަށް ފިޔަވަޅު ދަނީ އެޅެމުން." ޝަމާލް ވިދާޅުވިއެވެ.

އެހެން ކަމުން، ރާއްޖޭގައި ކޮވިޑްގެ ސާޖެއް އަންނަ އިރު ޕޮޒިޓިވް ވާ މީހުންގެ ތެރޭގައި ސިފައިން ހިމެނިގެން ދިއުމަކީ ގާތް ކަމެއް ކަމުގައި ޝަމާލް ވިދާޅުވިއެވެ. ޝަމާލް ވިދާޅުވީ، މިހާރުވެސް ސިފައިންގެ ތެރެއިން ސާޅީހަކަށް މީހުން ޕޮޒިޓިވް ވެފައި ވާ ކަމަށެވެ. އަދި ޕޮޒިޓިވް ވެ ރަނގަޅުވެގެން ސިފައިން ޑިއުޓީއަށް ނުކުމެފައިވެސް ވާ ކަމަށް ވިދާޅުވިއެވެ.

"އެންމެ ފުރަތަމަ ކަރަންޓީނު ކުރި ސިފައިން އަނބުރާ ފޯސް އަށް ޖޮއިން ވެއްޖެ. އެމީހުން މިހާރު އެ ދަނީ މަސައްކަތް ކުރަމުން. އެންމެ ފުރަތަމަ ޕޮޒިޓިވްވި މީހާ ވެސް މިހާރު އެހުރީ ރަނގަޅުވެގެން އައިސް ސިފައިންގެ ތެރެއަށް ވަދެ މަސައްކަތް ކުރަން. އަޅުގަނޑުގެ މެސެޖަކީ މިކަމުގައި ސިފައިން ފަހަތަށް ނުޖެހި ވަރުގަދައަށް މިކަމުގައި ކުރިމަތިލައިގެން ގައުމު ސަލާމަތް ކުރުމޭ ވިސްނުމަކީ. އެކަން ކުރާނަން." ޝަމާލް ވިދާޅުވިއެވެ.

ސަލާމަތީ ބާރުތަކުގެ ތެރެއިން ޕޮޒިޓިވް ވާ މީހުންގެ އަދަދު ހާމަ ކުރުން އެޗްޕީއޭއިން ހުއްޓާލި އިރު ސިފައިންގެ ތެރެއިން 20 މީހަކު ޕޮޒިޓިވިކަން ވަނީ ހާމަކޮށްފައެވެ.

ޝަމާލް ވިދާޅުވީ، ސިފައިން ފްރަންޓްލައިންގައި މަސައްކަތް ކުރަނީ، ހުރިހާ ކަމެއް އެނގި ތިބެ ކަމަށާއި، ހާލަތަށް ފުރިހަމައަށް ތައްޔާރުވެ ތިބެގެން ކަމަށެވެ. އޭނާ ވިދާޅުވީ، ކޮވިޑާ ގުޅިގެން ހަރަކާތްތެރިވާ އެހެން ފަރާތްތަކެކޭ އެއްގޮތަށް ސިފައިންވެސް ހަރަކާތްތެރިވަނީ ޕްރޮޓެކްޓިކް ގިއާއާއި ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތަކާ އެކުގައި ކަމަށެވެ. ނަމަވެސް މީހަކު ބަލިވެ ނުވަތަ ޕޮޒިޓިވް ވުމަކީ އޮތް ފުރުސަތެއް ކަމަށެވެ.

މޭޖާ ޝަމާލް އިތުރަށް ވިދާޅުވީ، ކޮވިޑުގެ ކަންތަކުގައި ހަރަކާތްތެރިވާ ސިފައިން ވަކިވަކި މަރުކަޒުތަކުގައި ތިބޭ އިރުވެސް، ގައުމީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި މިފަދަ ހާލަތެއް ދިމާވެފައިވާ ދަނޑިވަޅެއްގައިވެސް ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް އެއްވެސް ލޮޅުމެއް އަތުވެދާނެ ކަމެއް ކުރުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ނުދެއްވާނެ ކަމުގައި ޝަމާލު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން