ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓައިދިނުމަށް ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ ހައިކޯޓުގައި މިއަދު ފަށަން ނިއްމައިފި އެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓައި ދޭން އެދުނު އަމުރު ނެރެދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފަށް ހުށައެޅި ނަމަވެސް އެމައްސަލަ އެކޯޓުން ބަލައިގެންފައެއް ނުވެއެވެ. އެ މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުގެ ނިއްމި ނިއްމުން ސްޕްރީމް ކޯޓުން ވަނީ ބާތިލްކޮށްފައެވެ.

ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު ނެރެނުދިން މައްސަލަ ދައުލަތުން އިސްތިއުނާފު ކުރުމުން އެ މައްސަލައިގެ ޝަރީއަތް ހައި ކޯޓުގައި މިއަދު މެންދުރު 2:30 އަށް ވަނީ ތާވަލްކޮށްފައެވެ. ހައި ކޯޓުން މި މައްސަލަ ކުރިއަށް ގެންދަނީ ދައުވާ ލިބޭ ފަރާތެއް ނެތް މައްސަލައެއްގެ ގޮތުގައި ކަން ފާހަގަކޮށްލެވެއެެވެ.

ޖިންސީ ގޯނާގެ ދައުވާތަކެއް އުފުލާފައިވާ އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް ދައުލަތުން އެދުނީ މިދިޔަ ޖޫން މަހުގެ 23 ވަނަ ދުވަހު އެވެ. ކްރިމިނަލް ކޯޓުން އެ އަމުރު ނެރެދެވެން ނެތް ކަމަށް ނިންމި ނިންމުމުގައިވަނީ އަލީގެ ޕާސްޕޯޓު ހިފަހައްޓާނެ ސަބަބެއް ނެތް ކަމަށެވެ.

އަލީގެ ޕާސްޕޯޓު ހިފަހައްޓަން ނެރުނު އަމުރު ކްރިމިނަލް ކޯޓުން ބާތިލު ކުރުމާ ގުޅިގެން މިދިޔަ ފެބްރުއަރީ ނުވަ ވަނަ ދުވަހު އޭނާ ވަނީ ރާއްޖެއިން ބޭރަށް ވަޑައިގެންފައެވެ. އަލީ ވަހީދު މިހާރު ހުންނެވީ އިނގިރޭސިވިލާތުގަ އެވެ. ވިިސާގެ މުއްދަތު ހަމަވުމުން އަލީ ވަހީދު މިހާރު ވަނީ އެގައުމުގެ ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފައެވެ.

އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން ނިންމި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި މައްސަލައިގައި ކޯޓަށް ހާޒިރު ވެފައި ނުވާތީ ކޯޓުގެ ހުރުމަތްކެނޑިކަމުގެ ކުށުގައި ސްޕްރީމް ކޯޓުން ވަނީ އޭނާގެ މައްޗަށް ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމްކޮށްފައެވެ. އަދި އެ ހުކުމް ތަންފީޒު ކުރުމަށް ކަރެކްޝަން ސާރވިސްގެ މައްޗަށް ސްޕްރީމް ކޯޓުން މިހާރު ވަނީ އަމުރުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު