ރިޓަޔަރ ކުރެއްވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމެޓީ، 241 ކޮމެޓީން ދިރާސާކޮށް ނިންމުމަށްފަހު ތަޅުމަށް ފޮނުވިއިރު، އޭނާއާ ސުވާލެއްވެސް ކޮށްލާފައިނުވާކަމަށް ރިޓަޔަރޑް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ޑރ. ޢަބްދުﷲ ފައިރޫޝް ވިދާޅުވެއްޖެއެވެ.

ފައިރޫޝް ރިޓަޔަރ ކުރެއްވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީން ދިރާސާކޮށް ނިންމުމަށްފަހު ތަޅުމަށް ފޮނުވީ މިދިޔަ ބުރާސްފަތިދުވަހުއެވެ.

ކޮމެޓީން މައްސަލައަކަށް ހަދައިގެން އެކަން ބަލަން ފެށީ އެމައްސަލަ ބަލައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ހުށަހެޅުއްވުމުންނެވެ.

ކޮމިޓީން ބެލި އެމައްސަލައާ ގުޅިގެން ފައިރޫޝް ވިދާޅުވި ‏241 ކޮމިޓީން މީހަކު ރިޓަޔަރކުރި މައްސަލައެއް ބަލާ ރިޕޯޓު ހުށަހެޅިއިރު އެމީހާއަށް ހިލަމެއްވެސް ނުވާކަމަށެވެ. އަދި މައްސަލަ ބެލީ އަމަލުކުރަން ފަށާފައިވާ ގާނޫނެއްގެ ދަށުން ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"‏241 ކޮމިޓީން މީހަކު ރިޓަޔަރކުރި މައްސަލައެއް ބަލާ ރިޕޯޓު ހުށަހަޅައިފިއެވެ. އެމީހާއަށް ހިލަމެއްވެސް ނުކޮށެވެ. މަލަމަތި ރީތިކޮށްލުމަށް ނަމަވެސް އަންގާލިނަމަހީއެވެ! ބެލީ، ޢަމަލުކުރަން ފަށާފައިވާ ޤާނޫނެއްގެ ދަށުންނެއްވެސް ނޫނެވެ." ފައިރޫޝް ވިދާޅުވިއެވެ.



މިމައްސަލަގާއި ކޮމެޓީންވަނީ ހޯމް މިނިސްޓަރާއި ފުލުނުންގެ އިސްވެރިންނާއި އަދި ކަމާގުޅުންހުރި އެހެން ބޭފުޅުންނާވެސް ބައްދަލުކޮށް 2 ކަމެއް ރިޕޯޓުގައި ހުށަހަޅާފައެވެ.

އެގޮތުން މި މައްސަލާގައި ބަޔާންކޮށްފައިވާ ބާވަތްތަކުގެ ތުހުމަތުތަކަކީ ޢާންމު އިޖުތިމާޢީ މިންގަނޑުތަކުން ބަލާއިރު ބޮޑެތި ތުހުމަތުތަކެއް ކަމަށްވާތީ، ކުރިއަށް އޮތް ތަނުގައި އެފަދަ ތުހުމަތުތަކެއް ކުރެވިފައިވާ ފަރާތެއް މަޤާމުން ރިޓަޔަރ ކުރުމަށް އެދުމުން، އެފަދަ ފަރާތެއް ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރުމުގައި އެތުހުމަތުތަކަށް ރިޢާޔަތްކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގައި ދެންނެވުމަށް ފެންނަކަމަށް ވަނީ އެދިފައެވެ.

އަދި ކުރިއަށް އޮތްތަނުގައި މި ބާވަތުގެ މައްސަލައެއް ތަކުރާރުވިޔަ ނުދިނުމަށާއި އެކަމުގައި ޢަމަލުކުރެވޭނެ ގޮތް ހަރުދަނާކުރުމަށްޓަކައި ޢަމަލުކުރާނެ ގޮތުގެ އުޞޫލެއް ނުވަތަ ޤަވާޢިދެއް ހަދައި އެ ޤަވާޢިދަށް ޢަމަލުކުރަމުން ގެންދިއުމަށާ، އެ ޤަވާޢިދު ތައްޔާރުކޮށް ނިންމުމުން އެކަން ކޮމިޓީއަށް ހުށަހެޅުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގައި ދެންނެވުމަށްވެސް ރިޕޯޓުގައި ވަނީ ކަނޑައަޅާފައެވެ.

މޯލްޑިވިސް ޕޮލިސް ސަރވިސްގެ، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި، ޑރ. ޢަބްދުﷲ ފައިރޫޝް ރިޓަޔަރ ކުރައްވާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 2 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު