ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހުކުމް އިއްވަން އެންގީ ކޮން ވަޒީރެއްތޯ، ވިދާޅުވެ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހަންމަދު ޝަހީމް އަލީ ސައީދު، ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމާއި ސުވާލު ކުރައްވައިފިއެވެ.

އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ޑރ. ޝަހީމް މިހެން ވިދާޅުވީ ރައީސް އަބުދު ﷲ ޔާމިނަށް ހުކުމެއް އިއްވަން ވަޒީރަކު ޓެލެގްރާމުން ސީކްރެޓް މެސެޖެއް ކުރި ކަމަށް އެމަނިކުފާނުގެ މައްސަލަ ފުރަތަމަ ބެއްލެވި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހްމަދު ހައިލަމް ވިދާޅުވެ ދެއްކެވި ވާހަކަތަކާއި ގުޅިގެންނެވެެ.

ރައީސް ޔާމީނަށް ހުކުމް އިއްވުމަށް ވަޒީރަކު މެސެޖް ކުރި ކަމަށް ހައިލަމް ވިދާޅުވެ ޓްވީޓް ކުރެއްވި ނަމަވެސް ކުޑަވަގުތުކޮޅެއް ފަހުން އޭނާ ވަނީ އެޓްވީޓް ޑިލީޓް ކުރައްވާފައެވެ.

ޝޯސަލް މީޑިޔާގައި ދައުރުވަމުންދާ ޓްވިޓާގެ ސްކްރީން ޝޮޓްތަކާއި ގުޅިގެން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ ޝަހީމް ވަނީ ހައިލަމަށް އެ މެސެޖް ކުރެއްވީ ކޮން ވަޒީރެއްތޯ ސުވާލު ކުރައްވާފައެެވެ. ނަމަވެސް އެސުވާލަށް އަދި މިހާތަނަށް ހައިލަމް ޖަވާބު ދެއްވާފައެއް ނުވެއެވެ.



ޖޭއެސްސީ އިން ސުލޫކީ މައްސަލަ އެއް ބަލަމުންދަނިކޮށް މަގާމުން އިސްތިއުފާ ދެއްވި ހައިލަމް ވިދާޅުވީ އޭނާ އެއްވެސް މީހަކާއި ޑީލެއް ނުހައްދަވާ ކަމަށެވެ. ވަޒީފާ ގެއްލުވާލީ ވައިބާގައި ހިއްސާ ކުރި ފޮޓޯއެއްގެ ސަބަބުން ކަމަށް ވެސް ހައިލަމް ވިދާޅުވިއެވެ. އަދި ސަރުކާރާއެކު ޑީލެއް ހެދި ނަމަ އަދިވެސް އޭނާ ހުންނާނީ މަގާމުގައި ކަމަށް ހައިލަމް ވިދާޅުވިއެވެ.

"އަޅުގަނޑު ޑީލެއް ނުހަދަން. އަޅުގަނޑު ވައިބާގައި ހިއްސާ ކުރި ފޮޓޯ އާއި އެކު ވަޒީފާ ގެއްލުވާލީ. އޭގެ އިތުރުން އަޅުގަނޑަށް ސަރުކާރުގެ ވަޒީރަކު ރައީސް ޔާމީނަށް ހުކުމް ކުރުމަށް އަންގައި ޓެލެގްރާމް ސީކްރެޓް ޗެޓެއްގައި މެސެޖުކުރީ. އަޅުގަނޑު އެ މެސެޖަށް ރިޕްލައިވެސް ނުކުރަން." ހައިލަމް ވިދާޅުވިއެވެ.

ރައީސް ޔާމިނަށް ކްރިމިނަލް ކޯޓުން އިއްވި ފަސް އަހަރުގެ ޖަލުގެ ހުކުމް ސްޕްރީމް ކޯޓުގައި އިސްތިއުނާފްކޮށް އަޑުއެހުންތައް ފެށުމަށް ތައްޔާރުވަމުންދާ މި ދަނޑިވަޅުގައި އެ ހުކުމަށް ސަރުކާރުން އެކި ގޮތް ގޮތުން ނުފޫޒު ފޯރުވާފައިވާކަން މިވަނީ ހާމަވެފައެވެ.

ރައީސް ޔާމިނަށް ހުކުމް އިއްވި ތިން ފަނޑިޔާރުންގެ އޯޑިއޯތަކެއް ލީކުވެފައިވާއިރު މިހާރު ދައުރުވަމުން އަންނަ އޯޑިއޯތަކުން އިވިގެން ދަނީ ރައީސް ޔާމީނަށް ހުކުމް ކުރި ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަސް ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރެއްގެ އަޑުކަން ކަށަވަރުވާ ކަމަށް ހައި ކޯޓުގައި އޭރު އިސް ފަނޑިޔާރަކަށް ހުންނެވި ޝުޖާއު އުސްމާން ވަނީ ވިދާޅުވެފައެވެ.

އެހެން ނަމަވެސް އެ ފަނޑިޔާރުން މީގެ ކުރިން ވަނީ އެކަން ދޮގުކޮށްފައެވެ.

ރައީސް ޔާމީނަށް ހުކުމް ކޮށްފައިވަނީ ޗީފް އޮފް ސްޓާފް އަލީ ޒާހިރުގެ ނުފޫޒު އޮވެގެން ކަމަށް ބައެއް ފަނޑިޔާރުން ބުނެފައި ވާއިރު އެމައްސަލައިގައި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާފައިވާކަން ބައެއް ފަނޑިޔާރުން ވަނީ ވަރަށް ފާލުކަން ބޮޑުގޮތެއްގައި ވިދާޅުވެފައެވެ. އެހެން ނަމަވެސް އަލީ ޒާހިރު ވެސް ވަނީ އެކަން ދޮގުކުރައްވާފައެެވެ.



ކިޔުންތެރިންގެ ހިޔާލު