ކްރިމިނަލް ކޯޓުގެ ކުރީގެ ޤާޟީ އަހުމަދު ހައިލަމާ ގުޅޭގޮތުން ކްރިމިނަލް ކޯޓުގެ ކުރީގެ ޤާޟީ ހަސަން ނަޖީބު ދެއްކެވި ވާހަކަތައް ހައިލަމް ދޮގުކުރައްވައިފިއެވެ.

ކުރީގެ ފަނޑިޔާރުންނާއި ބައެއް ގާނޫނީ ވަކީލުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ކުރީގެ ޤާޟީ ނަޖީބް ވަނީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޟީ އަހުމަދު ހައިލަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ދިނުމާއި ގުޅޭގޮތުން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރާ މަޝްވަރާކުރިކަމަށް ތުހުމަތުކުރައްވާފައެވެ.

ނަޖީބުގެ ތުހުމަތާއި ގުޅިގެން ހައިލަމް ވަނީ ރައީސް ޔާމިންގެ ޝަރީޢަތާމެދު ކަންބޮޑުވާކަން ދެއްކުމުގެ ގޮތުން، ކުރީގެ ޤާޟީ ނަޖީބް ދެއްކެވި ޙަޤީޤަތާ ޚިލާފު ވާހަކަތައް ކުށްވެރިކުރަށްވާފައެވެ. އަދި ނަޖީބަކީ، ވަޒީފާގެ ކަށަވަރުކަމަށްޓަކައި އެމްޑީޕީއާ ގުޅިގެން ރައީސް ޔާމީން ޖަލަށް ލުމަށް އޭނާ ގާތު އެދިވަޑައިގެންނެވި ބޭފުޅެއްކަމަށް ހައިލަމް ތުހުމަތުކުރެއްވިއެވެ.



"ރައީސް ޔާމީންގެ ޝަރީޢަތާމެދު ކަންބޮޑުވާކަން ދެއްކުމުގެ ގޮތުން، ކުރީގެ ޤާޟީ ނަޖީބް އަޅުގަނޑާ ބެހޭގޮތުން ދެއްކެވި ޙަޤީޤަތާ ޚިލާފު ވާހަކަތައް ކުށްވެރިކުރަން. ނަޖީބަކީ، ވަޒީފާގެ ކަށަވަރުކަމަށްޓަކައި އެމްޑީޕީއާ ގުޅިގެން ރ. ޔާމީން ޖަލަށް ލުމަށް އަޅުގަނޑު ގާތު އެދުނު ބޭފުޅެއް." ހައިލަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

ކުރީގެ ފަނޑިޔާރުންނާއި ބައެއް ގާނޫނީ ވަކީލުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ކުރީގެ ގާޒީ ނަޖީބް ވިދާޅުވީ ރައީސް ޔާމީންގެ މައްސަލަ ކްރިމިނަލް ކޯޓުން ނިމުނީ އަދުލުވެރިކޮށް ނޫންކަމަށެވެ. އެގޮތުން ކޯޓަށް ވަރަށް ބޮޑަށް ސިޔާސީ ނުފޫޒު ފޯރާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން ރައީސް ޔާމީންގެ މައްސަލަ ކޯޓުގައި ހިނގަމުންދިޔައިރު އޭރު މައްސަލަ ބައްލަވަމުން ގެންދެވި ކޯޓުގެ އިސް ގާޒީ ހައިލަމާ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރާ ދެމެދު ވާހަކަތަކެއް ދެކެވުނުކަން ނަޖީބް ފާހަގަކުރެއްވިއެވެ.

ނަޖީބް ވިދާޅުވީ ހައިލަމާއި އަލީ ޒާހިރާ ދެމެދު ދެކެވުނު ވާހަކައެއްގައި ހައިލަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ދިނުމާއި ގުޅޭގޮތުން ހުރިހާ ކަމެއް ނިމިފައިވާކަމަށް އަލީ ޒާހިރު ވިދާޅުވި އަޑު އެއްސެވިކަމަށެވެ. އަދި އޭރު ކޯޓުގައި އޮތީ އަދީބާއި ޒިޔަތުގެ ފާސިގު ހެކި ބަސް ބަލައިގަތުމާއި މެދު ގޮތެއް ނިންމުންކަމަށްވެސް ނަޖީބު ވިދާޅުވިއެވެ. އެހެންކަމުން ހައިލަމަށް ސިޔާސީގޮތުން އޮތް ނުފޫޒު ވަރަށް ސާފުކަމަށް ނަޖީބް ވިދާޅުވިއެވެ.

ހައިލަމަކީ އެމްޑީޕީގެ ބައެއް މުޒާހަރާތަކުގެ ކުރީ ސަފުން ވެސް ފެނިގެން ގޮސްފައިވާ ބޭފުޅެކެވެ.



ކިޔުންތެރިންގެ ހިޔާލު