އެމްޑީޕީ އޮފީސްތެރޭގައި މާރާމާރީ ހިންގައި މަރިޔަމް ޒުބައިރު (މަންދީ) ގެ ބޯ ފަޅާލިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެ އޮފީހުގައި މަސައްކަތްކުރާ އަޙްމަދު ޖަޒީލްގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ބުރާސްފަތި ދުވަހު ހިންގި މާރާމާރީގައި ޒަހަމް ވެފައިވަނީ އެމްޑީޕީގެ އިދާރީ މުވައްޒަފެއް ކަމަށްވާ މަރިޔަމް ޒުބައިރު (މަންދީ) އެވެ. މަންދީ އަކީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމްގެ މަންމަ އެވެ.

ޖަޒީލް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން އިއްޔެގެ ވަގުތެއްގައެވެ. އަދި އޭނާގެ ބަންދުގެ މުއްދަތަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހާފައިވާކަމަށް މައުލޫމާތު ލިބެއެވެ.

މި ޙަމަލާ އާ ގުޅިގެން މަންދީއަށް ވަނީ އޭޑީކޭގައި ފަރުވާ ދީފައެވެ.

ޙަމަލާއާ ގުޅިގެން އޮންލައިން ފޯރަމެއްގައި ރޭ މަންދީ ބުނެފައިވަނީ، ޖަޒީލް އޭނާއަށް ޙަމަލާދީފައިވަނީ، ބައިސްކަލްގެ ފުރޮޅު ލޮކްކުރަން ގެންގުޅޭ ދަގަނޑު ލޮކަކުން ކަމަށެވެ. ބައެއް މީޑިއާތަކަށް މަޢުލޫމާތު ދެމުން ޖަޒީލް ބުނެފައިވަނީ އޭނާ އެ ޢަމަލު ހިންގާފައިވަނީ އޭނާއަށް ކުރަމުންދިޔަ ފުރައްސާރައަށް ކެތް ނުކުރެވިގެން ކަމަށެވެ.

ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު