ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށްޓަކައި، ރަށްރަށުގެ ބިންތަކުގެ ޤާނޫނީ ބާރުވެރިކަން ކައުންސިލްތަކަށް ދިނުމަށް ބިމާބެހޭ ޤާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިބިލް ފާސްކުރީ 42 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

ބިމާބެހޭ ޤާނޫނަށް ގެނެސްފައިވާ އިސްލާހުތަކުގެ ތެރޭގައި، ކައުންސިލްތަކުގެ މިލްކުވެރިކަމުގެ ދަށުގައިވާ ބިން އެކައުންސިލުތަކުން ދޫކޮށް، ކުއްޔަށްދީ ހެދުމުގެ ބާރު ހިމެނެއެވެ. އަދި ރަށްރަށުގެ ބިންތަކުގެ ތެރެއިން ދިރިއުޅެން ނޫން ބޭނުންތަކަށްވެސް އެކި ބޭނުންތަކަށް ބިންތައް ދޫކުރުމުގެ ބާރު ކައުންސިލްތަކަށް ލިބިދެއެވެ.

ބިލުގައި ބުނެފައިވާ ގޮތުން ބިމުގެ މިލްކުވެރިކަން ކައުންސިލްތަކަށް ލިބިގެންދާއިރު ކައުންސިލުތަކުގެ މިލްކުވެރިކަމުގެ ދަށުގައިވާ ބިންތައް ބޭނުންކުރަން ވާނީ އަދި އެކި ފަރާތްތަކަށް ދޫކުރަންވާނީ، ނުވަތަ ކުއްޔަށް ދޭންވާނީ، އެބިން އޮތް ރަށެއް ނުވަތަ ސިޓީއަކަށް ކަމާބެހޭ ޤާނޫނުގައިވާ ގޮތުގެމަތިން ކަނޑައެޅިފައިވާ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

ލާމަރުކަޒީ ޤާނޫނުން ލިބިދީފައިވާ ބާރުތައް ކައުންސިލްތަކަށް ދިނުމަށް ސަރުކާރުން ވަނީ ލާމަރުކަޒީ ޤާނޫނާއި ފުށުއަރާ އެހެން ޤާނޫނުތައްވެސް އިސްލާހުކޮށް ޤާނޫނުތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ހުށަހަޅާފައެވެ. އެގޮތުން މާލީ ކަންކަމާއި ގުޅޭ ޤާނޫނުތައްވެސް ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު