ރައީސް އިބްރާހިމް މުހަންމަދު ސާލިޙުގެ ސަރުކާރުގެ އެންމެ ބޮޑު ކާމިޔާބީ އަކީ ސަރުކާރުން ކޮވިޑު މެނޭޖްކުރި ގޮތް ކަމަށް އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ޓީވީ ޕްރޮގުރާމެެއްގައި ރޭ ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ޗީފް ވިޕް، މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ، މި ސަރުކާރުން ހޯދި އެންމެ ބޮޑު ކާމިޔާބަކީ ކޮވިޑު މެނޭޖްކުރުން ކަމަށާއި ރާއްޖެއަށް ކޮވިޑު އައިއިރު އެކަމުން ރައްކާތެރިވުމަށް ސަރުކާރުން މަސައްކަތްކޮށް ފެސިލިޓީތައް ގާއިމް ކޮށްފައިވާ ކަމަށެވެ. ރާއްޖޭގައި ކޮވިޑުގެ ހާލަތު އެންމެ ނުރައްކާވެެގެންދިޔައިރު، ހޮސްޕިޓަލްތަކުގައި ބެޑެއް ނެތި މަގުމަތީގައާއި، އަދި ހޮސްޕިޓަލުގެ ކޮރިޑޯގައި މީހުން ބައިތިއްބަން ޖެހޭފަދަ ހާލަތެއް ނާންނަ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

"ސިއްހީ ބޭފުޅުން އެކަންވެސް ހަމަ ވަރަށް ރަނގަޅަށް މެނޭޖްކޮށް ހަމަ ހުރިހާ ޕޭޝަންޓުންނަށް ވަގުތު ދީގެން މަސައްކަތް ކުރި ތަން އަޅުގަނޑުމެންނަށް ފެނުނީ ބައެއް ބޭފުޅުން ނިޔާވެގެންދިޔައިރު އޭގެ ތެރޭގައި ގިނައީ އުމުރުން ދުވަސްވީ މީހުންނާއި ވެކްސިން ނުޖެހި ތިބި މީހުން. އެހެންވީމަ ހަގީގަތަކީ ކޮވިޑުގެ ހާލަތު މިގައުމުން ވަރަށް ރަނގަޅަށް މެނޭޖްކުރިކަން." ރޮޒައިނާ ވިދާޅުވިއެވެ.

މީގެ އިތުރުން ދައުލަތަށް އެއްވެސް އާމްދަނީއެއް ލިބޭނެގޮތެއް ނެތި، ކޮވިޑް މިހާ ރަނގަޅަށް މެނޭޖްކުރިގޮތަށް މެނޭޖްކުރި ދުނިޔޭގެ އެއްވެސް ގައުމެއް ނެތް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. ކޮވިޑުގެ ހާލަތުގައި ސަރުކާރުން މުވައްޒަފުން ވަކިނުކޮށް، ހުރިހާ މުވައްޒަފުންނަށް މުސާރަ ދެވުނީ ލޯނު އެހީއާއި ހިލޭ އެހީތައް ސަރުކާރުން ހޯދައިގެން ކަަމަށާއި، ހާލަތުން އަރައިގަތުމަށް ރައީސް ސާލިޙު ކުރެއްވި މަސަައްކަތް ފާހަގަކުރަންޖެހޭ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ ރިސޯޓްތަކުން އަމިއްލަ ކުންފުނިތަކުން ވަޒީފާ އިން ވަކިކުރި މުވައްޒަފުންނަށް އިންކަމް ސަޕޯޓް އެލަވަންސް ދީފައިވާއިރު ބޮޑެތި ވިޔަފާރިތަކަށާއި ކުދި ވިޔަފާރިތަކަށް ސަރުކާރުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޭނުންވާ ވަރަށް ވެކްސިން ލިބި ގިނަ ބަޔަކު ވެކްސިން ޖަހާފައިވާ ކަމަށާއި، އެ ހުރިހާ ކަންތައްތަކެއްވީ ހަމަ ހުރެފައި ނޫން ކަމަށް ރޮޒައިނާ ވިދާޅުވިއެެވެ.

"ރާއްޖެ ނޫނީ ނޯންނާނެ އެއްވެސް އެއްޗެއް އަމިއްލަ ގައުމަށް ނުލިބިދިޔަ، ހަމަ އެއްވެސް ފައިސާ އެއް، ކޮންތާކުންތޯ ހޯދާނީ؟ އިގްތިސާދު ބަރޯސާވެފައި މި އޮންނަނީ ފަތުރުވެރިކަމަށް، ޓޫރިސްޓުން ނާންނަ ނަމަ އަޅުގަނޑުމެންނަށް ޑޮަލަރު ލިބޭނެ އެއްވެސް ގޮތެއް ނޯވޭ، ލޮކްޑައުންގައި ތިބެން ހަދައިގެން މަސްވެރިންނާއި އެހެން އިންޑަސްޓްރީތަކަށް ވެސް ނުލާހިކު ބޮޑަށް އޭގެ އަސަރު ކޮށްފައި ހުރީ، ޑޮލަރު ނުލިބުމާއި ގުޅިގެން ދެން ހުރި ކޮންސްޓަރަކްޝަނާއި އެކި އެކި އިންޑަސްޓްރީތައް ކުރިއަށް ނުދެވިފައި ހުރީ، އެހެންވީމަ ވިސްނާލަންޖެހޭ އަޅުގަނޑުމެންނަށް ލިބުނު ފައިސާއާއި ހިލޭ އެހީއަށް ލިބުނު އެއްޗެއްސާ، އޭގެ އިތުރުން ލޯނުތަކާއި އެއްޗެހި ނަގައިގެން ނޫންތޯ، އެއްވެސް މީހަކު ވަޒީފާއިން ވަކިނުކޮށް މުސާރަ ދީގެން މިގެންގުޅެވުނީ. މިއީ ހަމަ ހުރެފައި ގެންގުޅެވުނީއެއް ނޫން." މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމެޓީގެ މުގައްރިރުކަން ވެސް ކުރައްވާ ރޮޒައިނާ އާދަމް ވިދާޅުވިއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން