މި ސަރުކާރުގެ އަމާޒަކީ، އަންހެނުންގެ ތަރައްޤީއާއި އަންހެނުން ބާރުވެރިކުރުމަށް ކުރިމަތިވާ ހުރަސްތައް ނައްތާލައި، ޙައްޤު މަޤާމު އަންހެނުންނަށް ހޯދައިދިނުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިރޭ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ 2020 - 2021 ވަނަ އަހަރުގެ ރެހެންދި އެވޯޑު ދިނުމަށްޓަކައި މިރޭ ރެހެންދި ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ، ސަރުކާރު އަބަދުވެސް އޮންނާނީ ދިވެހި އަންހެނުންނަށް ތަރައްޤީގެ ފުރުޞަތުތައް ފަހިކޮށްދީ، ދިވެހި އަންހެނުން ބާރުވެރިކުރުމުގައި އެހީތެރިވެދިނުމަށް ކަމަށެވެ. ރައީސް ސާލިޙު ވަނީ ސަރުކާރުން އަންހެނުން ބާރުވެރިކުރުމަށްޓަކައި ކުރާ މަސައްކަތުގައި ދިވެހި އެންމެހާ ކަނބަލުން އެއްބާރުލުންދިނުމަށް އެދިވަޑައިގެންފައެވެ. އަދި މިހާރު ސަރުކާރުން އަންހެނުންނަށް ފަހިކޮށްދެއްވާފައިވާ ފުރުޞަތުތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމަށްވެސް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.

މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިޙު ވަނީ ދިވެހި ދައުލަތުގެ ފަރާތުން ރެހެންދި އެވޯޑްގެ ނަމުގައި އެވޯޑެއް ދިނުމުގެ މަޤްޞަދުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެ މަޤްޞަދަކީ އަންހެނުން ކުރާ މަސައްކަތްތަކާއި ޙާޞިލުކޮށްފައިވާ ކާމިޔާބީތަކުގެ އަގުވަޒަންކޮށް، ޤައުމީ ތަރައްޤީގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ހަމަ އެއާއެކު މިންތީގެ ތަފާތުތައް ނައްތާލައި ދެޖިންސުގެ ދެމެދުގައި ހަމަހަމަކަން ޤާއިމު ކުރުމަށް މަސައްކަތްކުރާ، ވަކިވަކި ފަރުދުންނާއި އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ މަސައްކަތްތައް ބަލައިގަނެ، ޤައުމީ ފެންވަރެއްގައި އަގު ވަޒަން ކުރުމަކީ ވެސް، ރެހެންދި އެވޯޑް ދިނުމުގެ ވަރަށް ބޮޑު ބޭނުމެއްކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ސަރުކާރުން އަންހެނުން ބާރުވެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ މިރޭ ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ސަރުކާރުގެ މަސައްކަތުން ޤާނޫނީ ގޮތުން ގެނަސްފައިވާ ބަދަލުތައް ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އޭގެ ތެރޭގައި ލާމަރުކަޒީ ޤާނޫނަށް ގެނެވުނު މުހިންމު ބަދަލުގެ ސަބަބުން އަންހެނުންނަށް ލިބިގެންދިޔަ ފުރުޞަތުތައް ރައީސް ވަނީ ފާހަގަކުރައްވާފައެވެ. ހަމަ އެއާއެކު މި އަހަރު ރާއްޖޭގައި ފުރަތަމަ ފަހަރަށް އުފެދިގެންދިޔަ އަންހެނުންގެ ކޮމިޓީތަކުގެ ސަބަބުން ތަރައްޤީގެ ސިޔާސަތުތައް ކަނޑައެޅުމުގައްޔާއި ކަންކަން ނިންމުމުގައި، އަންހެނުންގެ ބައިވެރިވުން ޢަމަލީ ގޮތުން އިތުރުވެގެން ގޮސްފައިވާކަމަށް ރައީސް ސާލިޙު ފާހަގަކުރެއްވިއެެވެ.

"ސިޔާސީ ދާއިރާއިންވެސް އަދި އިޖުތިމާޢީ ދާއިރާއިންވެސް، މި ދެންނެވި ހުސްކަން އަޅުގަނޑުމެންނަށް އެބަ ފެނޭ. މިއަދު އަޅުގަނޑުމެން މި ކުރަމުން މި އަންނަ މަސައްކަތަކީ، އެ ހުސްކަން ފޫބެއްދުމަށް ކުރަންޖެހޭ ކަންތައްތައް ކުރުން. ސިޔާސީ މައިދާނުން އަންހެނުންނަށް ފުރުޞަތު ހޯދައިދިނުމަށް އަޅުގަނޑުމެންނަށް ކުރެވުނު އެންމެ މުހިންމު އެއް ކަމަކީ، ޤާނޫނުގެ އަތުން އަންހެނުންގެ އަތުގައި ހިފައިގެން، މަޤާމުތަކަށް ގެންގޮސްދިނުން. މި ދެންނެވީ ލާމަރުކަޒީ ޤާނޫނަށް އަޅުގަނޑުމެން ގެނައި އިޞްލާޙުގެ ބަދަލުގެ ވާހަކަ." ރައީސް ސާލިހު ވިދާޅުވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ޤައުމު ބިނާކުރުމުގައި މިހާރުވެސް އެންމެ މުހިންމު ދައުރެއް އަދާކުރައްވަނީ އަންހެނުންކަމުގައި ފާހަގަކުރައްވާފައެވެ. އަދި އެއީ ރާއްޖޭގެ ތަޢުލީމީ ދާއިރާގައި ޚިދުމަތް ކުރައްވާ ގާތްގަނޑަކަށް 78 އިންސައްތަ އަންހެނުންކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ސާލިޙު ވިދާޅުވީ އަދިވެސް ކަންކަން ނިންމާ ފެންވަރުގައި ގޮތް ކިޔައި ބަސްބުނުމުގައި އަންހެނުންނަށް ގޮންޖެހުންތަކެއް ހުރިކަމަށެވެ. އަދި އެގޮންޖެހުންތައް ކުރިމަތިވަނީ މުޖްތަމަޢުގައި އަންހެނުންނާއި ފިރިހެނުން އަދާކުރަންޖެހޭ ޒިންމާތަކާ މެދު، ޒަމާނުއްސުރެ މުޖުތަމަޢުގައި ހުރި ވިސްނުންތަކާއި ޤަބޫލުކުރުންތަކުގެ ސަބަބުންކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. އެހެންކަމުން އެކަމަށް ޙައްލުހޯއްދެވުމަަށް ކުރައްވާ މަސައްކަތްތަކުން، ޤާނޫނީ އޮނިގަނޑުގެ ތެރެއިން ލިބިދޭ އިތުރު ފުރުޞަތުތަކުގެ އެހީގައި، އަންހެނުންގެ ބައިވެރިވުން އިތުރުވަމުން އަންނަ ވަރަކަށް، މުޖުތަމަޢުގެ ވިސްނުން ރަނގަޅުވާނެކަމަށް ދެކިވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ޒުވާނުންގެ ކުރިމަގަށް ހުރަސްއަޅާ، ކަސިޔާރު ފިކުރުތަކެއް އަޅުގަނޑުމެންގެ ތެރޭގައި އެބަ ދައުރުވޭ. އިޖުތިމާޢީ އަދި ޤައުމީ ޚިދުމަތަށް އަންހެނުން ނުކުތުމުން، އެކަމަށް ނުރުހުންވާ މަދު ބަޔަކު ނަމަވެސް އެބައުޅޭ. މިއިން ކޮންމެ ކަމަކީ ޤާނޫނުން ޙައްލުކުރެވޭނެ ކަންކަމެއް ނޫން. މިފަދަ ކަންކަން ޙައްލުކުރެވޭނީ އަޅުގަނޑުމެންގެ ވިސްނުން ބަދަލުކޮށްގެން." ރައީސް ސާލިހު ވިދާޅުވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި ރައީސް ވަނީ ކޮވިޑް-19 ހާލަތުގައި އަންހެނުން ކުރެއްވި އަގުހުރި ހިތްވަރުގަދަ މަސައްކަތް ފާހަގަކުރައްވާ އެކަމަށް ތަޢުރީފު ކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ މިރޭ ރެހެންދި އެވޯޑް ޙާޞިލް ކުރެއްވި ބޭފުޅުންނަށާއި، ލ. އަތޮޅު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް، އިޚްލާޞްތެރިކަމާއެކު ވަރަށް ހޫނު މަރުޙަބާއެއް ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު