ޖިންސީ ގޯނާގެ ސީރިއަސް ދައުވާ ތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިނގިރޭސިވިލާތުން ހައްޔަރު ކޮށްފައިވާކަން އެގައުމުން އަންގާފައިވާ ކަމަށް ފުލުހުންގެ އިދާރާއިން މިރޭ ބުނެފިއެވެ.

ފުލުހުންގެ އިދާރާއިން ބުނީ ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު އިމިގްރޭޝަން ކުށްތަކެއްގައި އިނގިރޭސިވިލާތުގައި ހައްޔަރުކޮށްފައި ހުރިކަން އެގައުމުގެ ފުލުހުންނާއި ހަވާލާދީ ދިވެހި ފުލުހުންނަށް ރަސްމީކޮށް މިއަދު މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އިނގިރޭސިވިލާތުގައި އަލީ ވަހީދު ހުރުމަށް ދޫކޮށްފައިވާ ވިސާގެ މުއްދަތު މިހާރު ވަނީ ހަމަވެފައެވެ. އަލީ ވަހީދު އިނގިރޭސިވިލާތުން ހައްޔަރުކުރީ މީޑިޔާ ތަކާއި ބައްދަލުކުރުމަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ތައްޔާރުވަމުން ދަނިކޮށް މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ.

އަލީ ވަހީދު އިނގިރޭސިވިލާތައް ވަޑައިގެންނެވީ އޭނާ ޓްއަރިޒަމް މިނިސްޓަރަކަށް ހުންނެވިއިރު ޓްއަރިޒަމް މިނިސްޓްރީގެ 13 މުވައްޒަފަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ގިނަ ދައުވާތަކެއް އޭނާގެ މައްޗަށް އުފުލާފައި ވަނިކޮށް ކޯޓުން އޭނާގެ ޕާސްޕޯޓް ދޫކޮށްލުމުންނެވެ. ބޭސް ފަރުވާ އަކަށް ކަމަށް ބުނެ އިނގިރޭސި ވިލާތަށް ވަޑައިގެންނެވިފަހުން އަލީ ވަހީދު ރާއްޖެ ވަޑައިގެންފައެއް ނުވެއެވެ.

އަލީ ވަހީދަގެ މައްޗަށް ކުރާ ޖިންސީ ގޯނާގެ ތުހުމަތުގެ މައްސަލައިގައި ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ. އަލީ ވަހީދު ސުޕްރީމް ކޯޓަށް ހާޒިރު ނުވުމުން ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބުނެ އޭނާއަށް ވަނީ ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ސްޕްރީމް ކޯޓުން ހުކުމްކޮށްފައެވެ.

އަލީ ވަހީދު ހައްޔަރު ކޮށްފައިވާކަން ދިވެހި ފުލުހުންނަށް އަންގާފައިވަނީ އެ ހުކުމް ތަންފީޒު ކުރަން އޭނާ ރާއްޖެ ގެނައުމަށް ފުލުހުންނާއި އިންޓަޕޯލާ ގުޅިގެންވެސް މަސައްކަތްކުރާނެ ކަމަށް ބުނެފައި ވަނިކޮށެވެ.



ކިޔުންތެރިންގެ ހިޔާލު