ށ. ފީވަކުގައި ފެނުގެ ނިޒާމް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ފަށައިގެން ކުރިއަށްދާކަމަށް އެމް ޑަބްލިޔު އެސް ސީން ހާމަކޮށްފިއެވެ.

މިގޮތުން، މިހާރު ކުރިޔަށްދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތްކުރުމުގެ މަސައްކަތްކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ. އަދި ފެނުގެ ނިޒާމް ޤާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރު ވަނީ ށ. ފީވަކަށް ގެންދެވިފައިކަމަށްވެސް އެކުންފުނިން ހާމަކޮށްފައިވެއެވެ.

 

ފީވަކުގެ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަޝްރޫޢަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމް.ޑަބްލިޔު.އެސް.ސީއާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. ޖުމްލަ 49،603،418.19 ދިވެހި ރުފިޔާގެ މި މަޝްރޫޢު ނިންމަންޖެހޭ މުއްދަތަކީ 450 ދުވަހެވެ.

މި މަޝްރޫޢުގެ ދަށުން ފީވަކުގައި 9.17 ކިލޯ މީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ޤާއިމް ކުރުމާއި އާރ.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި 2 އާރ.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 3 ތާނގީ ބެހެއްޓުން ހިމެނެއެވެ. މީގެ އިތުރުން، ގޭގޭގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދޭނެއެވެ. މިއާއެކު، ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނު މިމަޝްރޫޢުގެ ދަށުން ފޯރުކޮށްދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މިމަޝްރޫޢުގެ މަސައްކަތް ނިމުމުން ފީވަކުގެ ރައްޔިތުންނަށް ރައްކާތެރި ސާފު ބޯފެނުގެ ނިޒާމެއް ލިބިގެންދާނެކަމަށް އެމް ޑަބްލިޔު އެސް ސީން ބުނެފައިވެއެވެ. 



ކިޔުންތެރިންގެ ހިޔާލު