އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) ގެ މެންބަރު ޤައުމަކަށްވުމަށް ރާއްޖެއިން ހުށަހެޅި ހުށަހެޅުން ރަސްމީކޮށް ބަލައިގެންފިއެވެ.

ރާއްޖެއިން އައިޓީއެފްސީގައި ބައިވެރިވާން ހުށަހާޅާފައިވަނީ އުޒްބަކިސްތާނުގައި ކުރިޔަށްދާ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް ގްރޫޕުގެ އަހަރީ ބައްދަލުވުމުގެ ތެރެއިންނެވެ. ރާއްޖެއިން އައިއެސްޑީީބީއަށް ކަނޑައަޅާފައިވާ އެކްޓިންގ ގަވަނަރުގެ ހައިސިއްޔަތުން ޕްލީނެރީ ސެޝަންގައި ރާއްޖޭގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގަންނަވަނީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލެވެ.

މިބައްދަލުވުމުގެ ހަވާސާގައި މިނިސްޓަރ ފައްޔާޒް ވަނީ އައިޓީއެފްސީގެ ސީއީއޯ ހާނީ ސާލެމް ސޮންބޮލްއާ ބައްދަލު ކުރައްވައި، ރާއްޖޭއާއި އައިޓީއެފްސީ ގުޅިގެން ހަރުދަނާ މަސައްކަތްތަކެއް ކުރުމާއި މެދު މަޝްވަރާ ކޮށްފައެވެ.



އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) ގެ މެންބަރު ޤައުމަކަށްވުމަށް ރާއްޖޭގެ އެޕްލިކޭޝަން ރަސްމީކޮށް ބަލައިގެންފައިވާއިރު އޯއައިސީ މެމްބަރު ޤައުމެއްގެ ހައިސިއްޔަތުން ރާއްޖެއަށް އައިޓީއެފްސީގެ ފަންނީ އަދި މާލީ އެހީ އަބަދުވެސް ލިބެމުންދެއެވެ. އެގޮތުން ފާއިތުވި އަހަރުތަކުގައި އެސްޓީއޯއިން އިމްޕޯޓްކުރާ ތެލުގެ ބާވަތްތަކަށް އެކި ފަހަރުމަތިން އައިޓީއެފްސީން ވަނީ ފައިނޭންސް ފޯރުކޮށްދީފައެވެ.

މީގެ އިތުރަށް 2019 ވަނަ އަހަރު، އައިޓީއެފްސީން ރާއްޖެއަށް 1.5 ބިލިއަން ޑޮލަރުގެ އެހީ ދިނުމަށް ފްރޭމް ވޯކް އެގްރިމެންޓެއްގައި ސޮއިކޮށްފައިވެއެވެ. މިއީ ދަނޑުވެރިކަމުގެ ދާއިރާއާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އިންވެސްޓްކުރުމަށް ލިބިގެންދިޔަ އެހީތެރިކަމެއް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އަދި އައިޓީއެފްސީގެ މެންބަރު ޤައުމަކަށްވުމުން މިއެހީތެރިކަން އިތުރަށް ފުޅާވެގެންދާނެކަމަށް ސަރުކާރުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު