ރާއްޖެ އޮތީ އަލިފާން ފަރުބަދައެއް ގޮވުމަށް ދުން އެރުމުގެ މަރުހަލާގައި ކަމަށް އިދިކޮޅު ކޯލިޝަން ވަގުތީ ގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެއެވެ.

ޕީޕީއެމުން އަލިމަސް ކާނިވާ ސަރަހައްދުގައި ރޭ ބޭއްވި އައްޑަނަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ ވިދާޅުވީ އަލިފާން ފަރުބަދައެއް ގޮވުމުގެ ކުރިން ވަރަށް ބޮޑަށް ދުން އަރާނެ ކަމަށާއި، ރާއްޖެ މިއޮތީ އަލިފާން ފަރުބަދައެއް ގޮވުމަށް ދުން އެރުމުގެ މަރުހަލާގައި ކަމަށެވެ. އަދި އަލިފާން ފަރުބަދަ ގޮވާނީ ކޮންއިރަކު ކަން އެނގިވަޑައިނުގަންނަވާ ކަމަށް އަބުދުއްރަހީމް ވިދާޅުވިއެވެ.

"ހުރިހާ ރައްޔިތުންވެސް ކުރަންވީ ކަމަކީ މި އަލިފާން ފަރުބަދަ ގޮވުމުގެ ކުރިން މިއިން ރައްކާތެރިވެ ތިބެންވީ އަޅުގަނޑުމެން އެންމެން ސިޔާސީ ފިކުރަކަށް ނުބަލާ އަޅުގަނޑުމެން އެންމެން ކަމަރު ބަންނަންވީ ރައީސް އަބުދު ﷲ ޔާމިންގެ ގައުމީ ފިކުރުގައި އެމަނިކުފާނާއި އެކީގައި މަސައްކަތް ފައްޓަންވީ." އަބުދުއްރަހީމް ވިދާޅުވިއެވެ.

އަބުދުއްރަހީމް ވިދާޅުވީ، ރާއްޖެ މިއަދު އޮތް ހާލަތުގެ ޒިންމާ ކޯލިޝަންގެ ހުރިހާ ލީޑަރުން އެއްވަރަކަށް ނަގަންޖެހޭނެ ކަމަށެވެ. ރިޔާސީ އިންތިޚާބު ގާތްވަމުން އަންނަ ކަމަށާއި، މި ސަރުކާރުގެ ކޯލިޝަން ލީޑަރުންނަށް ނޫނެކޭ ބުނުމުގެ ހިތްވަރު ރައްޔިތުންގެ ކިބައިގައި ހުންނަންޖެހޭ ކަމަށް އަބުދުއްރަހީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ބްރިޖާ މަގު ހެދުމުގެ ނަމުގައި ރާއްޖެއިން ބޭރުން އަންނަ މީހުންނާއި މެދު ރައްޔިތުން ސަމާލުވާންޖެހޭ ކަމަށާއި، އެއީ އާދައިގެ ބައެއް ނޫން ކަމަށެވެ. އެއީ ރާއްޖޭގެ މިނިވަންކަން ނަގާލައި އަޅުވެތި ކުރާނެ ބަޔެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ބްރިޖާ މަގު ހެދުމުގެ ނަމުގައި އަންނަ މީހުންނަކީ މާދަމާ ދިވެހި ރައްޔިތުން އެމީހުންގެ ގޯތި ގެދޮރުން ނެރެ ބޭރު ކުރާނެ މީހުން، އެމީހުންނަކީ އަޅުގަނޑުމެންގެ މިނިވަންކަން ނަގާލާނެ މީހުން. އެމީހުންނަކީ ޅަދަރިންގެ ކަރުގިލި ދަމައިގަންނާނެ މީހުން. އެމީހުންނަކީ އަންހެނުންގެ އިއްފަތްތެރިކަން ފޭރިގަންނާނެ މީހުން. އެމީހުންނަކީ ރައްޔިތުން އަޅުވެތި ކުރާނެ މީހުން. އެމީހުންނާއި ދޭތެރޭ އަޅުގަނޑުމެން މިއަދު ފާރަވެރިވާން އެބަޖެހޭ." އަބުދުއްރަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން އަބުދުއްރަހީމް ވިދާޅުވީ ރާއްޖެ ކުޑަވެފައި މީސްކޮޅު މަދުވުމަކީ އިންޑިޔާގެ ވަކިތަކުގެ ދަށަށް ރާއްޖެ ގެންދަންވީ ސަބަބެއް ނޫން ކަމަށެވެ. އިންޑިޔާގެ އަސްކަރީ ސިފައިންނާއި ޑޯނިއާ މަތިންދާބޯޓެއް ރާއްޖެއަށް ބޭނުންނުވާ ކަަމަށާއި، އެތަކެތި މިހާރުން މިހާރަށް ގެންދިޔުމަށް އަބުދުއްރަހީމް ގޮވާލެއްވިއެވެ. ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓާނީ ރާއްޖެއިން ކަމަށާއި، އެކަން ރާއްޖެއަށް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު މިއަދުގެ ސަރުކާރަށް ގޮވާލަން ބޭނުންވަނީ މިހާރުން މިހާރަށް އިންޑިޔާގެ އަސްކަރީ ސިފައިން މިގައުމުން ބާލާށޭ. ގޮތް ނޭގޭ އެގްރިމެންޓްތައް އުވާލާށޭ. މިއީ ދިވެހި ރައްޔިތުންގެ ހިތްތަކުގައި ކެކި އަރަމުންދާ ޝުއޫރުތައް." އަބުދުއްރަހީމް ވިދާޅުވިއެވެ.

ގިނަ ދުވަސްތަކަށްފަހު ރޭ އިދިކޮޅު ކޯލިޝަނުން ބޭއްވި އެޖަލްސާގައި ކޯލިޝަނަށް ތާއިދު ކުރާ ވަރަށް ގިނަ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.



ކިޔުންތެރިންގެ ހިޔާލު