ރައީސް ޞާލިޙް ހޮސްޕިޓަލަކަށް ވަޑައިގެންނެވިއިރު އެތަނުގައި އޮތް ކުޑަކުއްޖަކަށް ޒިޔާރަތް ކުރައްވަނީ
ރައީސް ޞާލިޙް ހޮސްޕިޓަލަކަށް ވަޑައިގެންނެވިއިރު އެތަނުގައި އޮތް ކުޑަކުއްޖަކަށް ޒިޔާރަތް ކުރައްވަނީ
ދުނިޔެ އާއްމު ސިއްހީ ހާލަތަށް ގެނައުމަށް ނަރުހުން މަސައްކަތްކުރަމުން ދަނީ ހިތްވަރާއެކު ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ދިވެހި ނަރުހުންނަށް ތައުރީފުކުރައްވައި ޝުކުރުއަދާކުރައްވައިފިއެވެ.

ބައިނަލްއަގުވާމީ ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ފޮނުއްވައި ކުރެއްވި ޓުވީޓެއްގައި ރައީސް ޞާލިޙް ވަނީ، ދިވެހި ނަރުހުންނަށް ތައުރީފުކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.

އެ ޓުވީޓުގައި ރައީސް ވިދާޅުވެފައި ވަނީ، ނަރުހުންނަކީ އަމިއްލަ ނަފުސަށްވުރެ އެހެން މީހުންގެ ފުރާނައާއި ސިއްހަތަށް އިސްކަންދީގެން މަސައްކަތްކުރާ ބައެއް ކަމަށް ވިދާޅުވެފައެވެ.

އެގޮތުން މިހާލަތުގައި ޖެހިލުމެއްނެތި ނަރުހުން ކުރާ ހިތްވަރާއި ދެމުންދާ ޚިދުމަތުން ނަރުހުންގެ ޝަރަފުވެރި ޚިދުމަތް ފާހަގަވެގެންދާ ކަމަށްވެސް ރައީސް ޞާލިޙް ވިދާޅުވެފައިވެއެވެ.

މިހާލަތުގައި ދިމާވެދާނެ ނުރައްކަލަށް ބެލުމެއްނެތި ދިވެހި ނަރުހުން ދައްކަމުން އަންނަ ހިތްވަރު ފާހަގަކުރައްވައި ރައީސް ޞާލިޙް ވަނީ ދިވެހި ނަރުހުންގެ އެ މަސައްކަތަށް ހިތްވަރުދެއްވައި، ޝުކުުރު އަދާކުރައްވައިފައެވެ.

ބައިނަލްއަގުވާމީ ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ނާސިން އެންޑް މިޑްވައިފްރީ ކައުންސިލުން ވެސް މިއަދު ވަނީ ރިޕޯޓެއްް ނެރެފައެވެ.

އެ ރިޕޯޓުގައި މިއަދު ރާއްޖެއަށް ދިމާވެފައިވާ ހާލަތުން އިބުރަތް ހާސިލުކޮށް، ސިއްހީ ދާއިރާއަށް އިތުރަށް ސަމާލުކަން ދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން