ރައީސް އަބުދު ﷲ ޔާމިނަށް ހުކުމްކުރި ބެންޗުގެ އިސްގާޒީ އަލީ ރަޝީދުގެ މައްސަލައިގައި އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދާއި އިދިކޮޅު ކޯލިޝަނުން ބައްދަލުކުރި ކަމަށް ޕީއެންސީގެ ރައީސް އަބުދުއްރަހީމް އަބުދުﷲ ރޭ ވިދާޅުވެއްޖެއެެވެ.

އަބުދުއްރަހީމް މިހެން ވިދާޅުވީ ޕީޕީއެމުން މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެެވެ. އިދިކޮޅު ކޯލިޝަން ވަގުތީ ގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި އަބުދުއްރަހީމް އަބުދު ﷲ ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ އިސްބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދާއި ބައްދަލުކުރެއްވީ ގާޒީ އަލީ ރަޝީދު މީޑިޔާ އަކަށް އިންޓަވިއު ދެއްވި މައްސަލައާއި އަމިއްލަ ފުޅަށް ބެންޗު ކަނޑައަޅައި ރައީސް ޔާމިންގެ މައްސަލަ ކުރިއަށް ގެންދަން ނިއްމުމުން އޭނާގެ ސުލޫކީ މައްސަލައެއް ޖޭއެސްސީއާއި ކަމާ ގުޅޭ މުވައްސަސާ ތަކަށް ހުށައެޅުމުން އެމައްސަލަ ނުބެލުމުން އެކަމުގެ ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށް ކަމަށެވެ.

ރައީސް ނަޝީދާއި ބައްދަލުކުރުމުން ދަށު ކޯޓުގެ ކަންތައްތަކާއި ނޫޅުމަށާއި މަތީ މަރުހަލާގެ ކޯޓުގެ ކަންތައްތަކާއި އުޅުމަށް އެމަނިކުފާނު ކޯލިޝަނުން ބައްދަލުކުރެއްވި ބޭފުޅުންގެ ގާތު ވިދާޅުވި ކަމަށް އަބުދުއްރަހީމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގައި އިންނަވާ ރައީސް ނަޝީދު އެގޮތަށް ވިދާޅުވީ ކްރިމިނަލް ކޯޓުން ރައީސް ޔާމިނަށް ހުކުމްކުރާނެކަން އެނގިވަޑައިގަންނަވާތީ ކަމަށް އަބުދުއްރަހީމް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ އެ ވާހަކަފުޅުން ރައީސް ޔާމިނަށް އިއްވި ހުކުމަކީ ރައީސް ނަޝީދާ އެމަނިކުފާނުގެ އައުވާނުން ގާޒީ އަލީ ރަޝީދަށް ލިޔެފައި ދިން ހުކުމެއް ކަމަށް ބެލެވިދާނެ ކަމަށް އަބުދުއްރަހީމް ވިދާޅުވިއެެވެ. އިދިކޮޅު ޕާލިމެންޓްރީ ގުރޫޕާއި ލީޑަރޝިޕްގެ އިސްބޭފުޅުންނާއި ވަކި ވަކި ބޭފުޅުން ރައީސް ނަޝީދާއި އެތައް ފަހަރަކު ބައްދަލުކުރި ކަމަށް އަބުދުއްރަހީމް ވިދާޅުވިއެވެ.

"އޭރު އަދި ރައީސް ޔާމިންގެ މައްސަލަ ނުނިމޭ ރައީސް ޔާމިންގެ މައްސަލަ ނުނިމި އޮއްވާ ރައީސް ނަޝީދު މި ވިދާޅުވަނީ ދަށު ކޯޓުގެ ކަންތަކާއި ތިބޭފުޅުން (އިދިކޮޅު ކޯލިޝަނުން) ނޫޅުއްވާށޭ، ތިބޭފުޅުން ހައިކޯޓުން ސަލާމަތްވޭތޯ މަސައްކަތް ކުރާށޭ.، އެހެންވީމަ މާނައަކީ ރައީސް ނަޝީދަށް އޭރުވެސް އެނގެއޭ ކްރިމިނަލް ކޯޓުން ރައީސް ޔާމިނަށް ހުކުމްކުރާނީ ކޮންގޮތަކަށްކަން.، ނޫނީ ރައީސް ނަޝީދާއި އެމަނިކުފާނުގެ އައުވާނުން އެ އޮތީ ހުކުމް ލިޔެފަ އަލީ ރަޝީދަށް ދީފައޭ. އެކަން މި އެގޭގޮތަކީ ފަނޑިޔާރުން ބޭއްވި ޕްރެސްގައި ވަރަށް ސާފުކޮށް އެވާހަކަ ދެއްކި. އަދި ލީކުވެގެން އުޅޭ އޯޑިއޯތަކުގައި ވަރަށް ސާފުކޮށް ފަނޑިޔާރުން އެބަބުނޭ ތިމަންނަމެންނަކަށް ނޭގޭ ހުކުމުގައި އޮތް އެއްޗެއް، ތަފާތު އެކި ފަހަރުމަތިން އަޅުގަނޑުމެން ކުރިން މި ވާހަކަ ދެއްކިން،، ހުކުމް ކުރި ދުވަހު ކަންތައްތަށް ހިގާދިޔަ ގޮތްވެސް އަޅުގަނޑުމެން ކިޔައިދިނިން." ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބުދުއްރަހީމް ވިދާޅުވިއެވެ.

ގާޒީ އަލީ ރަޝީދު ރައީސް ޔާމިންގެ މައްސަލަ ބެލުމާއި ހަވާލު ވެވަޑައިގެންނެވީ، އެމައްސަލަ އޭގެ ކުރިން ބެއްލެވި ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމް ސުލޫކީ މައްސަލަ އެއްގައި ސަސްޕެންޑްކުރުމުންނެވެ. ރައީސް ޔާމީނަށް ހުކުމްކުރަން ކުޑަ ވަގުތުކޮޅަށް ވެފައި ވަނިކޮށް ހައިލަމް ސަސްޕެންޑްކުރީ ވައިބަރ ގުރޫޕަކަށް ލީ ފޮޓޯއަކާއި ގުޅިގެންނެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ރައީސް ޔާމިން ފަސް އަހަރަށް ޖަލަށްލުމަށާއި ބޮޑު އަދަދަކުން ޖޫރިމަނާ ކުރުމަށް ހުކުމް އިއްވީ ގާޒީ އަލީ ރަޝީދާއެކު ފަސް ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލައިގެންނެވެ. އެހުކުމަށް ސަރުކާރުން ނުފޫޒު ފޯރުވާފައިވާ ކަމަށް ބައެއް ފަނޑިޔާރުން ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް ސަރުކާރުން އެކަން ދޮގުކުރެއެެވެ.



ކިޔުންތެރިންގެ ހިޔާލު