ހއ. އުލިގަން
ހއ. އުލިގަން
މާލެ ފިޔަވާ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށަކުން އެންމެ ފުރަތަމަ ކޯވިޑް-19 އަށް ޕޮޒިޓިވްވި، ހއ. އުލިގަމު މީހާ ބަލިން ރަނގަޅުވެއްޖެ ކަމަށް ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ސަލީމް ވިދާޅުވީ، އުލިގަމުން ކޯވިޑް-19 އަށް ފުރަތަމަ ޕޮޒިޓިވްވި ފަރާތް ބަލިން ރަނގަޅުވެފައިވާކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި ރާއްޖެ މި ބަލިމަޑުކަމުން ސަލާމަތް ކުރައްވައި އުފާވެރި ދުވަސްތަކެއް ދިވެހިންނާ ބައްދަލު ކުރާނެ ކަމުގެ އުންމީދު ކުރައްވާ ކަމަށްވެސް ސަލީމް ގެ ޓްވީޓްގައި ވެއެވެ.

އިތުރު މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށް މެންބަރު ސަލީމް ވިދާޅުވި ނަމަވެސް އެޗްޕީއޭ އިން އަދި އެކަން އާންމު ކޮށްފައެއް ނުވެއެވެ.

އުލިގަމުން ފުރަތަމަ ކޭސްއެއް ފެނި ޓެސްޓްކުރި މީހާ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަން ސަރުކާރުން އިއުލާން ކޮށްފައި ވަނީ މިދިޔަ އޭޕްރީމް މަހުގެ 19 ވަނަ ދުވަހުއެވެ. މިއީ މާލެ ފިޔަވާ މީހުން ދިރިއުޅޭ ރަށަކުން ކޮވިޑަށް ޕޮޒިޓިވް ވި ފުރަތަމަ މީހާއެވެ. އެ މީހާ އަކީ ކާވިޔާ ބޯޓުން އެރަށަށް ދަތުރު ކުރި މީހެކެވެ.

ރާއްޖެއިން މިހާތަނަށް 904 މީހަކަށް މި ބަލި ޖެހިފައިވާއިރު، ބަލި ޖެހުނު މީހުންގެ ތެރެއިން 31 މީހަކު ރަނގަޅުވެފައި ވާ ކަމަށް ސަރުކާރުން ވަނީ އިއުލާން ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން