ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން އައްޑޫގައި ހިންގާ ބޮޑެތި ޕްރޮޖެކްޓްތައް އިދިކޮޅު ފަރާތްތަކަށް ނުހުއްޓުވޭނެކަމަށް ފޭދޫ ދާއިރާގެ އެމްދީޕީ މެންބަރު މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

މެމްބަރު ނިހާދު ވަނީ އައްޑޫ ސިޓީގެ ތަރައްގީގެ މަޝްރޫއުތަކަށް ނުފޫޒު ފޯރުވައި ހުއްޓުވުމަށް ޕީޕީއެމް/ ޕީއެންސީން ހިންގާ ބިރު ދެއްކުމާއި ދޮގު މައުލޫމާތު ފެތުރުން ހުއްޓާލުމަށް ގޮވާލައްވާފައެވެ. އަދި މިސަރުކާރުން އައްޑޫގައި އެތައް މިލިއަން ޑޮލަރެއްގެ ޕްރޮޖެކްޓް ހިންގާނެކަމަށާއި އެކަން ނުވެސް ހުއްޓުވޭނެކަމަށް ނިހާދު ވިދާޅުވިއެވެ.



ނިހާދު މިހެން ވިދާޅުވީ ސީދާ ކީއްވެގެން ކަމެއް ވިދާޅުނުވި ނަމަވެސް ޕީޕީއެމް/ ޕީއެންސީން ރޭ ބޭއްވި ޖަލްސާގައި ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެގޮތުން ސަރުކާރުން ހިންގާ ޕްރޮޖެކްޓްތަކަކީ ރާއްޖެ އަޅުވެތިކުރުމަށް ކުރާ މަސައްކަތްތަކެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކުން ފާހަގަކުރިއެވެ. އެގޮތުން އިންޑިއާގެ އެހީގައި ތަރައްގީގެ ނަމުގައި ހިންގާ ޕްރޮޖެކްޓްތައް ހިންގުމަށް އައިސް ތިބި މީހުންނާމެދު ސަމާލުވުމަށް ގޮވާލާ އެމީހުންނަށް އެކި ތުހުމަތުތަކުގެ އިނގިލިވެސް ވަނީ ދިއްކޮށްފައެވެ.

އައްޑޫގައި ހިންގާ ބޮޑެތި ޕްރޮޖެކްޓްތައް އިދިކޮޅު ފަރާތްތަކަށް ނުހުއްޓުވޭނެކަމަށް މެމްބަރު ނިހާދު ވިދާޅުވިއިރު، މި ސަރުކާރުން ވަނީ އައްޑޫގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ހިންގާފައެވެ. އަދި ތަރަައްގީގެ އިތުރު މަޝްރޫއުތައް މިހާރުވެސް ކުރިއަށްދެއެވެ. އެގޮތުން މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި 500 މިލިއަނަށްވުރެ ގިނަ ރުފިޔާ އައްޑޫގެ ތަރައްގީގެ މަޝްރޫއުތަކަށް ވަނީ ހަރަދުކޮށްފައެވެ. ނަމަވެސް އައްޑޫގައި ހިންގާ ގިނަ މަޝްރޫޢު ތަކަކީ އިންޑިއިން އެހީއާއި ލޯނު ނަގައިގެން ހިންގާ މަޝްރޫޢު ތަކެކެވެ.



ކިޔުންތެރިންގެ ހިޔާލު