ރާއްޖޭގެ ކޯޓުތަކުގައި މަސައްކަތް ކުރެއްވި ކުރީގެ ބައެއް ފަނޑިޔާރުން މަގާމުގައި ތިއްބެވިއިރު ސަރުކާރުން ނުފޫޒު ފޯރުވި ކަމަށް ވިދާޅުވަނީ ސިޔާސީ މަގުސަދެއްގަައި ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމުހޫރީ ޕާޓީން ބުނެފިއެވެ.

ޖުމުހޫރީ ޕާޓީން މިހެން ބުނެފައިވަނީ ކުރީގެ ބައެއް ފަނޑިޔާރުންނާއި ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަރުއީ ދާއިރާއާއި ގުޅޭގޮތުން ދެެއްކި ވާހަކަތައް ކުށްވެރިކޮށް ނެރުނު ނޫސްބަޔާނެއްގައެވެ.



ޖުމުހޫރީ ޕާޓީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ކުރީގެ ބައެއް ފަނޑިޔާރުންގެ ވާހަކަތަކަކީ ރާއްޖޭގެ ޝަރުއީ ނިޒާމް ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ހުރަސް އެޅިގެން ހިގައިދާނެ ފަދަ ވާހަކަ ތަކެއް ކަމަށެވެ. އެއީ ރައްޔިތުންގެ މެދުގައި ޝަރުއީ ދާއިރާއަށް އޮތް އިތުބާރު ގެއްލުވާލުމަށާއި އަދުލް އިންސާފް ގާއިމް ކުރުމަށް ކުރެވޭ މަސައްކަތްތަކާއި މެދު ޝައްކު އުފައްދައި އިންސާފުވެރިކޮށް ބޭއްވޭ ޝަރީއަތް ތަކަށް ހުރަސް އަޅައި ފަނޑިޔާރުންނާއި ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވުމަށް ކުރާ ސިޔާސީ މަސައްކަތެއް ކަމަށް އެޕާޓީން ދެކޭ ކަމަށް އެބަޔާނުގައިވެއެވެ.

ޖުމުހޫރީ ޕާޓީން ބުނީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމުގެ އަމަލުތައް ހުއްޓުވޭނީ އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާއި މެދު ގާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން ޖިނާއީ ތަހުގީގެެއް ހިންގައި އެފަރާތްތަކަށް ހައްގު އަދަބު ދެވިގެން ކަމަށެވެ.

"ފަނޑިޔާރުންނާއި ވަކީލުންނަކީ އިސްލާމްދީނާއި ދިވެހިރާއްޖޭގެ ގާނޫނުތަކަށް ފުރިހަމައަށް އިތުބާރު ކުރާ ސިޔާސީ ނުފޫޒުން އެއްކިބާވެ ތިބެ ހައްގު ބަސް ބުނަންޖެހޭ ބަޔަކަށް ވީ ހިނދު، އެފަދަ ބޭފުޅުން ވަކި މައްސަލަ އެއް ހިނގައިދިޔަ ގޮތާއި މެދު ޝަރުއީ ނިޒާމްގެ އަގުވެއްޓޭފަދަ ސުލްހަވެރި އަމާން މުޖުތަމައުއެއް ބިނާކުރުމަށް ކުރެވޭ މަސައްކަތަށް ހުރަސް އެޅިދާނެ އަދި ދުޅަހެޔޮ ޑިމޮކްރަޓިކް ވެއްޓެއް ބިނާކުރުމަށްޓަކައި ކުރެވެމުންދާ އެންމެހައި ކަންކަމަށް ހުރަސް އެޅޭ ފަދަ ވާހަކަތަށް ދެއްކުން މިޕާޓީން ކުށްވެރިކުރަމެވެ." ޖުމުހޫރީ ޕާޓީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ކުރީގެ ބައެއް ފަނޑިޔާރުން ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ އެ ބޭފުޅުން ފަނޑިޔާރު ކަމުގައި މަސައްކަތް ކުރެއްވިއިރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ގުޅުއްވާ، މައްސަލަތައް ވަކި ގޮތަކަށް ނިންމަންވަން އަންގަވާ ނުފޫޒު ފޯރުވި ކަމަށެވެ. އެހެން ނަމަވެސް އަލީ ޒާހިރު އެކަން ވަނީ ދޮގުކުރައްވާފައެވެ. ފަނޑިޔާރުން ވަނީ ރައީސް ޔާމީނަށް އިއްވި ހުކުމާމެދު ސުވާލު އުފެދޭނެ އެތައް ވާހަކަތަކެއް ދައްކަވާފައެވެ. އެ ހުކުމަކީ ފަނޑިޔާރުންނަށް މަޖުބޫރު ކުރުވައިގެން އިއްވެވި ހުކުމެއް ކަމަށާއި ހުކުމްގައި އޮތް އެއްޗެއްވެސް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވާ އޯޑިއޯ ތަކެއްވެސް ވަނީ ލީކުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު