ހުކުރު ޚުތުބާވެސް މި ސަރުކާރުން ސިޔާސީ ކޮށްފައިވާ ކަމަށް ނައިފަރު ދާއިރާގެ ޕީޕީއެމް މެންބަރު އަހުމަދު ޝިޔާމް މިރޭ ވިދާޅުވެއްޖެއެެވެ.

ޕީޕީއެމުން "އައްޑަނަ" ގެ ނަމުގައި އަލިމަސް ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުން އެޕާޓީގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ މިއަދުގެ ހުކުރު ޚުތުބާ ސަރުކާރުން ސިޔާސީ ކޮށްފައިވާ ކަމަށެވެ. ހުކުރު ޚުތުބާ ހަދަނީ އަދާލަތު ޕާޓީގެ ބޭފުޅުން ކަމަށާއި، އެޕާޓީގެ ރައީސް އައްޝައިހް އިމްރާން އަބުދު ﷲ އަކީ ސިޔާސީ މަންފާއެއް ހާސިލް ކުރަން ކޮންމެ ފަދަ ކަމެއް ކުރަންވެސް ތައްޔާރަށް ހުންނެވި ބޭފުޅެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ހުކުރު ހުތުބާ އިން ގައުމުގެ ހަގީގީ ހާލަތު ސާފު ނުވާ ކަމަށް ޝިޔާމް ވިދާޅުވިއެެވެ. ޝިޔާމް ވިދާޅުވީ ހުކުރު ހުތުބާގައި ސަލާންޖަހާ މީހުންނަކީ މަކަރާއި ހީލަތުން ފައިސާ ހޯދާ ބަޔެއްކަން ބަޔާންކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް ސަލާންޖަހާ ހުރިހާ މީހުންނަކީ މަކަރާ ހީލަތުން ސަލާންޖަހާ ބަޔެއް ނޫން ކަމަށާއި، ސަލާންޖަހަން ރައްޔިތުންނަށް މަޖުބޫރު ކުރުވީ ސަރުކާރުން ކަމަށް ޝިޔާމް ވިދާޅުވިއެވެ. ހުކުރު ހުތުބާގައި ވަރަށް ބޮޑަށް ސިޔާސީ ކުލަ ޖެހިފައިވާ ކަމަށް ޝިޔާމް ތުހުމަތު ކުރެއްވިއެެވެ.

"ދިވެހި ރައްޔިތުން ގެންގޮސްފައި ތިބި ހާލަތު އަޅުގަނޑުމެންނަށް ހުތުބާއަކުން އަޑެއް ނީވުނު، މިސަރުކާރުން ދިވެހި ރައްޔިތުން ދިވެހި ގައުމު ގެނެސްފައި ތިބި ހާލަތު ހުކުރު ހުތުބާ އިން ވިދާޅުވެ ދެއްވާކަން ނުކުރެނު، އާމްދަނީ ހޯދަން ހުރިމަގުތައް ބަންދުވެގެން ދިޔަ ކަމުގެ ސިއްރު ހާމަކުރާކަން ނުކެރުނު." ޝިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން ޝިޔާމް ވިދާޅުވީ މިއަދު ފެނިގެންދަނީ އާދަޔާ ޚިލާފަށް ރައްޔިތުން ސަލާންޖަހާ މަންޒަރު ކަމަށެވެ. ދިވެހި ރައްޔިތުން ސަލާންޖަހާ މިންވަރަށް އާއިލާތައް ބިކަވެފައިވާ ކަން އިހުސާސް ކުރެވޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ. ސަރުކާރުގެ މި ވޭތުވެދިޔަ ދުވަސް ތަކުގައި ރައްޔިތުން ވަރަށް ބޮޑެތި ތަކުލީފް އުފުލަންޖެހި ނިކަމެތި ވެފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެެވެ.

"ރައްޔިތުންގެ އުއްމީދެއް ނެތް، ދިވެހި ރާއްޖޭގެ އިގްތިސާދާ މެދު ރައްޔިތުންގެ އުއްމީދެއް ނެތް. އިޖްތިމާއީ ގޮތުން ރައްޔިތުން ތިބީ ނިކަމެތި ކަންމަތީ. މިކަމުގެ ޒިންމާ ނަގަނީ ކޮންބަޔެއްތޯ؟ ކޮބާތޯ ރާއްޖޭގައި ހުރި މުވައްސަސާތައް؟ ވައްކޮށް ރޮށި ދެމިއަސް އަދި ނެތް މިކަން ފަރުޖެއްސޭކަށް." ޝިޔާމް ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ، ސަރުކާރު ކޯލިޝަން ޖާޑީގައި ތިބީ އެކައްޗެއް ކަމަށާއި، އެއިން އިތުރު އެއްޗެއް ނުނިކުންނާނެ ކަމަށެވެ. އަދި ކޯލިޝަންގެ ބައިވެރިން ބޭރުގައުމުތަކުން ރާއްޖެއަށް ވެރިވުމަށް ޖާގަ ދެމުންދާ ކަމަށް ޝިޔާމް ތުހުމަތުކުރެއްވިއެެވެ.

"ބޭރު ގައުމުތަކުގެ ސިފައިން މިގައުމުގައި ބޭތިއްބުމަށް މި މީހުން ޖާގަދެނީ ހަދާ އެގްރިމެންޓްތައް ދިވެހި ރައްޔިތުންނަށް ހާމަކުރަނީއަކީ ނޫން، ރައްޔިތުން ތަމްސީލް ކުރާ މަޖިލީހަކަށް ހާމަކުރަނީއަކީ ނޫން. މި އެގްރިމެންޓް ތަކުގައި ރާއްޖެ ތާށިވެ ދިވެހި އާއިލާތަކަށް އާމްދަނީ ހޯދަން ހުރި މަގުތައް ބަންދުވެގެން މިދަނީ." ޝިޔާމް ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި އިދިކޮޅު ކޮންގްރެސް ކޯލިޝަން ހިންގުމާއި ހަވާލުވެ ވަޑައިގެން ހުންނެވި އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) އާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދާއި ޕީޕީއެމްގެ ނައިބު ރައީސް ޣައްސާން މައުމޫނާއި، ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދުގެ އިތުރުން ކޯލިޝަންގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މިޖަލްސާއަށް އިދިކޮޅު ވަރަށް ގިނަ ބަޔަކު ހާޒިރުވެފައިވާކަން ފާހަަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު